ރެކޯޑް ފީއަކަށް ސްވިޑެންގެ ފޯވާޑެއް ނިއުކާސަލް އަށް
ރެކޯޑް ފީއަކަށް ސްވިޑެންގެ ފޯވާޑެއް ނިއުކާސަލް އަށް

ނިއުކާސަލް (އޮގަސްޓް 27) - ނިއުކާސަލް ޔުނައިޓެޑުން އެ ކްލަބުގެ ރެކޯޑް ޓްރާންސްފާ އަގަކަށް، ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ސްވިޑެންގެ ޒުވާން ފޯވާޑް އެލެކްސެންޑަ އައިސެކްގެ ސޮއި ހޯދައިފި އެވެ.

ސްވިޑެން ގައުމީ ޓީމަށް މިހާތަނަށް 37 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިދީފައިވާ، އުމުރުން 22 އަހަރުގެ ފޯވާޑް ނިއުކާސަލްއާ ގުޅުނީ 63 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާއަކީ ނިއުކާސަލް އިން މި ސީޒަނުގައި އެޓީމަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. އެޓީމުން ވަނީ އެސްޓަން ވިލާގެ ވާތު ބެކް މެޓް ޓާގެޓާއި ބާންލީގެ ގޯލްކީޕަރިު ނިކް ޕޯޕްގެ އިތުރުން ފްރާންސްގެ ލިލް އާއެކު ލީގު ހޯދި ނެދަލެންޑްސްގެ ޑިފެންޑަރު ސްވެން ބޮޓްމަންގެ ސޮއި ހޯދައިފަ އެވެ.

ސައުދީގެ އާ ވެރިންނާ އެކު ނިއުކާސަލް އިން ޓީމު ވަރުގަދަކޮށް ނަތީޖާތައް ވެސް ރަނގަޅު ކުރަމުން އަންނަ އިރު، އެ ޓީމުން ވަނީ މި ސީޒަނުގައި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ 3-3 އިން އެއްވަރު ކޮށްފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލި ނުވާއިރު، ޓީމާ އަލަށް ގުޅުނު އައިޒެކް ބުނީ، ޓީމުގެ އާ ޕްރޮޖެކްޓުގައި ހިމެނިގެން ޓީމުގެ ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާ ކަމަށެވެ.

"މިއީ އަހަރެން ނިންމި ވަރަށް ބޮޑު، އެކަމަކު ހިތްހަމަޖެހޭ ނިންމުމެއް. މިއީ މުއްސަނދި ތާރީހަކާ އެކު ވަރަށް ޕެޝަނޭޓް ސަޕޯޓަރުން ތިބި ކްލަބެއް. ކޮންމެ ކުޅުންތެރިއަކު ވެސް ކުޅެން ބޭނުންވާނެ ހެން ހީވަނީ މި ޓީމަށް،" އައިސެކް ބުންޏެވެ.

ކުރިން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކުޅުނު ފޯވާޑް ވަނީ ސޮސިއެޑާޑަށް ކުޅެދިން 132 މެޗުން 144 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި މި ސީޒަނުގައި ލަލީގާ ގައި ކުޅުނު ދެ މެޗާއި އެއް ގޯލު ވެސް ހިމެނެ އެވެ. މާދަމާ ނިއުކާސަލް އިން ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ.

ނިއުކާސަލްގެ އިނގިރޭސި ފޯވާޑް ކެލަމް ވިލްސަން ހުރީ ހޭމްސްޓްރިންގް އަނިޔާއެއްގަ އެވެ. ވިލްސަންގެ އަނިޔާ މާ ސީރިއަސް ނޫން ކަމުގައި ވިއަސް، ދެ ހަފްތާ ވަރު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެޓީމުގެ ކޯޗު އެޑީ ހޯވް ބުނެފައި ވެއެވެ.