29 އޯގަސްޓް 2022 - 12:35

މެންޗެސްޓާ (އޮގަސްޓް 29) - ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅޭ ބްރެޒިލްގެ ވިންގާ އެންޓޮނީ، އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ގެންނަން 100 މިލިއަން ޑޮލަރުގެ އަގަކަށް ދެ ކުލަބުން އެއްބަސް ވެއްޖެ އެވެ.
އަޔެކްސްގައި ކުޅުންތެރިޔާ ބަހައްޓަން ވެގެން އެ ކުލަބުން ބޭނުންވި ނަމަވެސް އެންޓޮނީ ވަނީ އޭނާ ޔުނައިޓެޑާ ގުޅެން ބޭނުންވާކަން ކުލަބަށް އަންގައިފަ އެވެ. ޓްރާންސްފާ މާކެޓު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޔުނައިޓެޑުން އެންޓޮނީ ހޯދަން މަސައްކަތް ކުރުމުން މީގެ ކުރިން ކުރި ބިޑުތައް އަޔެކްސް އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ނަމަވެސް، އެޓީމުން ވަނީ އެންޓޮނީ ވިއްކާލަން ބޭނުންވި އަގަށް ޔުނައިޓެޑް އެއްބަސް ކުރުވައިފަ އެވެ.
މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އެންޓޮނީ އަންނަނީ 2027 ގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓުގައި ސޮއިކުރަން ތައްޔާރު ވަމުންނެވެ. އަދި އިތުރު އަހަރަކަށް ކޮންޓްރެކްޓު އިތުރު ކުރުމުގެ ފުރުސަތު ވެސް އޭނާއަށް ދޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން އެންޓޮނީ ސޮއި ކުރުވައިފި ނަމަ އޭނާ ވެގެންދާނީ އެ ޓީމަށް ގެންނަ ދެ ވަނައަށް އެންމެ އަގުބޮޑު ކުޅުންތެެރިޔާއަށެވެ. ޔުނައިޓެޑުން އެންމެ އަގު ބޮޑުކޮށް މިހާތަނަށް ގެނެސްފައި ވަނީ 2016 ވަނަ އަހަރު، ޔުވެންޓަސް އަށް 105 މިލިއަން ޑޮލަރު ދީފައި ޕައުލް ޕޮގްބާ އެވެ. އޭނާ ވަނީ ހިލޭ ޓްރާންސްފާގައި އެނބުރި ޔުވެންޓަސް އަށް ބަދަލު ވެފަ އެވެ. އެއަށް ފަހު އެންމެ އަގުބޮޑުކޮށް ގެނައީ 93 މިލިއަން ޑޮލަރަށް 2019 ވަނަ އަހަރު ގެނައި ކެޕްޓަން ހެރީ މެގުއާ އެވެ.
ބްރެޒިލް ލީގުގައި ކުޅެމުން ދިޔަ އެންޓޮނީ އަޔެކްސް އަށް ގެނައީ ވެސް ޔުނައިޓެޑްގެ މިހާރުގެ ކޯޗު އެރިކް ޓެން ހަގް އެވެ. އޭނާ ވަނީ 2020 ވަނަ އަހަރު އަޔެކްސްއާ ގުޅުމަށް ފަހު އެޓީމަށް 82 މެޗު ކުޅެދީ، 25 ގޯލު ޖަހައި، 22 ގޯލު ޖަހަން އެސިސްޓް ކޮށްދީފަ އެވެ.
މިދިޔަ އަހަރު ބްރެޒިލް ގައުމީ ޓީމުން ޖާގަ ހޯދަން ފެށި ވިންގާ އެންޓޮނީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީ، ދެ ގޯލު ޖަހައިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ބްރެޒިލް އަށް ހޯދައިދިން ގޯލު ޖަހަން އެސިސްޓް ކޮށްދިނީ ވެސް އޭނާ އެވެ.
ޓެން ހަގް ވަނީ ޔުނައިޓެޑާ ހަވާލުވެ، އޭނާ މިދިޔަ ސީޒަނުގައި އަޔެކްސްގައި ކޯޗު ކޮށްދިން އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒްގެ ސޮއި ވެސް ހޯދައިފަ އެވެ. ޑިފެންޑަރަކަށް ވެ ހުރެ މާޓިނޭޒްގެ އިސްކޮޅާ މެދު އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވިޔަސް، ޔުނައިޓެޑުން ލީގުގައި ކުޅުނު ފަހު ދެ މެޗުގައި މާޓިނޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޔުނައިޓެޑުން ވަނީ މި ސީޒަނުގައި މާޓިނޭޒްގެ އިތުރުން، ނެދަލެންޑްސް ލީގުގައި ކުޅުނު ވާތުބެކް ޓީރެލް މަލަސިއާ އާއި ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަދި ރެއާލް މެޑްރިޑުން ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ކަސެމީރޯ ވެސް ގެނެސްފަ އެވެ.
ހިލޭ ޓްރާންސްފާގައި ޕޮގްބާ އާއި އެޑިންސަން ކަވާނީ އާއި ހުއާން މަޓާ އާއި ނިމަންޔާ މެޓިޗް އަދި ޖެސީ ލިންގާޑް ޓީމު ދޫކޮށްލާފައި ވާއިރު، ލޯނު އެއްބަސްވުމެއްގައި ކީޕަރު ޑީން ހެންޑަސަން އާއި ޑިފެންޑަރު އެރިކް ބެއިލީ އަދި އެލެކްސް ޓެލޭސް ވެސް ވަނީ ޓީމު ބަދަލު ކޮށްފަ އެވެ. ލޯނުގައި ތިބި މި ތިން ކުޅުންތެރިންގެ ފުރިހަމަ މުސާރަ ދޭން ހަމަޖެހިފައި ވަނީ އެ ކުޅުންތެރިން ލޯނުގައި ތިބި ކްލަބުތަކުންނެވެ.
މީގެ އިތުރުން އެޓީމުގެ އަންޑްރެސް ޕެރޭރާ، 11 މިލިއަން ޑޮލަރަށް ފުލަމް އަށް ވިއްކާލައިފައި ވާއިރު، އެޓީމުން އަންނަނީ ޓްރާންސްފާގެ ދޮރު ބަންދު ވުމުގެ ކުރިން، ޓެން ހަގްގެ ޕްލޭނުގައި ނުހިމެނޭ އިތުރު ކުޅުންތެރިން ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ އިނގިރޭސި ޗެމްޕިއަންޝިޕުގައި މިދިޔަ ދެ ސީޒަން ނޮޓިންހަމް ފޮރެސްޓަށް ލޯނު އުސޫލުން ކުޅެދިން ޒުވާން މިޑްފީލްޑަރު ޖޭމްސް ގާނާ ވިއްކާލަން ތައްޔާރު ވަމުންނެވެ. ބްރައިޓަން އާއި ލެސްޓާ ސިޓީ އަދި އެވަޓަން އިން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅު ކުރާ އިރު، ޔުނައިޓެޑުން އޭނާ ވިއްކާނެ އަގެއް ކަމަށް ބެލެވެނީ 16 މިލިއަން ޑޮލަރެވެ.