ސިޓީ ތިން ވަނަ އަށް، އާސެނަލް އުއްމީދު ބޮޑުކޮށްފި
ސިޓީ ތިން ވަނަ އަށް، އާސެނަލް އުއްމީދު ބޮޑުކޮށްފި

ލަންޑަން (މެއި 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-1 އިން ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް ޖެހިލިއިރު، ސްޓޯކް ސިޓީ އަތުން 4-1 އިން ހޯދި ބޮޑު މޮޅާ އެކު އާސެނަލް ލީގުގެ ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.

ސިޓީ ތިން ވަނައިގައި އޮތީ 36 މެޗުން 72 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް 36 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އެ ޓީމު މިރޭ ރަށުން ބޭރުގައި ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. ފަސް ވަނައިގައި އާސެނަލް އޮތީ 36 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި އެޓީމަށް ލީޑުނަގައިދިނީ ޑޭވިޑް ސިލްވާ އެވެ. އޭގެ ހަތް މިނިޓް ފަހުން ސިޓީގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ގަބްރިއެލް ޖީސަސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާގެ ޖަޕާން ފޯވާޑް ޝިންޖީ އޮކަޒާކީ ވަނީ ލަނޑެއް ޖަހައި ލެސްޓާ މެޗުގެ ތެރެއަށް އަލުން ގެނެސްދީފަ އެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލެސްޓާ އަށް ރިޔާދް މާރޭޒް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެހެން ނަމަވެސް މާރޭޒް އެ ޕެނަލްޓީ ފޮނުވާލިއިރު އޭނާ ފައިގައި ބޯޅައިން ދެ ފަހަރަށް ޖެހުމުން މެޗުގެ ރެފްރީ ރޮބަޓް މެޑްލީ ނިންމީ އެ ލަނޑު ނުލުމަށެވެ.

ސްޓޯކް ކޮޅަށް ރޭ އާސެނަލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އޮލިވިއޭ ޖިރޫ އެވެ. އަނެއް ދެ ލަނޑު ޖެހީ އަލެކްސިސް ސަންޗޭޒާއި މެސުޓް އޮޒިލް އެވެ. ސްޓޯކްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޕީޓަ ކްރައުޗް އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ގާތްގާތުގައި އުނދަގޫ ދެ މެޗުން މޮޅުވުމުން ޓީމުގެ ހިތްވަރު ފެނިއްޖެ ކަމަށާއި ބޭނުންވަނީ މި ފޯމުގައި ދެން އޮތް ދެ މެޗު ވެސް ކާމިޔާބު ކުރުމަށެވެ.

"މިއީ އުނދަގޫ ހަފްތާއެއް. ރަށުންބޭރުގައި ދެ މެޗުން މޮޅުވުމުން ޓާގެޓަށް ވާސިލްވާން ފަސޭހަވެއްޖެ. ބޭނުންވަނީ ދެން އޮތް ދެ މެޗުން ވެސް މޮޅުވާން. މިއީ އަހަރެން ބޭނުންވި ކުޅުން ފެނުނު މެޗެއް. ގަދަ ހަތަރެއްގެ އުއްމީދު ދޫކޮށް ނުލަން،" ވެންގާ ބުންޏެވެ.