22 ސެޕްޓެމްބަރ 2022 - 11:25

ސުވާލެއް ވެސް ނެތެވެ؛ ޖިންސީ ވިޔަފާރި އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފައިދާ ބޮޑު ބޮޑު ވިޔަފާރި އެވެ. ރާއްޖޭގައި ވެސް އެކަން އޮތީ އެހެންނެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ވެސް ހަމަ އެ ފޯވަހި ރާއްޖެ އަށް އައެވެ. އޭރު މަސާޖްކުރާ ތަންތަނުގެ ނަމުގަ އެވެ. އެކަމަކު، ބޭރަށް ފެންނަން ހުންނަ އޯލްޓަނޭޓިވް މެޑިސިންގެ ބަދަލުގައި އެތެރޭގައި ހިނގަމުން ދިޔައީ މުޅިން އެހެން ކަމެކެވެ. ގިނަ ބަޔަކު އޭރު ސުވާލު ކުރަމުން އައީ، ދިވެހި ބޭސް ކުލިނިކްތައް ވެސް ހުޅުވާފައި ހުރެ، އެ ތަންތަން ހުހަށް އޮންނަ އިރު، އޯލްޓަނޭޓިވް މެޑިސިން ކުލިނިކްތައް އަބަދު ފުރިފައި އޮންނަ ސަބަބަކާ ބެހޭ ގޮތުންނެވެ.

ހަގީގަތް ބެލިއިރު އެ ތާނގެ ތެރޭގައި ހިނގަމުން ދިޔައީ އެހެން ކަމެކެވެ. މަސާޖުކުރުމުގެ ނަމުގައި ހިނގަމުން ދިޔައީ ފާހިޝް ކަންތައްތަކެވެ. އެ ކަންތައް ފުޅާވަމުން ގޮސް، މާލޭގައި މަސާޖް ޕާލާތައް ގިނަވެ، ކޮންޓްރޯލް ގެއްލުނު އިރު، އެތައް ބަޔަކު މިލިއަނަރުންނަށް ވެ ނިމުނީ އެވެ. ތަންތަން ބަންދުކުރި އިރު، އެތައް ބަޔަކު އެތައް އެހެން ވިޔަފާރިއެއް ފަށައިފި އެވެ.

އޭގެ އަނެއް ފޯވަހި ފެށިގެން، ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެކި ނަންނަމުގައި އަނެއްކާ ވެސް މިކަން ފެށީ އެވެ. ކުރިން އެ ވިޔަފާރީގައި އުޅެނީ ޒުވާން ދިވެހި ކުދިން އަންހެނުން ނަމަވެސް، އޭގެ 10 ވަރަކަށް އަހަރު ފަހުން، އެކަމުގެ ތެރޭގައި ނަގައި ކިޔަން ބިދޭސީން ވެސް އެބައުޅެ އެވެ. އެންމެ ހެޔޮ އަގުތަކުން ފެށިގެން ގޮސް، 5،000ރ. އާ ހަމައަށް ވެސް އަގު ކިޔަ އެވެ. އެކަމަކު، ތަފާތަކަށް ވީ އެންމެ ކަމެކެވެ. މިހާރު ކޮންމެހެން މަސާޖެއްގެ ނަމަކު ނޫނެވެ. ސީދާ ހަށި ވިއްކުމުގެ ވިޔަފާރި އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، މާލޭގައި މިހާރު ގުނަން ފަސޭހަ ނުވާ ވަރަށް ހަށި ވިއްކާ ތަންތަން އެބަހުއްޓެވެ. ހަތަރު ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް ހިފައިގެން، ބޭރުގައި ސެލޫންގެ ނަން ބޯޑު ޖަހައިގެން ވެސް، އެއިން އެއްވެސް ހިދުމަތެއް ނުދީ ހަމައެކަނި ހަށިވިއްކަން ހާއްސަ ތަންތަން އެބަހުއްޓެވެ.
