09 ޖޫން 2016 - 08:08

ޝާހިދު ކަޕޫރާއި އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ކުޅެފައިވާ "އުޅްތާ ޕަންޖާބު" ސެންސަރު ކުރުމުގައި އިންޑިއާގެ ސެންސަރު ބޯޑުން ގެންގުޅޭ ހަރުކަށިކަމާ ދެކޮޅަށް ހިންދީ ފިލްމު އިންޑަސްޓްރީ ތެދުވެއްޖެ އެވެ.
ޕަންޖާބުގައި ހައްދުފަހަނައަޅާފައިވާ، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ފާސްކޮށްދޭން ސެންސަރު ބޯޑުން ކުރިމަތިކޮށްފައިވާ ޝަރުތުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ޝަރުތުތަކެއް ނޫން ކަމަށް އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ފާޅުކަން ބޮޑު ގޮތެއްގައި ވަނީ ބުނެފަ އެވެ.
ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ "އުޅްތާ ޕަންޖާބު" އަކީ މިޒަމާނުގެ ހަގީގަތް ކަމަށެވެ. ހަގީގަތް ސެންސަރުކުރުމަކީ މަކަރުހެދުން ކަމަށާއި ފިލްމު ފްރެޓާނިޓީ މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ފިލްމު ޑައިރެކްޓަރު އޯނިރް ބުނި ގޮތުގައި އެ ފިލްމަކީ ވަކިވަކި މައްސަލައެއް ނަގައިގެން އެ މައްސަލައަށް އުފައްދާފައިވާ ފިލްމެއް ނޫން ނޫނެވެ. އޭނާ ބުނީ ފިލްމުގައި ދައްކަނީ ގިނަ ޒަމާންތަކެއް ވަންދެން ހިނގަމުން އަންނަ ކަމެއް ކަމަށެވެ.
ޚުދް އޯނިރްގެ "އައި އޭމް" އަށާއި "ޗައުރަންގާ" އަށް ވެސް މީގެ ކުރިން ސެންސަރު ބޯޑުގެ މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. ފިލްމު އިންޑަސްޓްރީއަކީ އެ ގައުމަށް އެންމެ ގިނައިން ޓެކްސް ދައްކާ އިންޑަސްޓްރީއަށް ވާއިރު އެމީހުންނަށް މިގޮތަށް އަދަބު ލިބެން ޖެހެނީ ކީއްވެތޯ އޭނާ ސުވާލު ކުރި އެވެ.
އެކްޓަރު ފަރްހާން އަޚްތަރު ވެސް މިކަމާ ދެކޮޅަށް ވާހަކަދައްކާ ޓުވީޓްކޮށްފައިވެ އެވެ.
ޑައިރެކްޓަރު ހަންސަލް މެހެތާގެ "އަލީގަރް" އަށް ވެސް މިއަހަރު ކުރީކޮޅު ސެންސަރުގެ މައްސަލަތަކެއް ކުރިމަތިވި އެވެ. އެހެންކަމުން "އުޅްތާ ޕަންޖާބު" އަށް މިހެން ދިމާވުމުން އޭނާ ވަނީ މާ ބޮޑަށް ރުޅިގަދަ ވެފަ އެވެ.
"އުޅްތާ ޕަންޖާބު" އާ ބެހޭ ގޮތުން އަހަންނަށް މި އިވެނީ ކޮން ކަހަލަ އަޑުތަކެއް. މިއީ އަހަރެން ވަރަށް ރުޅިއަންނަ ކަމެއް،" ހަންސަލްގެ ޓުވީޓްގައި ބުނެފައިވެ އެވެ.
ޑޮކިއުމެންޓްރީ ފިލްމުތައް އުފައްދާ ޑައިރެކްޓަރު ރާކޭޝް ޝަރުމާ ބުނި ގޮތުގައި "އުޅްތާ ޕަންޖާބު" އަށް ސެންސަރު ސެޓްފިކެޓް ދޫކޮށްދޭން ސެންސަރު ބޯޑުން ޝަރުތުތައް ކަނޑައަޅަނީ ސިޔާސީ ސަބަބުތަކަކާ ހުރެ އެވެ. މިއީ ކުރިޔަށް އޮތް ޕަންޖާބުގެ އިންތިޚާބަށް އަސަރުކޮށްފާނެތީ ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެ އެވެ. މިއީ ވެރިކަންކުރާ ބީޖޭޕީ އާއި އަކާލީ ދާލް ޕާޓީ ގުޅިގެން ކުރާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެ އެވެ. ފިލްމުގައި ހާމަކޮށްފައިވަނީ ހަގީގަތެއް ކަމަށާއި އެއީ ޕަންޖާބުގައި ހަގީގަތުގައި ވެސް ހިނގާ ކަންތައްތައް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ފިލްމުގެ ނަމުން ޕަންޖާބު ކަނޑާލަން މަޖްބޫރު ކުރުވުން ފަދަ ކަންތައްތަކަކީ ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ޑައިރެކްޓަރު ބުނެފައި ވެ އެވެ.
ޕްރޮޑިއުސަރު-ޑައިރެކްޓަރު މަހޭޝް ބަޓް ހަމަލާ އަމާޒުކޮށްފައި ވަނީ ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ އަށެވެ.
ޑައިރެކްޓަރު ނިކިލް އަދުވާނީގެ ޓުވީޓްގައި ބުނެފައިވަނީ މި މައްސަލައިގައި ދެން ކުރަން ޖެހޭނެ ކަމަކަށް ވާނީ ފިލްމު އުފެއްދުމުގެ ކުރިން ސްކްރިޕްޓް ސެންސަރުކުރަން ހުށަހެޅުން ކަމަށެވެ.
ބޮލީވުޑުން "އުޅްތާ ޕަންޖާބު" އާ އެއްކޮޅަށް ތެދުވެފައިވާތީ ހުރިހާ ފަރާތްތަކަށް ޝާހިދު ކަޕޫރު ވަނީ ޝުކުރުއަދާކޮށް ޓުވީޓެއް ކޮށްފަ އެވެ.
"އުޅްތާ ޕަންޖާބު"ގެ 40 އަށް ވުރެ ގިނަ ތަންތަން އެޑިޓްކޮށްފައި ނުވަތަ ފިލްމުން މުޅިން އުނިކޮށްގެން ނޫނީ ފިލްމު ފާސްކޮށް ނުދޭނެކަމަށް ސެންސަރު ބޯޑުން ވަނީ ބުނެފަ އެވެ. އަދި ފިލްމު ނަމުން ވެސް "ޕަންޖާބު" އުނިކުރަން ވަނީ އަންގާފަ އެވެ.
އެހެންކަމުން މި މައްސަލަ ހައްލުކުރެވި ކަނޑައަޅާފައިވާ ތާރީޚުގައި ފިލްމު ރިލީޒް ކުރެވިދާނެކަމާ މެދު މިހާރުވަނީ ޝައްކު އުފެދިފަ އެވެ. އަދި ފިލްމު ދުވަހަކު ވެސް ރިލީޒްކުރެވޭނެތޯ ވެސް މިހާރު ބައެއް މީހުން ސުވާލު ކުރެ އެވެ.