ވިލިމާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ގުރުއަތުލުން ހޯމަ ދުވަހު ބާއްވަނީ
ވިލިމާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ގުރުއަތުލުން ހޯމަ ދުވަހު ބާއްވަނީ

ވިލިމާލޭގައި ހަދާފައިވާ ދާއިމީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ހޯމަ ދުވަހު ބާއްވަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ގޮޅި ހަވާލުކުރުމާއި އަދި ގުރުއަތުލުން އަންނަ ހޯމަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެ ކައުންސިލުގެ މީޑިއާ ސެންޓަރުގައި އޮންނާނެ ކަމަށެވެ.

"އެކި ސަބަބުތަކާ ހުރެ ގުރުއަތަށް ހާޒިރު ނުވެވޭ ފަރާތްތަކުގެ ބަދަލުގައި ގުރުނަގާނީ އިދާރީ މޭޒުންނެވެ،" އެ އިއުލާނުގައި ބުންޏެވެ.

ގުރުއަތުން ގޮޅި ލިބޭ މީހުންގެ ތެރެއިން މިހާރު މާލޭގައި ތިބި މީހުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާން ޖެހޭ ތަނާއި ގަޑި އަންގާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ގޮސް، އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ ކަމަށް ބުންޏެވެ. އަދި މި ވަގުތު މާލެއިން ބޭރުގައި ތިބި މީހުންނަށް 14 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އެ ގޮޅިތަކަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި 35 މީހަކު ކުރިމަތިލާފައިވެ އެވެ.

ވިލިމާލެ ފެރީ ޓާމިނަލްގެ ހުޅަނގަށް އޮންނަ ބިމުގައި ހެދި އެ ލޯކަލް މާރުކޭޓުގައި 20 ގޮޅި ހުންނާނެ އެވެ. އެ ތަނުން ގޮޅިއެއް އެއް އަހަރަށް ކުއްޔަށް ދެނީ މަހަކު 1،050ރ. ދައްކަން ޖެހޭ ގޮތަށެވެ. އަދި އެ ގޮޅިތައް ކުއްޔަށް ދިނުމުގައި ވިލިމާލޭގެ ރަށްވެހިންނަށް އިސްކަންދޭން ވަނީ ނިންމައިފަ އެވެ.