މާލޭގެ ބައެއް ގެސްޓް ހައުސްތަކުގެ ކޮޓަރިތައް ވެސް ދިގު މުއްދަތަށް ނަގައިގެން އެކަން ކުރަނީ އެވެ. އަނެއްކޮޅުން އަންހެނުންނާއި ފިރިހެނުން ވެސް ޕާޓީތަކަށް ގެންގޮސްދޭ މީހުންނާއި ޕާޓީ ކުރަން ތަންތަނަށް މީހުން ފޮނުވައިދިނުމާއި ޖިންސީ އެކި ފާޑުފާޑުގެ އެދުންތައް ހާސިލްކޮށްދޭން މީހުން ފޮނުވައިދޭ އެޖެންޓުން ވެސް އެބަ އުޅެ އެވެ. ރާއްޖެ އިން ބޭރުން ތައިލެންޑުން އަންހެންކުދިން ގެނެސްގެން ހަށި ވިއްކުމުގެ ވިޔަފާރި ކުރާ މީހުން މަދެއް ނޫނެވެ. -- މިއީ، ކުޑަކުޑަކޮށް، ސިއްރުން ހިނގާ ކަމެއް ނޫނެވެ؛ މީގެ ނުރައްކާ ކަމަކީ މިއީ އެންމެންނަށް އެނގޭ ސިއްރެއް ކަމަށް ވާތީ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، ކޮވިޑާ އެކު ބެންކޮކް ބަންދުވެފައި އޮއްވައި އެ މީހުންނަށް ހުޅުވުނު އެންމެ ރަނގަޅު އެއް ދޮރަކީ ރާއްޖެ އެވެ. ހަށިވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުން އަންނަ ތައިލެންޑުގެ ބެންކޮކް އެއްކޮށްހެން ވަރަށް ގިނަ ދުވަހަށް ބަންދުވެފައި އޮތުމަކީ، އެ ވިޔަފާރީގެ ތެރޭގައި އުޅެމުން އައި އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންވެ، އެ މީހުން މެދުއިރުމައްޗާއި އެހެން ގައުމުތަކަށް ވެސް ދަތުރު ކުރި އެވެ.
އެ ކަން ވީ ގޮތަކީ އެއީ ކަން ސަރުކާރުގެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު، އެނގި ތިވެ އަޅާނުލަނީ އެވެ.
"އަހަންނަށް އެނގިގެން ހަތަރު ކުއްޖަކު ރާއްޖެ އައިސް މި ވިޔަފާރީގެ ތެރޭގައި އުޅުނު. އެ މީހުން އުޅުނީ ދިވެއްސަކު މެދުވެރިވެގެން. އެ މީހުން އަދިވެސް އެބައުޅޭ،" މި ރިޕޯޓަށް ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުން، އެއިން ކޮންމެ ކުއްޖަކަށް ވެސް ސިއްސައިގެންދާ ވަރުގެ އާމްދަނީއެއް ރާއްޖެ އިން ލިބެ އެވެ.
"ބެންކޮކްގައި އެ މީހުންނަށް ގަޑިއަކަށް މި ލިބެނީ ގާތްގަނޑަކަށް ފަންސަވީހަށް ޑޮލަރު. އެކަމަކު ރާއްޖޭގައި ގަޑިއަކަށް އެ މީހުންނަށް އެބަ ލިބޭ 75 ޑޮލަރު ވަރު. އެއީ ތިން ގުނަ ބޮޑު އަދަދެއް،" އޭނާ ބުންޏެވެ.
ނިސްބަތުން ބަލާ ނަމަ، އެ އިން ކޮންމެ ކުއްޖަކު ދުވާލަކު ހަތް ގަޑިއިރު މަސައްކަތް ކުރިޔަސް މަހަކު ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ލިބޭނެ އެވެ. އަދި، އެޖެންޓަށް ދެބައިކުޅަ އެއްބައި ދިނަސް، ޖީބަށް އެއް ލައްކަ ރުފިޔާ ލެވޭނެ އެވެ.
