ބިން ލާދިންގެ ދަރި އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓަށް
ބިން ލާދިންގެ ދަރި އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓަށް

ވޮޝިންޓަން (ޖެނުއަރީ 6) - އުސާމާ ބިން ލާދިންގެ ދަރި ހަމްޒާ ބިން ލާދިން ވެސް ޓެރަރިޒަމް ހިންގުމުގައި ބައިވެރިވަމުންދާ ކަމަށް ބުނެ އެމެރިކާގެ ޓެރަރިސްޓުންގެ ކަޅު ލިސްޓުގައި އޭނާގެ ނަން ހިމަނައިފި އެވެ.

އުމުރުން 20 ގެ އަހަރުތަކުގެ ފަހުކޮޅުގައިވާ ހަމްޒާ އަކީ އަލްގައިދާގެ މެންބަރެއްގެ ގޮތުގައި 2015 ވަނަ އަހަރު ވަނީ ރަސްމީކޮށް ހަމަޖައްސައިފަ އެވެ. އަދި އެ ޖަމާއަތް ދެން ލީޑްކުރާނީ އޭނާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަލްގައިދާއާ ގުޅުމަށް ފަހު ހަމްޒާ ވަނީ ހުޅަނގުގެ އެކި ގައުމުތަކަށް ހަމަލާ ދިނުމަށް ގޮވާލައިފަ އެވެ. އަލްގައިދާ އިން 2015 ވަނަ އަހަރު ނެރުނު އޯޑިއޯ މެސެޖެއްގައި ހަމްޒާ ވަނީ ވޮޝިންޓަން، ލަންޑަން، ޕެރިސް އަދި ތެލް އަވީވަށް ހަމަލާ ދިނުމަށް ގޮވާލައިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޓެރަރިސްޓް ހަމަލާތައް ދިނުމުގައި ހަމްޒާގެ ރޯލު ބޮޑު ކަމަށާއި އެކަން ގައުމުތަކުގެ ސަމާލު ކަމަށް ގެންނަމުންދާ ކަަމަށެވެ.

އުސާމާ ބިން ލާދިން އަތުލައިގަތުމަށް ޕާކިސްތާނުގެ އަބޮތުއާބާދަށް 2011 ވަނަ އަހަރު ހަމަލާދިން އިރު އެ ގޭގައި ހަމްޒާއެއް ނެތެވެ. އެމެރިކާގެ ކޮމާންޑޯ އިން ހަމަލާދީ ބިން ލާދިން ވަނީ މަރާލައިފަ އެވެ. ބިން ލާދިންގެ މަރަށް ފަހު އަލް ގައިދާ ޖަމާއަތާ ހަވާލުވެފައި ވަނީ އައްޔުމަން ޒަވާހިރީ އެވެ.