18 ސެޕްޓެމްބަރ 2022 - 09:58

ބާސެލޯނާ (ސެޕްޓެމްބަރު 18) - ސްޕެނިޝް ލަލީގާ ގައި، އެކަކު މަދުކޮށް ކުޅުނު އެލްޗޭއާ ވާދަކޮށް 3-0 އިން މޮޅުވެ، ބާސެލޯނާ ލީގު ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ބާސާ އިން ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި އެލްޗޭ އިން އެއް ކުޅުންތެރިއަކު މަދުވީ، ރޮބާޓް ލެވަންޑޯސްކީ އަށް ކުރި ފައުލަކާ ގުޅިގެން ޑިފެންޑަރު ގޮންޒާލޯ ވާޑޫ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗުގައި ލެވަންޑޯސްކީ ލަނޑު ޖަހައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ، 34 ވަނަ މިނިޓުގައި އަލެހަންޑްރޯ ބަލްޑޭ ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. އަދި 41 ވަނަ މިނިޓުގައި ބަލްޑޭ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލާފައި ސީދާ މަތީ ކަނަށް ފޮނުވާލައިގެން ލީޑު ފުޅާ ކޮށްދިނީ މެމްފިސް ޑިޕާއި އެވެ. ލެވަންޑޯސްކީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގަ އެވެ.
ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި ބާސެލޯނާއަށް ބަދަލުވެ، އެޓީމު މިހާތަނަށް މޮޅުވި ހުރިހާ މެޗެއްގައި ވެސް ލަނޑު ޖަހައިފަ އެވެ. ލީގުގައި ބާސާގެ ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރު ވި ނަމަވެސް، ފަހުން ކުޅުނު ފަސް މެޗުން އޭނާ ވަނީ އަށް ލަނޑު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ބެޔާޏް މިއުނިކް އަތުން ބަލިވި އިރު، އޭގެ ކުރިން ފުރަތަމަ މެޗުގައި ލެވަންޑޯސްކީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ، ސްކޮޑުގައި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިރު، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވެ، އަބަދުވެސް ތިބީ ލިބޭ ފުރުސަތުތަކުގައި އެންމެ ރަނގަޅަށް ކުޅެން ތައްޔާރަށް ކަމަށެވެ. އަދި މެޗުގައި އެޓީމުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ބަލްޑޭ އާއި ޕެޑްރީ އަށް ޒަވީ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"މިއީ ބުރަ ޝެޑިއުލެއް އޮތް އަހަރެއް. ކުރިއަށް އޮތް ހަފްތާ ތަކުގައި އަހަރެމެންނަށް އަރާމު ކުރާނެ ޖާގައެއް ނެތް، އަދި ހުރިހާ ކުޅުންތެރިންގެ ބައިވެރިވުން ވެސް މުހިއްމު. ކޮންމެ ކުޅުންތެރިއެއް ކުޅުނަސް، ނުކުންނާނީ ޓީމެއް ގޮތުގައި. އަހަރެމެންނަށް ބައިވަރު ކުޅުންތެރިން އިހުތިޔާރު ކުރެވެން އެބަތިބި، މުބާރާތްތައް ކާމިޔާބު ކުރެވޭނީ ހަމައެކަނި އަރާ ފުރަތަމަ 11 އަކަށް ނޫން،" މެޗަށް ފަހު ޒަވީ ބުންޏެވެ.
"އޭނާ (ޕެޑްރީ) އަކީ (އެކަޑަމީ އިން ތަމްރީނު ވެފައި ހުރި) އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާއަށް ގޭމު އަންޑަސްޓޭންޑް ވޭ، ޕާސް ތަކުގައި ތަފާތު ދައްކާ، ބޯޅަ ގެއްލުވައެއް ނުލާނެ. އަހަރެމެން ޖެހޭ ވަރަށް ރަނގަޅަށް އޭނާ ބަލަހައްޓަން. އިދިކޮޅުން ވަރަށް ބޮޑަށް ކުޅުންތެރިން މާކު ކޮށްގެން ކުޅުނީ، އެކަމަކު ބަލްޑޭ އެ މަޅީގައި ނުޖެހުނު. އެންމެ 18 އަހަރުގެ ކުއްޖަކު އެ ފެންވަރުގައި ކުޅޭ ތަން ފެނުމުން އަހަރެން ހައިރާން ވޭ. ފިޒިކަލީ ވަރަށް ރަނގަޅު ހާލަތުގައި އޭނާ ހުރީ، އަދި އޭނާގެ ފަރާތުން އަހަރެމެންނަށް ގިނަ ފައިދާތަކެއް ކުރިއަށް އޮތް ތާނގައި ލިބޭނެ."
މި ނަތީޖާއާ އެކު ބާސެލޯނާ ލީގު އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން 15 ޕޮއިންޓް ހޯދާފައިވާ ޗެމްޕިއަން ރެއާލް މެޑްރިޑް، މިރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލީގުގައި ނުކުންނާނީ، އެތުލެޓިކޯގެ ދަނޑުގަ އެވެ.
ރެއާލް މެޑްރިޑުން މި ސީޒަނުގައި މިހާތަނަށް ކުޅެފައިވާ އަށް މެޗުން ވެސް މޮޅުވުމުގެ ފުރިހަމަ ރެކޯޑް ދަމަހައްޓައިފައި ވާއިރު، އެތުލެޓިކޯ ވަނީ އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ ބެޔާ ލެވަކޫސަން އަތުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބަލިވެފަ އެވެ.