މާލެ އާއި ހުޅުމާލޭގައި މިހާރު ވަރަށް ގިނަ އަދަދަކަށް ބެންކޮކްގެ އަންހެނުން ފެންނާނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ ސެލޫންތަކުގަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި، ބައެއް ތަންތަނުން ސެލޫންގެ ހިދުމަތާ އެކު، ހަށިވިއްކުމުގެ ވިޔަފާރި ވެސް ކުރެ އެވެ.
"ބައެއް ތަންތަން ސެލޫން ޖަހާފައި އެ ހިދުމަތް ނުދީ ހަށިވިއްކުމުގެ ވިޔަފާރި އެކަނި ވެސް ކުރާ ތަންތަން އެބަހުރި. ކައުންޓަރެއް ހަދާފައި ހުންނާނެ. އެ ކައުންޓަރަށް 500 ރުފިޔާ ޕޭ ކޮށްލައިފައި ކުއްޖާ ގޮވައިގެން ކޮޓަރި އަށް ދާންވީ،" އޭނާ ކިޔައިދިނެވެ.
އެ ކަހަލަ ތަންތަން ހެނދުނު 10 އިން ފެށިގެން ރޭގަނޑު 12 އާ ހަމަ އަށް (14 ގަޑިއިރު) ހުޅުވާފައި ހުރެ އެވެ. އެއީ، ހަތަރު ވަރަކަށް ކޮޓަރި ނަމަ، އޭގެ މާނައަކީ، ހަމައެކަނި ވަތްގަނޑަކަށް އެކަނި ދުވާލަކު 28،000ރ. ވަންނާނެ ކަމެވެ. މަހަކަށް އެއީ 840،000ރ. އެވެ.
"ބައެއް ތަންތަން އަހަންނަށް އެނގިފައި އޮތް ގޮތުން ވަތްގަނޑަށް ވަންނަ ފައިސާ އަކީ ސީދާ އޯނަރަށް ލިބޭ އާމްދަނީ. ހިދުމަތް ދޭ ކުއްޖާ އަށް ލިބޭނީ ކަސްޓަމަރަށް ދޭ ހިދުމަތްތަކުން،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ރާއްޖޭގެ ނަން މަޝްހޫރު ބައެއް މީހުން ވެސް ބެންކޮކުން އަންހެނުން ގެނެސްގެން އެ ވިޔަފާރި ކުރަމުން ގެންދެ އެވެ. އަދި، ތަންތަން ހުޅުވައިގެން އެކި މީހުންނަށް ގުޅައިގެން ވެސް ގެންދެ އެވެ. އާންމުކޮށް ދާ ކަސްޓަމަރު އެ "ހިދުމަތް" ހޯދަން ނުދާ ނަމަ ސީދާ ވެރިމީހާ އަމިއްލަ އަށް ގުޅައިގެން ވެސް ގެންދެ އެވެ.
ރާއްޖޭގައި އޮތީ ހަމައެކަނި ބެންކޮކުން އަންހެނުން ގެނެސްގެން އެ ވިޔަފާރި ކުރުމެއް ނޫނެވެ. ދިވެހިންނާއި ބިދޭސީންގެ ތެރޭގައި ވެސް އެ ވިޔަފާރި އޮތީ މެކުހަށް ޖަހައިފަ އެވެ. ބައެއް މީހުން ބުނާގޮތުން، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެ މީހުންގެ ގައުމުން އަންހެނުން ގެނެސްގެން ވެސް އެ ވިޔަފާރި ރާއްޖޭގައި ކުރެ އެވެ. އޭގެ ބައެއް ކޭސްތައް ފުލުހުން ރެއިޑް ވެސް ކޮށްފައި ވެ އެވެ. ބައެއް މައްސަލަތައް ކޯޓަށް ވެސް ފޮނުވި އެވެ.
