06 ސެޕްޓެމްބަރ 2022 - 17:58

އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ މައްސަލަ ލިބި، އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ވަނީ އެގޮތަށް ފޮނުވާ މެސެޖްތަކުގައިވާ އެއްވެސް ލިންކެއް ނުހުޅުވުމަށް އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ވަނީ އެ އިދާރާއަށް ގުޅައިގެންނާއި އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ވެސް އެކަހަލަ މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް ބުނެފަ އެވެ.
ފުލުހުން ވަނީ އެގޮތަށް ކޮށްފައިވާ ދެ މެސެޖެއް ވެސް އާންމުކޮށްފަ އެވެ. އޭގައި ވަނީ މޫސުމާ ބެހޭ އިދާރާ އިންނާއި ފެނަކައިގެ ނަމުގައި ފޮނުވި ދެ މެސެޖެއްގެ ސްކްރީންޝޮޓެކެވެ.
މިދުވަސްވަރު ސްކޭމް މެސެޖްތައް އިތުރުވަމުންދާއިރު އެޗްޑީސީގެ ނަމުގައި ވެސް ސްކޭމް މެސެޖުތަކެއް ކުރަމުން އެބަދެ އެވެ. ހިޔާ ސޭފްޓީ ޕޯޓަލް ވަނުމަށް ކަމަށް ބުނެ ލިންކެއް ފޮނުވަމުން އަންނައިރު ފުލުހުންގެ ނަމުގައި އެ މެސެޖް ކުރަނީ ފޭކް ކޯލްތަކުން ރައްކާތެރިވުމަށް އެ ލިންކަށް ވަނުމަށް ބުނެ އެވެ.
އެކަމަކު އެއީ ސްކޭމް މެސެޖްތަކަކަށްވާތީ ފުލުހުން އިލްތިމާސްކުރަނީ އެ މެސެޖުތަކުގައިވާ ލިންކަށް ނުފިއްތުމަށެވެ.