އިޓަލީ ދެ ވަނަ ޑިވިޝަނުގެ ޓީމަކާ ކަނަވާރޯ ހަވާލުވެއްޖެ
އިޓަލީ ދެ ވަނަ ޑިވިޝަނުގެ ޓީމަކާ ކަނަވާރޯ ހަވާލުވެއްޖެ

އިޓަލީއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން ފަބިއޯ ކަނަވާރޯ އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގެ ބެނެވެންޓޯގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

މިއީ އިޓަލީ ފުޓްބޯޅައިގައި ކަނަވާރޯގެ ކޯޗިން ފުރަތަމަ ތަޖުރިބާ އެވެ. މީގެ ކުރިން މަސައްކަތްކުރީ އޭޝިއާ ފުޓްބޯޅައިގަ އެވެ. އެގޮތުން ޔޫއޭއީގެ އަލް އަހްލީ، ސައުދީ އަރަބިއާގެ އަލް ނަސްރު އަދި ޗައިނާގެ ގުއަންޒޫ އާއި ޓިއަންޖިން ގުއަންޖިންގައި މަސައްކަތްކުރި އެވެ. މީގެ އިތުރުން ޗައިނާ ގައުމީ ޓީމަށް ވެސް 2019 ވަނަ އަހަރު ކޯޗުކޮށްދިނެވެ.

ކަނަވާރޯ ހަވާލުވި ބެނެވެންޓޯ އޮތީ ފުރަތަމަ ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ ތާވަލުގެ 13 ވަނައިގަ އެވެ.

އިޓަލީގެ މީޑިއާތަކާ ހަވާލާދީ އޭއެފްފީ އިން ބުނާ ގޮތުގައި ކަނަވާރޯ އެ ޓީމާ ހަވާލުވީ 2024 ގެ ޖޫންގެ ނިޔަލަށް ކަމަށެވެ. އޭނާ އަށް އެ ޓީމުން ފުރަތަމަ ސީޒަނުގައި 500،000 ޔޫރޯ އަދި ދެ ވަނަ ސީޒަނުގައި އެއް މިލިއަން ޔޫރޯގެ މުސާރައެއް ދޭނެ އެވެ.

ކަނަވާރޯއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީގެ ޓީމުގެ އިތުރު ތިން ކުޅުންތެރިޔަކު ވެސް މިވަގުތު ހަރަކާތްތެރިވަނީ އިޓަލީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެއީ ޕާމާގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި ފްރޮސިނޯނޭގެ ކޯޗު ފަބިއޯ ގްރޮސޯ އަދި ރެޖީނާގެ ކޯޗު ފިލިއްޕޯ އިންޒާގީ އެވެ.

ބެލެވޭ ގޮތުގައި ކަނަވާރޯ ދެ ވަނަ ޑިވިޝަނުގެ ޓީމަކާ މި ހަވާލުވީ އިޓަލީގެ މަތީ ޑިވިޝަނުގެ ޓީމަކަށް ދިއުމުގެ ކުރިން ތަޖުރިބާ ހޯދާށެވެ. ކަނަވާރޯ ކުރިން ކުޅުނު ޔުވެންޓަސް އާއި އިންޓަ މިލާނުން އޭނާ ކޯޗަކަށް ގެންނަން ޝައުގުވެރިވާ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

އެ ދެ ޓީމުގެ އިތުރުން ނަޕޯލީ އާއި ޕާމާ އަދި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅުނު ކަނަވާރޯ ހިމެނެނީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގަ އެވެ. އޭނާ ވަނީ ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރު ބެލޮންޑިއޯ އެވޯޑް ވެސް ހޯދައިފަ އެވެ.