ރާއްޖޭގައި ކޮށްފައި ނުކުރާ ކަމެއް ނެތެވެ؛ މިކަން ފުޅާވެފައި އޮތް ވަރުގެ އެއް މިސާލަކީ، ބަންގްލަދޭޝްގެ ބައެއް މަސައްކަތްތެރިން އެ މީހުންގެ އަނބިން ވެސް މި ވިޔަފާރީގެ ތެރެއަށް ވެއްދުމެވެ. އޭގެ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. ތަހުގީގަށް އެ މީހުން ދީފައިވާ ބައެއް ބަޔާންތަކުގައި ބުނެފައިވާ ގޮތުގައި އަނބިން ގެނެސްގެން، އެ މީހުންނާ ގުޅުން ހިންގާނެ މީހުން ހޯދުމުގެ މަސައްކަތް [ފިރިމީހާ] ވަނީ ކޮށްފަ އެވެ. ބައެއް މީހުން އެ މީހުންގެ އަނބިން 20ރ. އަށް ވެސް ވިއްކައިފައި އެބަހުއްޓެވެ.
އެއީ އެއް ވިޔަފާރި އެވެ؛ އަނެއް ވިޔަފާރިއަކީ މި އެވެ؛ ރާއްޖޭގެ ޒުވާން އަންހެނުންނާއި ފިރިހެނުން ދެމަފިރިންނަށް ހިދުމަތް ދިނުމެވެ. އޭގެ އަގަކީ، ބައެއް ގްރޫޕްތަކުގައި ބުނާ ގޮތުން 3،000-5،000ރ. އެވެ. އެފަދަ މީހެއްގެ ގައިގައި ހުންނަން ޖެހޭނެ ކަމަށް ބުނާ ޝަރުތުތަކުގެ ތެރޭގައި ދެން ވެސް ހުންނަނީ ދީނީ ގޮތުން ހަރާމް ކަންތައްތަކެކެވެ.
"ތޯތޯ ވާހަކައެއް ނޫން. އެކަން ކޮށްދީގެން ވަރަށް ބޮޑެތި އާމްދަނީ ހޯދާ ވަރަށް ހަމަ ޕޮޝް ކުދިން ރާއްޖޭގައި އެބައުޅޭ. ބަލާ ބެލުމަކަށް ނުވެސް އެނގޭނެ އެއީ އެ ކަހަލަ ކަމެއް ކޮށްފާނެ ކުއްޖެއް ކަމެއް ވެސް،" މައުލޫމާތު އެނގޭ މީހަކު މި ރިޕޯޓަށް ކިޔައިދިނެވެ.
"އަހަރެންގެ ރަހުމަތްތެރި އަންހެންކުއްޖެއް، އޭނާ މީހަކާ ވެސް އިނދެގެން އުޅެނީ. ފިރިމީހާ ވެސް އޯކޭ. އޭނާ އެއް މަހު ނެގި 30،000ރ."
އެ ނިމުނީއެއް ނޫނެވެ؛ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އޮންނަ ގޮތަށް، ހުސްހަށިބައި މެދުއުމުރުގެ އަންހެނުން ބާއްވާ ކަހަލަ ޕާޓީތަކަށް ޒުވާން ފިރިހެނުން ގޮސް ނަށަން ވެސް ނަށުވަ އެވެ. ފުދޭވަރަކަށް ގިނައިން ފައިސާ ލިބޭ ކަމަށް ވެ އެވެ. އެ ކަހަލަ އިވެންޓްތަކަށް ކުދިން ފޮނުވައިދޭ އެޖެންޓުން ވެސް ތިބޭ ކަމަށް ވެ އެވެ.
ރާއްޖޭގައި ޖިންސީ ވިޔަފާރި އަނެއްކާ ވެސް މިދަނީ އެހެން ލެވެލަކަށެވެ. މިއީ، އަޅާ ނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑަށް، މުޖުތަމައު ފަސާދަކޮށްފާނެ ކަމެކެވެ. ފައިސާގެ އަވައިގައި ޖެހި ޒުވާން ޖީލެއް މީގެ ތެރޭގައި ހަލާކު ވުމުގެބިރު އެބައޮތެވެ. ނުރައްކާތެރި ބަލިތައް ފެތުރުމުގެ ބިރު އަދި މާ ބޮޑެވެ.
ވިސްނަމާ ހިނގާށެވެ! މިއީ ދޫކޮށްލައިގެން، ނުވަތަ ބަލަހައްޓައިގެން ތިބެވޭ ވަރަށް ވުރެ މާ ބޮޑު ކަމެކެވެ.