އެހެން ޓީމުތަކާ ހަމަކުރަން 10 އަހަރު ޔޫރަޕުގައި ކުޅެން ޖެހޭ: ގާޑިއޯލާ
އެހެން ޓީމުތަކާ ހަމަކުރަން 10 އަހަރު ޔޫރަޕުގައި ކުޅެން ޖެހޭ: ގާޑިއޯލާ

މެންޗެސްޓާ (ޖެނުއަރީ 5) - ތާރީހަށް ބަލާއިރު މެންޗެސްޓާ ސިޓީ އޮތީ އެހެން ޓީމުތަކަށް ވުރެ ފަހަތުގައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކުރިން ކޯޗުކޮށްދިން ދެ ކްލަބް ކަމަށްވާ ބާސެލޯނާ އާއި ބަޔާން މިއުނިކުގައި ގާޑިއޯލާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނަމަވެސް މި ސީޒަނުގައި ސިޓީއާ ހަވާލުވެ، އެ ޓީމާ އެކު ސީޒަނުގެ މިހާތަނަށް މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ.

"ސިޓީގައި ނެތް ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި މެންޗެސްޓާ ޔުނައިޓެޑް އަތުގައި އޮތް ވަރުގެ ތާރީހެއް. މި ޓީމުތަކާ ހަމަކުރަން ސިޓީ އެބަޖެހޭ މަދުވެގެން 10 އަހަރު ޔޫރަޕްގައި ކުޅެން،" ގާޑިއޯލާ ބުންޏެވެ.

"ސިޓީ އަކީ ވަރުގަދަ ކުޅުންތެރިން އޮތް ޓީމެއް. މި ކްލަބަކީ ވަރުގަދަ ބާރަކަށް ހަދަން އަހަރެން ބޭނުން. އެ މަސައްކަަތް އަހަރެން މި ކުރަނީ."

ސިޓީ އަށް ބަދަލުވީ އެހެން ގިނަ ކްލަބްތަކުގެ ހުށަހެޅުން ލިބިފައިވަނިކޮށް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"ސިޓީއާ ހަވާލުވުމަކީ ހެދުނު ގޯހެއް ކަމަށް އަހަރެން ނުދެކެން. އަހަރެން ޕްރިމިއާ ލީގަށް ޝައުގުވެރިވާތީ މި ލީގަށް އައީ އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން. ސިޓީ އަކީ އެކަމަށް އެންމެ ރަނގަޅު ކްލަބް،" ގާޑިއޯލާ ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއީ ޕްރިމިއާ ލީގު އެންމެ ވާދަވެރި އަހަރެވެ. ގާޑިއޯލާ ބުނީ ޕްރިމިއާ ލީގަށް އާދެވުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.

"ޕްރިމިއާ ލީގަށް އަންނަން މިއީ އެންމެ ރަނގަޅު އަހަރު. އަހަރެން އަބަދުވެސް ވާދަވެރިކަމަށް މަރުހަބާ ކިޔަން. ޕްރިމިއާ ލީގަކީ އެންމެ ވަރުގަދަ ލީގުކަން އަހަންނަށް ކުރިން ވެސް އެނގޭ،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި މި ވަގުތު ސިޓީ އޮތީ 20 މެޗުން 42 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ސިޓީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.