06 ޖެނުއަރީ 2017 - 12:38

އިންޑިއާގެ އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މަޝްހޫރު އެކްޓަރު އޯމް ޕޫރީ ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 66 އަހަރުގެ އެކްޓަރު މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވި ހަބަރު ލިބުމާ އެކު ބޮލީވުޑްގެ އެތައް ބަޔަކު އަންނަނީ ޓްވިޓާގައި ހިތާމަފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރް، މަދުރު ބަންޑާކަރު، ރާޖް ކުމާރު ހިރާނީ އަދި ރިޝީ ކަޕޫރު ހިމެނެ އެވެ.
އެކްޓަރު އަނޫޕަމް ކޭރު ކުރި ޓްވީޓެއްގައި ބުނީ ވަކިވެގެން ދިޔައީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި ޝޮކެއް ލިބިފައިވާ ކަމަށެވެ.
ޑައިރެކްޓަރު ޕްރޮޑިއުސަރު މަހޭޝް ބަޓް ކުރި ޓްވީޓެއްގައި ބުނީ އޯމް ޕޫރީ ވަކިވެ ދިއުމަކީ ހުދު އޭނާގެ އެއް ބައި ވަކިވެގެން ދިއުން ކަމަށެވެ. އަދި އިންޑިއާގެ ސިނަމާއާ ބެހޭ ގޮތުން އޯމް ޕޫރީއާ އެކު ދެކެވުނު ވާހަކަތައް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް މަހޭޝް ބުންޏެވެ.
އިންޑިއާގެ ޕަންޖާބަށް އުފަން އޯމް ޕޫރީ ފިލްމީ ދުނިޔެ އަށް ތައާރަފުވީ 1976 ގައި ކުޅުނު މަރާޓީ ފިލްމް "ގަޝިރާމް ކޮޓްވާލް" އިންނެވެ.
އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑާއި އިންޑިއާގެ އެތައް ބަހަކުން ނެރުނު ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޯމް ޕޫރީ ކުޅެފައި ވަނީ ހަމައެކަނި އިންޑިއާގެ ފިލްމުތަކެއް ނޫނެވެ.
އޭނާއަކީ ބައިނަލްއަގްވާމީ ގިނަ ފިލްމްތަކެއް ކުޅުނު އިންޑިއާގެ މަދު އެކްޓަރުންގެ ތެރެއިން އެކްޓަރެކެވެ. އެގޮތުން ހޮލީވުޑްގައި މަސައްކަތްކޮށްފައިވެ އެވެ.
އޯމް ޕޫރީ ކުޅެފައިވާ ހޮލީވުޑްގެ ފިލްމްތަކުގެ ތެރޭގައި ގާންދީ (1982)، ސިޓީ އޮފް ޖޯއި (1992)، ދަ ގޯސްޓް އެންޑް ދަ ޑާކްނެސް (1996)، ޗާލީސް ވިލްސަންސް ވޯ (2007) އަދި ދަ ހަންޑްރެޑް ފުޓް ޖާނީ (2014) ހިމެނެ އެވެ.
ނެޝަނަލް އެވޯޑާއި އިންޑިއާ ސަރުކާރުން ދޭ ޕަދްމަ ޝްރީ އެވޯޑް ވެސް ހާސިލްކޮށްފައިވާ އޯމް ޕޫރީގެ ފާހަގަކޮށްލެވޭ ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި މިރްޗް މަސާލާ (1986)، ދަރާވީ (1992) އަދި އަރޯހަން (1981) ފާހަގަކޮށްލެވެ އެވެ.
އޭނާ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނީ "އަރޯހަން" އިންނެވެ. އޯމް ޕޫރީ މި ފަހުން ފެނިގެން ފިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ބަޖިރަންގީ ބައިޖާން". "ގާޔަލް ވަންސް އެގެއިން"، އަދި "ޑާޓީ ޕޮލިޓިކްސް" ހިމެނެ އެވެ.
އޯމް ޕޫރީގެ ކުރިއަށް ހުރި ފިލްމަތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ "ބެންޑް އިޓް ލައިކް ބެކަމް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ގްރިންދަރު ޗައްޑާގެ "ވައިސްރޯއިސް ހައުސް" އިންނެވެ.
އެ ފިލްމް ސިނަމާތަކަށް އަންނާނީ މާޗް 3 ގަ އެވެ.