15 ސެޕްޓެމްބަރ 2022 - 14:31

އަންނައުނުގެ ވިޔަފާރީގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރު ޔިވޯން ޗުއިނާޑް، އޭނާގެ ކުންފުނި ޕެޓަގޯނިއާ، ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއަކަށް ހަދިޔާކޮށްފި އެވެ.
ފަރުބަދައަށް އެރުމަށް ޚާއްސަ ހެދުންތަކާއި އެނޫން ބާވަތްތަކުގެ އަންނައުނުގެ ވިޔަފާރީގައި މަޝްހޫރު ޕެޓަގޯނިއާ ހަދިޔާކުރީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ހޯލްޑްފާސްޓް ކަލެކްޓިވް އަށެވެ. އެ ޖަމިއްޔާގެ އެންމެ މުހިންމު މަސައްކަތަކީ މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި އެހީތެރިވެދިނުމެވެ.
ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް އެ ޖަމިއްޔާއަށް ބަދަލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ދާއިރު، އެ މުއްދަތުގައި ލިބޭ އެއްވެސް އާމްދަނީއެއް، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އިންވެސްޓް ނުކުރުމަށް ވެސް ޔިވޯން ވަނީ ނިންމައިފަ އެވެ.
މީގެ 49 އަހަރު ކުރިން 1973 ވަނަ އަހަރު އުފެއްދި ކުންފުނި، ތިމާވެށީގެ ހިމާޔަތުގައި ހަދިޔާކުރީ، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް އިންތިހާ އަށް މައްޗަށްގޮސް ކަންކަން ކޮންޓްރޯލުން ނެއްޓިފައިވާތީ ކަމަށް އޭނާ ބުންޏެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރުވެސް 1.2 ބިލިއަން ޑޮލަރު ހުރި އިރު، މިއަހަރުގެ ތެރޭގައި އެ ކުންފުނީގެ އާމްދަނީ 1.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ހިންގާ ޕެޓަގޯނިއާގެ އަހަރީ އާމްދަނީގެ އެއް ޕަސެންޓް މިހާރު ވެސް ހަދިޔާކުރަނީ ތިމާވެށީގެ ހިމާޔަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކަށެވެ. އެހެން ނަމަވެސް، އެއީ އެކަށީގެންވާ ވަރަށް ވުރެ މަދު މިންވަރެއް ކަމަށް ގަބޫލުކުރެވޭނީ، ޔިވޯން ނިންމީ މުޅި ކުންފުނި އެކަމަށްޓަކައި ވަގުފު ކުރުމަށެވެ.
މީގެ ކުރިން ވެސް މަޝްހޫރު ބައެއް ވިޔަފާރިވެރިން ވަނީ އެމީހުންގެ ކުންފުނިތަކާއި ވިޔަފާރިތައް، ތިމާވެށީގެ ކަންކަމަށް ވަގުފުކޮށްފަ އެވެ. އެ ގޮތުން ހަޓް ގުރޫޕްގެ ވެރިޔާ މެތިއު މޯލްޑިންވަނީ އޭނާގެ މިލްކިއްޔާތުން 100 މިލިއަން ޑޮލަރު، ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ހަދިޔާކޮށްފަ އެވެ.