06 ސެޕްޓެމްބަރ 2022 - 18:03

އާއްމުކޮށް ގުރުއާން ހިފްޒުކޮށްދޭ ޕްރޮގްރާމްތަކާ މުޅިން ތަފާތުކޮށް ރާއްޖޭގައި ފެށި ޕްރޮގްރާމު މެދުވެރިކޮށް އަށް މަހުން ތިން ބައިވެރިއަކު ގުރުއާން ހިތުދަސްކޮށްފި އެވެ.
ކީރިތި ގުރުއާން ހިތުދަސްކުރުމަށް ސައުދީ އަރަބިއްޔާގެ ހާފިޒަކު ބޭނުންކުރާ މެތަޑެއްގެ ޓެސްޓް ބުރުގައި ގުރުއާން ހިތުދަސްކޮށްފައި ވަނީ 58 އަހަރުގެ މީހެއްގެ އިތުރުން 47 އަހަރުގެ މީހަކާއި 12 އަހަރުގެ ކުއްޖެކެވެ.
އެ ޕްރޮގްރާމު ހިންގާ، އަޒްހީލް އަހުމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިހާތަނަށް ތިން ބައިވެރިއަކު ގުރުއާން ހިތުދަސްކުރި ނަމަވެސް އިތުރު އަށް ވަރަކަށް ބައިވެރިން ހަތިމު އެއްކޮށް ހިތުދަސްކޮށް ނިމުމަކާ ގާތްވެއްޖެ ކަމަށެވެ.
"މިއަހަރު ނިމެންވާއިރަށް ޖުމްލަ 11 ބައިވެރިއަކަށް ހިތުދަސްވާނެ،"
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގުރުއާން ހިފްޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ލިބިފައި ވަނީ 11 މީހަކަށެވެ. އެހެންވެ، އޭނާގެ ޕްރޮގްރާމުން އެކަނި ވެސް މިއަހަރު އެ އަދަދަށް ބައިވެރިންނަށް ގުރުއާން ހިތުދަސްކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަ އެވެ.
"މިދިޔަ އަހަރު ގުރުއާން ހިފްޒުކޮށްގެން ރައީސް ދެއްވާ އިނާމު ލިބުނީ 11 ކުދިންނަށް. އެކަމަކު މި ޑިސެމްބަރާ ހަމައަށް އަޅުގަނޑުގެ ޕްރޮގްރާމުން 11 ކުދިން ހިތުދަސްކޮށް ނިމެނެ. ޕްރޮގްރާމް ވަރަށް ކާމިޔާބު،"
އެ ޕްރޮގްރާމުގައި ހިތުދަސްކުރި 12 އަހަރުގެ އާލާ އިބްރާހިމް ޒިޔާދު ބުނީ އޭނާ އެ ޕްރޮގްރާމާ ގުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު ދެ ވަނަ ދުވަހު ކަމަށާއި އޭގެ ކުރިން އޭނާ ވަނީ އަމިއްލައަށް 12 ފޮތް ހިތުދަސްކޮށްފައި ކަމަށެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވެ 18 ފޮތް ހިތުދަސްކުރިއިރު ވަރަށް ފަސޭހަ ކަމަށް ބުންޏެވެ.
"އެންމެ ފުރަތަމަ ހަތަރު ސޮފުހާ ދަސްކުރުމުން އައިސް ފަހުން ދުވާލަކު ހަ ސޮފުހާއި ހަށް ސޮފުހާ ދަސްވޭ. ޕްރޮގްރާމުގައި ބައިވެރިވުމުގެ ކުރިން ދުވާލަކު އެއް ސޮފުހާ ނޫނީ ދެ ދުވަހުން ސޮފުހާއެއް ކިޔެނީ،" އާލާ ބުންޏެވެ.
އާލާގެ މަންމަ ބުނީ އެ ޕްރޮގްރާމަކީ ގުރުއާން ހިތުދަސްކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް ރަނުގެ ފުރުސަތެއް ކަމަށެވެ.
"އާލާއަކީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ކުރިން ހިތުދަސްކުރަމުން އައި ކުއްޖެއް. އަޅުގަނޑަށް ތަޖުރިބާ ކުރެވިއްޖެ ކުރިން ދަސްކުރަމުން އައި ސްޕީޑާއި މި ޕްރޮގްރާމުން ސްޕީޑަށް އައި ހެޔޮ ބަދަލު،" އޭނާގެ މަންމަ ބުންޏެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޕްރޮގްރާމާ ގުޅުނު 47 އަހަރުގެ ތޮލްއަތު ހަމީދު ބުނީ ގިނަ ފޮތްތަކެއް ކުރިން ދަސްކުރި ނަމަވެސް ހަނދާން ނެތުން ކަހަލަ ކަންކަމާ ހުރެ އަލުން ކިޔަވަން ފެށީ އެ ޕްރޮގްރާމު މެދުވެރިކޮށް ކަމަށެވެ.
އޭނާ ވަނީ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށްފަ އެވެ.
"މީގެ ކުރިން ހިފްޒުކުރި ގޮތާ މި ޕްރޮގްރާމުގެ ތަޖުރިބާ ވަރަށް ތަފާތު. ކުރިން ދެ ސޮފުހާ ދަސްވޭ އެކަމަކު އެއީ ވަރަށް ކިޔަވައިގެން. މުރާޖާ ވަރަށް ބަލިކަށިވާނެ. އެކަަމަކު މި ޕްރޮގްރާމުގެ ތަޖުރިބާ ތަފާތު. ވަރަށް އުއްމީދީ ޕްރޮގްރާމެއް މިއީ،"
އެ ޕްރޮގްރާމުގައި ހިތުދަސްކުރި 58 އަހަރުގެ އައިޝަތު ޝިމްލާގެ ދަރިއަކީ ވެސް ހާފިޒެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މަންމަ މި ޕްރޮގްރާމު ފެށީ ނޮވެމްބަރުގަ އެވެ. އަދި އެންމެ ހަތް މަހުން ގުރުއާން ހިތުދަސްކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
"ވަރަށް ކުރިން މަންމަ ގުރުއާން ހިތުދަސްކުރަން ފެށި. އެކަމަކު ބައްޕަ ބަލިވެގެން އެކަން ލަސްވެ ހަނދާން ނެތިފައި ހުރީ ކިޔެވި އެއްޗެހި ވެސް. އެކަމަކު މި ޕްރޮގްރާމު އޮންލައިންކޮށް ފެނުމުން ބައިވެރިވެގެން ކުރިއަށް ދިޔައީ،"
އެހާ އުމުރުން ދުވަސްވީމަ ހިތުދަސްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ޕްރޮގްރާމުގެ ސަބަބުން އަވަހަށް ހިތުދަސްވެ ރަނގަޅު ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
މިހާރު ވެސް އެ ޕްރޮގްރާމު މެދުވެރިކޮށް 600 އަށް ވުރެ ގިނަ މީހުން ގުރުއާން ހިފްޒުކުރަމުން އަންނައިރު "މިހާރު" ގައި ޖެހި އިންޓަވިއުއަށް ފަހު ގިނަ ބަޔަކު ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ބަޔަކަށް މި ޕްރޮގްރާމު އެނގުނީ ނޫހުގައި ޖެހުމުން. އެހެންވެ މި ކާމިޔާބުގެ ކްރިޑިޓް [މިހާރުއަށް ވެސް] ދޭން ބޭނުންވޭ،"
އަޒްހީލްގެ ގުރުއާން ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ސާބަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކޮވިޑް ތެރޭގައި ދަރިންނަށް ކިޔަވައިދޭން ޖެހުނު ދަނޑިވަޅުގައި މި ޕްރޮގްރާމް ފެށީ އެކުދިންގެ ސަމާލުކަން ހޯދަން އުނދަގޫވެ، އިތުރު އެހެން ބަޔަކު ބައިވެރިކޮށްފި ނަމަ، ކުދިންގެ ސަމާލުކަން ލިބިދާނެ ކަމަށް ބަލައިގެންނެވެ.
"ޙިފްޘް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ބައިވެރިންނަށް ދުވާލަކު 4-6 ސަފްހާގެ އަދަދެއް ހިތުދަސްވެ އެވެ. އެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ވިޝުއަލް މެމޯރީއަށް ނަގައިގަތުމަށް ފަހު ސްކޭން ރީޑިންގެ ބަޔަކާ އެކު ދެން އިނީޝިއަލް މެމޮރައިޒޭޝަންގެ ބައި ހިމަނައިގެންނެވެ.
ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ބޮޑެތި މީހުން ވެސް އެ ޕްރޮގްރާމު މެދުވެރިކޮށް ހިތުދަސްކުރަމުން އެބަދެ އެވެ.