10 ސެޕްޓެމްބަރ 2022 - 08:48

އަޔާން މުކަރުޖީ ޑައިރެކްޓްކޮށް، އިއްުޔެ ނެރުނު ފިލްމު، "ބްރަހްމަސްތުރާ" އަކީ ރަންބީރު ކަޕޫރުގެ ކެރިއަރުގައި ފިލްމެއް ނެރުނު ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަަކަށް ވެއްޖެ އެވެ.
ރަންބީރާއި އޭނާގެ އަންހެނުން އާލިއާ ބަޓް ލީޑު ރޯލު ކުޅެފައިވާ އެ ފިލްމުގެ ޓިކެޓްތައް ވިކުނު ގޮތުން، ފިލްމު ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ފުރަތަމަ ދުވަހު ވެސް 35-40 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ އެވެ.
އެ ފިލްމު ރިލީޒްކުރަން ގާތްވުމާ އެކު އެޑްވާންސް ބުކިން އަށް ހުޅުވައިލުމުން ރިކޯޑު އަދަދަކަށް ބުކިން ހެއްދި އެވެ. އެހެންވެ، އެއީ ރަންބީރުގެ ކެރިއަރުގައި އޭނާގެ ފިލްމެއް އެޅުވި ދުވަހު ވެސް މިހާ ބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފިލްމެވެ.
ރަންބީރު ކުޅުނު، ސަންޖޭ ދަތުގެ ހަޔާތަށް ނެރުނު ފިލްމު "ސަންޖޫ" އަކީ ހިޓަކަށް ވިޔަސް އެ ފިލްމަށް ވެސް އެ ވަރުގެ ކާމިޔާބެއް ނުލިބެ އެވެ.
އެ ފިލްމު ބެލުމަށް ފަހު، ފިލްމީ ތަރިން ވަނީ އެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެހާ ވަރުގަދަ މަސައްކަތެއް ހިންދީ ސިނަމާގައި ބަލައިލުމުގެ ފުރުސަތު ލިބުމުން ޑައިރެކްޓަރަށް ވެސް އަންނަނީ ޝުކުރު އަދާކުރަމުންނެވެ.
ތަރިންނާއި ސަޕޯޓަރުންގެ ފަރާތުން ރަނގަޅު ރިވިއުއެއް ލިބުނު ނަމަވެސް ބައެއް ފިލްމު ޓްރޭޑް އެނަލިސްޓުންގެ ހިޔާލު ތަފާތެވެ. އެ ފިލްމުގައި ހައި ވިޝުއަލް އިފެކްޓްސްތަކެއް އެކުލެވިގެން ވިޔަސް ކޮންޓެންޓު ވަރަށް ދަށް ކަމަށް ބުނެ އުއްމީދުކުރި ވަރުގެ ފިލްމަކަށް އެ ފިލްމު ނުވާ ކަމަށް އެ މީހުން ބުނެ އެވެ.
ހިޔާލީ ވާހަކައަކަށް ގެނެސްދޭ އެ ފިލްމު ބިނާކޮށްފައި ވަނީ ހިންދޫ މިތޮލޮޖީއަކަށެވެ. ސުޕަހީރޯ ސްޓައިލަށް އެ ފިލްމު ގެނެސްދެނީ ޒަމާނީ ރަހަތަކާ އެކު އެވެ. ތިން ބިލިއަން ރުޕީސް ހޭދަކޮށްގެން އުފެއްދި އެ ފިލްމަކީ މިއަހަރުގެ އެންމެ އަގު ބޮޑު ހިންދީ ފިލްމެވެ.