ބަސް ދަތުރުތައް އިތުރު ދެ ހަފުތާ ހިލޭ
ބަސް ދަތުރުތައް އިތުރު ދެ ހަފުތާ ހިލޭ

އެމްޓީސީސީން މާލޭގައި ދުއްވާ މިނީ ބަސްތަކުގެ ދަތުރުތައް އިތުރު ދެ ހަފުތާ ހިލޭ ކޮށްދޭ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.

ބަހުގެ ހިދުމަތުގެ ޓެސްޓް ދަތުރުތައް މީގެ ދެ ހަފުތާ ކުރިން، މި މަހުގެ 5ގައި ފެށީ، ދެ ހަފުތާ އަށް ފަހު އަގު ނަގާ ގޮތަށެވެ. މިއަދަކީ އެ މުއްދަތު ހަމަވާ ދުވަހެވެ.

އެކަމަކު އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ބަސް ދަތުރުތަކުގެ ރޫޓުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި ދަތުރުތަކަށް ހޭނުމަށް އިތުރު ދެ ހަފުތާ ހިލޭ ކޮށްދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

މާލޭ ބަސް ދަތުރަކަށް ނަގަން ހަމަޖައްސައިފައިވާ އަގަކީ 7ރ. އެވެ.

ބަސް ދަތުރުތައް ފެށުމާ އެކު، ވަރަށް ގިނަ އަދަދެއްގެ މީހުން މިހާރު ބަހުން ދަތުރުކުރެ އެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެވްރެޖްކޮށް ދުވާލަކު 8،000 ވަރަކަށް މީހުން ބަހުން ދަތުރު ކުރެ އެވެ.

ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ތިން ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލްގެ 18 މިނީ ބަސް މާލޭގައި ދަތުރުކުރެ އެވެ. އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނައިރު، ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެ އެވެ.