ތަކުރާރުކޮށް ވައްކަންކުރާ މީހަކު ކޯޓަށް އެނގިގެން ނޫނީ ބަންދުން ދޫނުކުރަން ފުލުހުންނަށް އަމުރުކޮށްފި
ތަކުރާރުކޮށް ވައްކަންކުރާ މީހަކު ކޯޓަށް އެނގިގެން ނޫނީ ބަންދުން ދޫނުކުރަން ފުލުހުންނަށް އަމުރުކޮށްފި

ތަކުރާރުކޮށް ވައްކަންކުރާ މީހަކު، މީގެ ކުރިން ވެސް ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުން ބަންދުގެ މުއްދަތުގެ ކުރިން ދޫކޮށްލާފައި ވަނިކޮށް އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން، ބަންދުގެ މުއްދަތު ހަމަވުމުން އަލުން ކޯޓަށް ހާޒިރުކޮށްފައި ނޫނީ ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އެގޮތަށް އަމުރުކުރީ ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރީ ހުސެއިން ރިޔާޒު ނަމަކަށް ކިޔާ 43 އަހަރުގެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމައި ކުރި އަމުރުގަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ބަންދު އަމުރުގައި ބުނީ ރިޔާޒަކީ ތަކުރާރުކޮށް ވައްކަންކުރާ މީހެއްކަން އޭނާގެ ހައްޔަރު/ބަންދު ރިކޯޑުތަކުން އެނގޭ ކަމަށެވެ.

އާއްމު ގޮތެއްގައި އެއީ ޖިނާއީ ކުޑަ ކުށްތަކަށް ވެފައި ކޯޓުތަކުގެ އާއްމު އުސޫލަކީ ކުރު މުއްދަތަކަށް ބަންދުގައި ބެހެއްޓުން ކަމަށް ވެސް، ގާޒީ ސަފްއަތު ހަބީބް ނެރުއްވި އަމުރުގައިވެ އެވެ.

އެކަމަކު، އެ މުއްދަތު ހަމަވުމުގެ ކުރިން ފުލުހުން އަމިއްލައަށް ބަންދުން ދޫކޮށްލާއިިރު، ވައްކަމުގެ ރިކޯޑު ގިނަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންކަމަށް ވާތީ އެ ފަދަ މީހެއްގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ ބޮޑުވާ ކަމަށް ވެސް ގާޒީގެ އަމުރުގައިވެ އެވެ.

"މިފަދަ ފަރާތެއް ބަންދުން ދޫކޮށްލުމުން ކުށް ތަކުރާރުކުރާ ނަމަ އެފަދަ ފަރާތެއްގެ ކިބައިން މުޖުތަމައުގެ ސަލާމަށް ނުރައްކާވާ ސަބަބު ބޮޑުވެދޭ. އެ ސަބަބަށް ރިއާޔަތްކޮށް 30 ދުވަހަށް ބަންދުކުރެވިފައި،" އަމުރުގައި ވެ އެވެ.

"މި މުއްދަތު ހަމަވުމުގެ ކުރިން މީނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްގެން މެނުވީ ބަންދުން ދޫކޮށްލައިގެން ނުވާނެ" ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ތަހުގީގުގެ ބޭނުމަށް 24 ގަޑިއިރަށް ވުރެ ގިނަ އިރު ބަންދުގައި ބައިތިއްބަން ބޭނުން ނަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެ އެވެ. އެގޮތަށް ހާޒިރުކުރުމުން ފަނޑިޔާރު ކަނޑައަޅުއްވާ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ނުވަތަ ދޫކޮށްލުމަށް ފުލުހުންނަށް އަމުރުކުރާނެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ކޯޓުން ދޭ ބަންދުގެ މުއްދަތުގެ ކުރިން، ތަހުގީގު ނިމުމުން ނުވަތަ އެހެން ސަބަބުތަކާ ހެދި ފުލުހުން ބަންދުން ދޫކޮށްލަ އެވެ.