"ޗުޕް" ބެލި އެންމެންގެ ތައުރީފު ސަލްމާނަށް
"ޗުޕް" ބެލި އެންމެންގެ ތައުރީފު ސަލްމާނަށް

އާރް ބަލްކީ ޑައިރެކްޓްކޮށް އަންނަ ހުކުރު ދުވަހު ނެރެން ނިންމި ފިލްމު "ޗުޕް: ރިވެންޖް" އިންޑިއާގެ 10 ސިޓީއެއްގައި އޭގެ މާ ކުރިން އަޅުވައިފަ އެވެ. އެ ތަންތަނުގައި ސަޕޯޓަރުންގެ ރިވިއުތައް ހޯދުމަށް ވަކި ހާއްސަ ސަރަހައްދެއް ހާއްސަކޮށްފައި ހުރިއިރު އެއީ ފަސް ތަރީގެ ފިލްމެއް ކަމަށް ފިލްމު ބެލި މީހުން ބުންޏެވެ.

ހޯޕް ޕްރޮޑަކްޝަންގެ ފިލްމު "ޗުޕް ޕަބްލިކް ފްރީ ވިއު" ގެ ނަމުގައި ވަރަށް ލިމިޓެޑް އޯޑިއަންސަކަށް ފިލްމު ދެއްކި ނަމަވެސް ފިލްމު ބެލި މީހުންގެ ތައުރީފު ވަނީ ބަންޑުން ކޮށްލައިފަ އެވެ.

ސައިކޮލޮޖިކަލް ކްރައިމް ތުރިލާއެއް ކަމަށްވާ އެ ފިލްމަކީ މި އަހަރު ބޮލީވުޑުން ބަލައިލަން ލިބުނު އެންމެ ފުރިހަމަ މަސައްކަތުގެ ގޮތުގައި ސިފަކޮށް އެއީ ވަރަށް ތަފާތު ފިލްމެއް ކަމަށް ފިލްމު ބެލި މީހުން ބުނެފައިވެ އެވެ.

އެއީ ފާޑުކިޔުންތަކާ ހުރެ، އާޓިސްޓަކު ރުޅިގަދަވެގެން ގޮސް ސީރިއަލް ކިލާއަކަށް ބަދަލުވެ ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާ ނެރުމާ އެކު ވެސް ބޮޑު ތަރުހީބެއް އޭރު ލިބުނެވެ.

ފިލްމު ބެލި މީހުން ބުނާގޮތުގައި އެއީ ދުލްގަރު ސަލްމާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ފިލްމެވެ. ޓްވިޓާގައި ގިނަ ބަޔަކު އަންނަނީ އޭނާގެ ޕާފޯމަންސް ވަރަށް މޮޅު ކަމަށް ބުނެ ތައުރީފު ކުރަމުންނެވެ.

ފިލްމުގައި އޭނާގެ އިތުރުން ސަނީ ޑިއޯލް އާއި ޕޫޖާ ބަޓް ފެންނާނެ އެވެ.