15 ސެޕްޓެމްބަރ 2022 - 12:42

ރާއްޖެ އިން އެމެރިކާ އަށް ކަނޑައަޅާ އާ ސަފީރަކަށް އަބްދުލްޣަފޫރު މުހައްމަދު މިއަދު ހަމަޖައްސަވައި، އޭނާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.
ޣަފޫރު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
އެމެރިކާގެ ސަފީރަކަށް އޭނާ ހަމަޖެއްސެވުމަށް ރައްޔިތުން މަޖިލީހުން ރުހުން ދިނީ މިދިޔަ މަހު އެވެ.
ޣަފޫރު ވަނީ ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި އަދި ފޮރިން މިނިސްޓްރީގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.
އޭނާ ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވާސިޓީގެ ފްލެޗާ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން، އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ.