ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކުރި ބަޔަކު ސައުދީ އަށް
ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކުރި ބަޔަކު ސައުދީ އަށް

ވޮޝިންޓަން (ޖެނުއަރީ 6) - ކިއުބާގެ ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކުރި ޔަމަނުގެ ހަތަރު މީހަކު ސައުދީ އަރަބިއާ އަށް ފޮނުވައިފި އެވެ.

ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކުރި ބަޔަކު ސައުދީ އަށް
ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކުރި ބަޔަކު ސައުދީ އަށް

އޭއެފްޕީގެ ނޫސްވެރިއަކު ބުނީ ކިއުބާގައި ހުރި ޖަލުން ނެރުނު މީހުން ސައުދީ އަށް ގެންދިއުމާ އެކު އެ މީހުންނަށް މަރުހަބާ ކިޔުމަށް އާއިލާގެ މީހުން ރިޔާޒުގެ އެއާޕޯޓަށް ގޮސް ތިބި ކަމަށެވެ. އަދި އާއިލާތަކުގެ މީހުން ތިބީ ސައުދީ ޝާހީ އާއިލާ އަށް ރިޒާވްކޮށްފައިވާ ޓާމިނަލުގައި ކަމަށް ވެސް ރިޕޯޓަރު ބުންޏެވެ. މިދިޔަ އެޕްރީލް މަހު ވެސް ވަނީ ގުއަންޓަނާމޯ ބޭ ޖަލުން ނެރުނު ޔަމަނުގެ ނުވަ ގައިދީއަކު ސައުދީ އަށް ފޮނުވައިފަ އެވެ. އެއީ ގުއަންޓަނާމޯ ބޭ ޖަލުގެ ގައިދީންނާ ސައުދީން ހަވާލުވި ފުރަތަމަ ފަހަރެވެ.

ރައީސް ބަރަކް އޮބާމާ ވަނީ މި މަހު 20 ވަނަ ދުވަހު ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން ގުއަންޓަނާމޯ ބޭ ޖަލު ހުސްކުރާނެ ކަމަށް ކުރިން ވައުދުވެވަޑައިގެންފަ އެވެ. އޮބާމާ ވެރިކަމަށް ވަޑައިގެންނެވި އިރު ގުއަންޓަނާމޯ ބޭ ޖަލުގައި 242 މީހުން ތިއްބެވެ.

އިތުރު 15 ގައިދީ އަކު ވަރަށް އަވަހަށް ގުއަންޓަނާމޯ ބޭ ޖަލުން ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ މީހުން ފޮނުވުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ އިޓަލީ، އޮމާން އަދި ޔޫއޭއީ އެވެ. މި 15 ގައިދީން ދޫކޮށްލި ނަމަވެސް ޖަލުގައި އަދިވެސް 40 މީހުން ތިބޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮބާމާ އަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވަނީ ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން މިނިވަން ކުރުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ ޖަލުގައި މިހާރު އެ ތިބީ ވަރަށް ނުރައްކާ ކުށްވެރިންތަކެއް ކަމަށާއި އެ މީހުން އެއްގޮތަކަށް ވެސް މައިދާނަށް ނެރެގެން ނުވާނެ ކަމަށެވެ. ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރަން އޮބާމާ ގެންގުޅުއްވާ ސިޔާސަތަށް ޓްރަމްޕް ވަނީ ރިޔާސީ ކެމްޕޭނު ތެރޭގައި ވެސް ދެކޮޅު ހައްދަވައިފަ އެވެ.

ގުއަންޓަނާމޯ ބޭ ޖަލު ހުޅުވީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުށްވެރިން ބަންދު ކުރުމަށެވެ. އެ ޖަލުގައި ފުރަތަމަ 20 ގައިދީން ބަންދުކުރީ ޖެނުއަރީ 11، 2002 ގަ އެވެ. އޭގެ ފަހުން ގުއަންޓަނާމޯ ބޭ ޖަލުގައި 780 އަށް ވުރެ ގިނަ މީހުން ބަންދުކޮށްގެން ގެންގުޅުނެވެ. މީގެ ތެރޭން ގިނަ މީހުން ޖަލުގައި ގެންގުޅުނީ އެ މީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ކުރުމަކާ ނުލަ އެވެ.