ފަހަތުން އަރައި މަޔޯކާ ބަލިކޮށް ރެއާލްގެ ރެކޯޑް ދަމަހައްޓައިފި
ފަހަތުން އަރައި މަޔޯކާ ބަލިކޮށް ރެއާލްގެ ރެކޯޑް ދަމަހައްޓައިފި

މެޑްރިޑް (ސެޕްޓެމްބަރު 12) - ފަހަތުން އަރައި 4-1 އިން ރެއާލް މަޔޯކާ ބަލިކޮށް، ޗެމްޕިއަން ރެއާލް މެޑްރިޑުން އެ ޓީމުގެ ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައި، ސްޕެނިޝް ލަ ލީގާގެ އެއްވަނައަށް ޖެހިލައިފި އެވެ.

ދެކުނު ކޮރެއާގެ ޒުވާން މިޑްފީލްޑަރު ކަންގް އިން ލީ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މަޔޯކާ އިން ލީޑު ނެގީ މެޗުގެ 35 ވަނަ މިނިޓުގަ އެވެ. ނަމަވެސް ރެއާލް އިން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އަމިއްލަ އޭރިއާ ތެރެއިން ބޯޅަ ހޯދައިގެން އެކަނި މާ އެކަނި ކުރިއަށް އަރައި ފެޑެރިކޯ ވެލްވާޑޭ ޖަހައިދިން ލަނޑުންނެވެ.

ރޮޑްރިގޯ ދިން ޕާހަުން ރެއާލަށް މެޗުގައި ލީޑު ހޯދައިދިން ލަނޑު 72 ވަނަ މިނިޓުގައި ޖަހައިދިނީ ވިނީޝަސް ޖޫނިއާ އެވެ. އަދި 89 ވަނަ މިނިޓުގައި ރޮޑްރިގޯ، ރެއާލްގެ ތިންވަނަ ލަނޑު ޖަހއިދިން އިރު، މެޗުގެ އިތުރު ވަގުތުގައި ޓޯނީ ކްރޫސް ނަގައިދިން ބޯޅައަކުން އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ. މިއީ އޭނާ މި ސީޒަނުގައި ރެއާލް އަށް ބަދަލުވެ ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް އެއްވަނައަށް ޖެހިލީ ލީގުގައި ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 13 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. ރެއާލް ބެޓިސް ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ވިޔަރެއާލް ބަލިކޮށްގެން 12 ޕޮއިންޓް ހަމަކޮށް، ތިންވަނައަށް ޖެހިލައިފަ އެވެ. ވިޔަރެއާލް އޮތީ 10 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފަސްވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާއި ހަވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

ރެއާލް މެޑްރިޑުން މި މެޗަށް ނުކުތީ މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ކެޕްޓަން ކަރީމް ބެންޒެމާ ނުލައެވެ. މި އަނިޔާގެ ސަބަބުން ރެއާލުން މި ހަފްތާ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ އާރުބީ ލައިޕްޒިފާއި، އަންނަ ހަފްތާ ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ބެންޒެމާ ނުކުޅޭނެ އެވެ.