ކުރިއަށް ދާން ހިތްވަރު ލިބުނީ ސަލްމާންގެ ފަރާތުން: ޝެހެނާޒް
ކުރިއަށް ދާން ހިތްވަރު ލިބުނީ ސަލްމާންގެ ފަރާތުން: ޝެހެނާޒް

ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިޔަސް ކުރިއަށް ދިއުމުގެ ހިތްވަރު ލިބުނީ ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ފަރާތުން ކަމަށް ޒުވާން ތަރި ޝެހެނާޒް ގިލް ބުނެފި އެވެ.

ޝެހެނާޒަކީ ސަލްމާން ހުށަހަޅާ ބިގްބޮސްގެ 13 ވަނަ ސީޒަނުން ފެނުނު ތަރިއެކެވެ. ޝެހެނާޒުގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްފައި ވަނީ އޭނާގެ ފުރަތަމަ ބޮލީވުޑްގެ މަސައްކަތްތަކަށެވެ. އެއީ ސަލްމާންގެ ކުރިއަށް އޮތް ފިލްމު، "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެވެ.

ސަލްމާންގެ ފަރާތުން ދަސްވީ ކޮން ކަމެއްތޯ އިންޓަވިއުއެއްގައި ސުވާލުކުރުމުން ޝެހެނާޒް ބުނީ، ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ކަމަށެވެ. ސަލްމާން ވަނީ ބުރަ މަސައްކަތްކޮށްފި ނަމަ، އޭނާ އަށް ދިރިއުޅުމުގައި ވަރަށް ދުރަށް ދެވޭނެ ކަމަށް ބުނެފައި ކަމަށާއި އެ ކަމަށް ވަރަށް ހިތްވަރުދޭ ކަމަަށް ޝެހެނާޒް ބުންޏެވެ.

އެ އިންޓަވިއުގައި އޭނާ ބުނިގޮތުގައި ދިރިއުޅުމުގައި ދިމާވާ ކޮންމެ މީހެއްގެ ފަރާތުން ވެސް އެތައް ފިލާވަޅެއް ދަސްވެ އެވެ. އޭގެ ތެރޭގައި ރަނގަޅު މީހުންނާއި ގޯސް މީހުންނާ ވެސް ދިމާވެ އެތައް ކަމެއް ދަސްވެފައިވާ ކަމަށާއި އެ މީހުންގެ ފަރާތުން އޭނާ އަށް ދަސްވީ އެ ހާލަތުތަކާ ކުރިމަތިލުމަށް ކަމަށް ޝެހެނާޒް ބުންޏެވެ.

"އެ އިން ކޮންމެ ހާލަތަކާ ވެސް ކުރިމަތިލެވޭނެ ވަރުގަދަ އަންހެނެއް އަހަންނަކީ،" ޝެހެނާޒް ބުންޏެެވެ.

ޝެހެނާޒަކީ ވަރަށް ހިތްވަރުގަދަ ތަރިއެއްގެ ގޮތުގައި އޭނާގެ ސަޕޯޓަރުން ވެސް ސިފަކުރެ އެވެ. ސަބަބަކީ އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ސިދާތު ޝުކްލާ ކުއްލި ގޮތަކަށް މަރުވުމުން އެ ދެއްކި ހިތްވަރެވެ.