21 ސެޕްޓެމްބަރ 2022 - 11:17

މަސްވެރިކަމަށް ނުކުމެ އުޅުނު ކ. ގާފަރުގެ މަސް ދޯންޏެއް މިއަދު ފ. އަތޮޅުގެ ފަރަކަށް އަރައި، ބިންދައިގެން ހިނގައްޖެ އެވެ.

"ހުދަންބަރު" ކިޔާ އެ ދޯނި ރޭ ދަންވަރު އެރީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ފ. ހިމިތީގެ ފުއްޓަރު ފަރާތު ފަރަށެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ދޯނި ފަރަށް އެރުމުގެ ހާދިސާގައި ދެ ފަޅުވެރިއަކަށް އަނިޔާވިޔަސް، އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެހެން އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ދެމީހުން ފައި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައި ހުރީ. އަނެއްހެން ހާލު ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި ދޯންޏަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، އެ ދޯނީގައި 16 މީހުން ތިބި ކަމަށާއި އަދި ދިހަ ޓަނުގެ މަސް ހުރި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ކަމަށް ބެލެވެނީ ދޯނީގެ ކައްޕި ދަމު ނަމާދުކުރުމަށް، ހުންގާނު ބިދޭސީއެއްގެ އަތަށް ދީފައި ދިޔަ ވަގުތުގަ އެވެ.
އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު، ފީއަލީގެ ބައެއް ދޯނިފަހަރާއި ޑިންގީތައް ގޮސް، އެ ދޯނީގައި ތިބި ފަޅުވެރިން އެއަށް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދޯނި ފުންކުރެވޭތޯ ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.