17 ސެޕްޓެމްބަރ 2022 - 09:16

ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު، "ތޭންކް ގޯޑް" ގެ ފުރަތަމަ ލަވަ "މަނިކެ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
އިއްޔެ ހެނދުނު ޓީޒާ އާންމުކުރި އެ ލަވައަކީ ސްރީ ލަންކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޔޮހާނީ ދިލޯކާ ޑި ސިލްވާ ކިޔާފައިވާ ސިންހަޅަ ލަވަ، "މަނިކޭ މަގޭ ހިތޭ" ގެ ސިންދީ ވާޝަނެކެވެ. މުޅި ދުނިޔޭގައި ވެސް ބޮޑު މަގްބޫލުކަމެއް ލިބުނު އެ ލަވައިގެ ހިންދީ ވާޝަނުގައި ވެސް ލަވަކިޔާފައި ވަނީ ޔޮހާނީ އެވެ.
އެކަމަކު އެ ލަވައިގެ ވީޑިއޯގައި ފެންނަނީ ބެލީ ޑާންސަށް މަޝްހޫރު ނޯރާ ފަތޭހީ އާއި އެކްޓަރު ސިދާތު މަލްހޯތުރާ އެވެ. އެ ލަވައިގެ 30 ސިކުންތުގެ ޓީޒާ އާންމުކުރުމާ އެކު ގިނަ ބަޔަކު އަންނަނީ ސިދާތާއި ނޯރާގެ ކެމިސްޓްރީ ކަމުގޮސްގެން އެ ވާހަކަ ދައްކަމުންނެެވެ.
ޓީ ސީރީޒް ފިލްމްސް އާއި މަރުތީ އިންޓަނޭޝަނަލް ޕްރޮޑަކްޝަން އިން ނެރޭ ފިލްމު "ތޭންކް ގޯޑް" އަކީ އިންދްރާ ކުމާރު ޑައިރެކްޓްކުރާ ފިލްމެކެވެ. އަންނަ މަހުގެ 25 ގައި ރިލީޒްކުރާ އެ ފިލްމުގެ ލީޑު ރޯލުގައި އަޖޭ ދޭވްގަން އާއި ސިދާތު އަދި ރަކުލް ޕްރީތު ސިންގް ފެންނާނެ އެވެ.