11 ސެޕްޓެމްބަރ 2022 - 09:43

ކާޑީޒް (ސެޕްޓެމްބަރު 11) - ސްޕެނިޝް ލަ ލީގާ ގައި ރޭ ބާސެލޯނާ އިން ރަށުން ބޭރުގައި ކާޑީޒްއާ ދެކޮޅަށް ކުޅެ 4-0 އިން މޮޅުވި މެޗުގައި ސަޕޯޓަރެއްގެ ހާލު ދެރަވެ، މެޗު މެދުކަނޑާލަން ޖެހިއްޖެ އެވެ.

ބާސެލޯނާ އިން ދެ ގޯލުގެ ލީޑަކާ އެކު މެޗު ނިންމަން ދަނިކޮށް، ސަޕޯޓަރެއްގެ މެއަށް ތަދެއް އަރައިގެން 50 ވަރަކަށް މިނިޓަށް މެދުކަނޑާލަން ޖެހުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްގަނޑަކަށް އަށް މިނިޓަށް ވެފައި ވަނިކޮށެވެ.

ހާލު ދެރަވި ސަޕޯޓަރު އެމްބިއުލާންސުގައި ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން، ކާޑީޒްގެ އާޖެންޓީނާ ގޯލްކީޕަރު ޔެރޭމިއަސް ކޮނާން ލެޑެސްމާ ވަނީ ސްޓޭޑިއަމްގައި އޭނާ އަށް އަވަސް ފަރުވާ ދޭން މެޑިކަލް ކިޓެއް ވެސް ފޯރު ކޮށްދީފަ އެވެ. އަދި ސަޕޯޓަރު އުފުލަން ސްޓްރެޗަރު ފޯރުކޮށްދިނުމުގައި ވެސް އެ ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ، ފުޓުބޯޅައަށް ވުރެން މީހެއްގެ ފުރާނަ ސަލާމަތް ކުރުން މުހިއްމު ކަމަށާއި، ހާލު ގޯސްވި ސަޕޯޓަރުގެ އާއިލާއަށް އިތުރަށް ހިތާމަ ކުރަން ޖެހޭ ފަދަ ކަމެއް މެދުވެރިވި ނަމަ، މެޗު އެއްކޮށް ހުއްޓާލަން ވެސް ތިބީ ތައްޔާރަށް ކަމަށެވެ.
"އަހަރެމެން އެންމެން އެއްބަސް ވީީ މެޗު ހުއްޓާލަން. ނަސީބަކުން އޭނާގެ ފުރާނަ ސަލާމަތް ކުރެވުނު. އޭނާއަށް އަވަސް ޝިފާއަކަށް އެދެން. ފުޓުބޯޅައިގެ ކުރިއަށް އަބަދުވެސް އެންމެ ފުރަތަމަ އިންސާނިއްޔަތުކަން އިސްކުރަން ވާނެ. ސަޕޯޓަރުގެ ހާލު އިތުރަށް ގޯސް ވި ނަމަ ޔަގީނުން ވެސް މެޗު ހުއްޓާލާނަން،" މެޗަށް ފަހު ޒަވީ ބުންޏެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަން އެނގުމާ އެކު އަލުން މެޗު ފަށައިގެން ބާސެލޯނާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައި މޮޅުވެ، ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ މޮޅު ހޯދައިފަ އެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު އިރު، ބާސެލޯނާ އިން ލީޑު ނެގީ 55 ވަނަ މިނިޓުގައި ފްރެންކީ ޑި ޔޮން ޖެހި ގޯލުންނެވެ. މި ގޯލަށް ފަހު ކޯޗު ޒަވީ ވަނީ، މެމްފިސް ޑިޕާއި އާއި ފެރާން ޓޮރޭޒް އަދި ޕެޑްރީގެ ބަދަލުގައި ރޮބާޓް ލެވަންޑޯސްކީ އާއި އުސްމާން ޑެމްބެލޭ އަދި ގަވީ ކުޅެން އަރުވައިފަ އެވެ.
ބާސެލޯނާ އަށް ލީޑު ފުޅާ ކޮށްދިނީ ލެވަންޑޯސްކީ އެވެ. މިއީ އޭނާ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ޖެހި ހަ ވަނަ ގޯލެވެ. އަދި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗާ އެކު، ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން ހަ މެޗުން ނުވަ ގޯލު ހަމަކޮށްފަ އެވެ.
މެދުކަނޑާލުމަށް ފަހު އަލުން މެޗު ފަށައިގެން ބާސެލޯނާ އަށް ތިންވަނަ ލަނޑު ޖަހައިދިނީ، ރަފީނިއާގެ ބަދަލުގައި ކުޅެން އެރި އަންސޫ ފާޓީ އެވެ. އަދި ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޑެމްބެލޭ އެވެ. މި ދެ ލަނޑު ޖަހަން އެހީތެރިވީ ލެވަންޑޯސްކީ އެވެ.
މި މަހު ބާސެލޯނާއާ ގުޅުނު ހެކްޓާ ބެލެރިން، ފުރަތަމަ 11 ގައި ހިމެނިގެން ރޭގެ މެޗު ފުރިހަމަ ކުރި އިރު، މާކޮސް އޮލޮންސޯ ވެސް ވަނީ ދެ ވަނަ ހާފުގައި ކުލެން ނެރެފަ އެވެ.
ލީގުގައި މިހާތަނަށް ބާސެލޯނާ އިން ފަސް މެޗު ކުޅެފައި ވާއިރު، ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި އެއްވަރު ވިޔަސް، ދެން ކުޅުނު ހަތަރު މެޗުން ވެސް އެޓީމުން ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. މި ހަތަރު މެޗުގައި ބާސާ އިން ޖުމްލަ 15 ލަނޑު ޖަހައިފައި ވާއިރު، ބައިކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ.
މެޗަކުން ބަލިނުވެ، 13 ޕޮއިންޓް ހޯދައިގެން ބާސެލޯނާ މިވަގުތު އޮތީ ލީގު އެއްވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެގެން 12 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ، ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައިވާ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި މިއަދު ރެއާލް މަޔޯކާއާ ދެކޮޅަށް ނުކުންނާނެ އެވެ.
ލީގުގެ ތިން ވަނައިގައި ވިޔަރެއާލް އާއި، ފަސްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ވިޔަރެއާލުން މިރޭ، ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް ރެއާލް ބެޓިސް އާ ދެކޮޅަށް ރަށުން ބޭރުގައި ބައްދަލުކުރާނެ އެވެ. އެތުލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި ރޭ 4-1 އިން ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ލީގު ހަތަރު ވަނައިގައި ނިންމި ސެވިއްޔާ ވަނީ 3-2 އިން އެސްޕަނިޔޯލް ބަލިކޮށް، މި ސީޒަނުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.