ބެއިލީ މި ހަފުތާގައި ޔުނައިޓެޑާ ގުޅޭނެ: ރިޕޯޓް
ބެއިލީ މި ހަފުތާގައި ޔުނައިޓެޑާ ގުޅޭނެ: ރިޕޯޓް

މެންޗެސްޓާ (ޖޫން 8) - މެންޗެސްޓާ ޔުނައިޓެޑާ ހޯސޭ މޮރީނިއޯ ހަވާލުވެ އެ ޓީމަށް ސޮއިކުރުވާ ފުރަތަމަ ކުޅުންތެރިޔާއަށް ވިޔަރެއާލުގެ އައިވަރީ ކޯސްޓް ޑިފެންޑަރު އެރިކް ބެއިލީ ވުމާ ގާތަށް ގޮސްފި އެވެ.

އުމުރުން 22 އަހަރުގެ ބެއިލީ ގަންނަން ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން ކިއޫ ހަދާފައިވާއިރު އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މި ހަފުތާގެ ތެރޭގައި އޭނާ ޔުނައިޓެޑުގެ މެޑިކަލް ޓެސްޓް ފުރިހަމަކުރާނެ އެވެ.

އެސްޕަންޔޯލުން ފާހަގަވި ބެއިލީ މިދިޔަ އަހަރު ވިޔަރެއާލާ ގުޅުނީ 4.4 މިލިއަން ޕައުންޑަށެވެ. ވިޔަރެއާލުން އޭނާ ޔުނައިޓެޑަށް ވިއްކާލަނީ 30 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ އައިވަރީ ކޯސްޓުން މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބެއިލީ އަދި ފިޒިކަލީ ވަރުގަދަ އަދި އެހާމެ ހަލުވި ކުޅުންތެރިއެކެވެ. ޓެކްލިންގައި ވެސް ފުރިހަމަ މި ކުޅުންތެރިޔާ ވަނީ މަތިން އަންނަ ބޯޅަތައް ދިފާއުކުރުމުގައި ވެސް މިހާތަނަށް ފުރިހަމަ ކުޅުމެއް ދައްކައިފަ އެވެ.

ކުރިން ބެލެވިފައި އޮތީ މޮރީނިއޯ ފުރަތަމަ ގެންނާނެ ކުޅުންތެރިޔަކީ ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ކަމަށެވެ. އޭނާ ގުޅޭނެ ކްލަބެއް އިއްޔެ ހާމަކުރާނެ ކަމަށް ބުނި ނަމަވެސް އެކަން މިހާރު ވަނީ ފަސްވެފަ އެވެ. އޭނާ ގެންދަން މަސައްކަތްކުރަނީ ކުރީގެ ކްލަބް އޭސީ މިލާނާއި އެމެރިކާގެ އެލްއޭ ގެލެކްސީ އެވެ.