އެމްޕީއެލް އިން ފަޔާ ސޭފްޓީ ޑްރިލްއެއް ބާއްވައިފި
އެމްޕީއެލް އިން ފަޔާ ސޭފްޓީ ޑްރިލްއެއް ބާއްވައިފި

އެމްޕީއެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އަލިފާނުގެ ހާދިސާއަކުން ސަލާމަތްވާނެ ގޮތުގެ ފަޔާ ސޭފްޓީ ޑްރިލްއެއް ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ މެންދުުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް އެ ޑްރިލް ކުރިއަށް ދިޔައީ މާލެ ވިޔަފާރި ބަނދަރުގަ އެވެ.

އެމްޕީއެލުން ބުނީ އާބާދީ ބޮޑު މާލޭގެ ވިޔަފާރި ބަނދަރު، މީހުން ދިރިއުޅޭ ސަރަހައްދާ ކައިރިވުމުން އެ ކުންފުނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް ހަރުދަނާ ވާންޖެހޭނެ ކަމަށެވެ.

އަލިފާނުގެ ހާދިސާ ފަދަ ކަންކަމުން ރައްކާތެރިވެތިބުމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ ކަންކުރާނެ ގޮތުގެ ޑްރިލްތަކާއި ތަމްރީނުތައް ކުރިމަގުގައި އަބަދުވެސް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

"ރައްކާތެރިކަމުގެ މިފަދަ ޑްރިލްތަކާއި ތަމްރީނުތަކަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓުތައް ހިންގުމުގައި ހުންނަންޖެހޭ ކަންކަން،" އެމްޕީއެލުން ބުންޏެވެ.

މާލެ ވިޔަފާރި ބަނދަރާ އެ ކުންފުނިން ބަލަހައްޓާ ހުރިހާ ޕޯޓެއްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އެމްޕީއެލުން ވަނީ ދީފަ އެވެ.