26 އޯގަސްޓް 2022 - 21:42

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ (މުސްތޮ) ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފާޑުވިދާޅުވާ މޭރުމަކުން މިއަދު ކުރެއްވި ޓުވީޓަކާއެކު ޕީޕީއެމް-ޕީއެންސީގެ ބައެއް މެމްބަރުން ހޫނުވެއްޖެ އެވެ.

އަޑުހަރުކޮށް ސޫރަތްތައް ކިޔަވާ ނަމާދުތައް މިސްކިތްތަކުގައި ކުރާއިރު ސްޕީކަރުން ބޭރަށް އިވޭ އަޑު މަޑުކުރަން އިސްލާމިކް މިނިސްޓްރީން އެންގި ޚަބަރުގެ ފޮޓޯއަކާއެކު މުސްތޮ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ފަހަރު މިއޮތީ "އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފައި" ކަމަށެވެ.
'ޓިނު އަދުރޭ' އަކީ ފޮނަދޫ ދާއިރާގެ މެމްބަރު ކަަމުގައި އަބްދުއްރަހީމް އަބްދުﷲ ހުންނެވި ދުވަސްވަރު އެމްޑީޕީން އޭނާ އަށް ވަރަށް ބޮޑަށް ދިމާކޮށް ކިޔަމުން ދިޔަ ނަމެކެވެ. އަދި ޕީޕީއެމްގެ އަހަރީ ދުވަހުގެ ތާރީހު ނުބައިކޮށް ވިދާޅުވުމާއި އަދުރޭ އެ ހިސާބު ދިފާއު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އަދުރޭ ހިސާބު ޖަހާ ގޮތާ މެދު ވެސް މީހުން އޭނާ އަށް ވަރަށް ފާޑު ކިޔަ އެވެ.
އަދުރޭ އަށް ފާޑުވިދާޅުވާ މޭރުމަކުން މުސްތޮ ކުރެއްވި ޓުވީޓާއެކު ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގްރޫޕް ތެރޭގައި ވަނީ ވަރަށް ހޫނުވެ އެ މައްސަލާގައި ޒުވާބު ކޮށްފަ އެވެ.
ވަޓްސްއެޕް ގްރޫޕްގެ ތެރޭ ދެއްކި ވާހަކަތަކުގެ ސްކްރީން ޝޮޓުތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފަ އެވެ. އަދުރޭގެ ދަރިފުޅު ފައިސަލް އެ ގުރޫޕުގައި ދެއްކެވި ވާހަކައަކަށް އަދުރޭ އެދިވަޑައިގަތީ ކެތްތެރިވުމަށެވެ. އަދި މަކަރުވެރިންނާއި ހަސަދަވެރިން ބޭޒާރުވާނެ ދުވަހެއް އަންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އެ މައްސަލަގަނޑު ތެރޭގައި އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް އެފަދަ ވާހަކައެއް ނުސީދާ ގޮތަކަށް ވިދާޅުވި އެވެ. އެ ޓުވީޓުގައި ވިދާޅުވީ، ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރާނީ ގޮންޖެހުންތައް ގިރާކޮށް، ހަސަދަވެރިންނަށް ބެލުމެއް ނެތި ވަރަށް ކެރި ހުންނަވައިގެން ކަމަށެވެ.
އެއީ ކޮން ކަމަކާ ގުޅިގެން ކުރެއްވި ޓުވީޓެއް ކަމެއް ވިދާޅުނުވެ، އަދުރޭ ވަނީ އޭނާ ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރައްވާ ފޮޓޯ އެ ޓުވީޓުގައި ހިމަނައިފަ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން ހޫނުވެ، އެ ވާހަކަތައް އާންމުވާން ފެށުމާއެކު، ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ މުސްތޮ ފަހުން ވަނީ އޭނާ ކުރެއްވި ޓުވީޓް ޑިލީޓް ކުރައްވައިފަ އެވެ. އަދި ފަހުން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ 'ޓިނު އަދުރޭ' އޭ ވިދާޅުވީ ސާކާސްޓިކް ނުވަތަ މަޖާޒީ ގޮތަކަށް ކަމަށެވެ.
"ޕާޓީގައި ރެނދެއް ނުލާ! ޕާޓީ އޮތީ ބަދަހިކޮށް! އަދިވެސް ދިމާވާނީ އަދުރޭގެ ހިސާބު،" މުސްތޮ ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި ރިޔާސީ ޓިކެޓާ މެދު ދެބަސްވުން އުފެދި ކޯޅުންތަކެއް އުޅޭ ވާހަކަ އަބަދުވެސް ދެއްކެވެ އެވެ. ނަމަވެސް މިއީ އެ ޕާޓީގެ ތެރޭ ހިނގި ޒުވާބުތަކެއް މި ފަހުން ސޯޝަލް މީޑިއާ އަށް ތިލަވި ފުރަތަމަ ފަހަރެވެ.
ޕީޕީއެމް ވެރިކަމުގައި އޮތް އިރު އެ ޕާޓީގެ އެކި ގްރޫޕްތަކުގައި ދައްކާ ވާހަކަ ސޯޝަލް މީޑިއާ އަށް އަބަދުވެސް އާންމުވެ އެވެ.
މުސްތޮ އާއި އަދުރޭއަކީ މީގެ ކުރިން ގާތް ދެ ބޭފުޅުން ކަމުގައިވީ ނަމަވެސް މިހާރު އެ ދެބޭފުޅުން ދެމެދު މައްސަލަތަކެއް ޖެހިފައި ވަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.