08 ޖެނުއަރީ 2017 - 06:21

ނުވަދިހައިގެ އަހަރުތަކުގައި ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ސަމާލުކަން ހޯދި އެކްޓަރު އަލީ ޝިޔާމްގެ މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟ ޔަގީނުން ވެސް ދިވެހި ލަވަތަކަށް ލޯބި ކުރާ މީހުން އޭނާގެ މަތިން ހަނދާން ހުންނާނެ އެވެ.
އަލީ ޝިޔާމް ކުޅެފައިވާ ލަވަތައް ޓީވީއެމްގެ "މެންދުރު ފަސް" ޕްރޮގްރާމުން މިހާރު ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެންނާނެ އެވެ.
އޭރުގެ އެންމެ މަޝްހޫރު ތަރިން ކަމަށްވާ މަރިޔަމް ނިޝާ، އައިޝަތު ޝިރާނީ، ވަލީދާ ވަލީދު، ޒީނަތު އައްބާސް އަދި ނިއުމާ މުހައްމަދުމެން ފަދަ ބަތަލާއިންނާ އެކު، އަލީ ޝިޔާމް ވަނީ ހިތްގައިމު ވީޑިއޯ ލަވަތަކެއް ކުޅެފަ އެވެ.
އެހެން ނަމަވެސް އިންޑިއާ އަށް ދިރިއުޅުން ބަދަލު ކުރި ފަހުން، އަލީ ޝިޔާމްގެ އެއްވެސް ލަވައެއް މިހާތަނަށް ފެނިފައެއް ނެތެވެ. އެކަމަކު އޭނާ މި ދާއިރާ އެއްގޮތަކަށް ވެސް ދޫކޮށެއް ނުލަ އެވެ.
ދުރުގައި ހުއްޓަސް، ފިލްމީ މަސައްކަތަށް އޮތް ލޯތްބާއި ޝައުގުވެރި ކަމަކަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. އޭނާގެ ހިތް އޮތީ އަދިވެސް ހަމަ މި ދާއިރާ އާ ގުޅިލާމެހިފަ އެވެ.
ވީޑިއޯ ލަވަ ސީޑީއަކުން އެނބުރި އަންނަން އަލީ ޝިޔާމް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ވަގުތު މާލެ އައިސް ހުރި އަލީ ޝިޔާމް ބުނީ އޭނާ ޕްރޮޑިއުސް ކުރާ ވީސީޑީ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ގައި އާންމުންނަށް ގެނެސް ދޭނެ ކަމަށެވެ.
ވީސީޑީގައި ހިމެނޭ ހުރިހާ ލަވައަކުން ވެސް އެކްޓަރެއްގެ ގޮތުގައި ފެންނާނީ އޭނާ އެވެ. އަދި ލަވަތަކުގެ ބަތަލާއިންގެ ގޮތުގައި ފެންނާނީ އާ މޫނުތަކެއް ކަމަށް އަލީ ޝިޔާމް ބުންޏެވެ.
"ވަރަށް ދުވަސްކޮށްފައި މި މަސައްކަތަކުން އެނބުރި އަންނާތީ ބޭނުމެއް ނޫން ހަމަ އެއްޗަކަށް އެއްޗެއް ހަދާލާފައި ދޫކޮށްލާކަށް. ޒަމާނަށް ފެތޭ، ވަރަށް ކޮލިޓީ، ބެލުންތެރިން ގަޔާވާ ކަހަލަ ލަވަތަކެއް ހިމަނައިގެން ވީސީޑީ ތައްޔާރު ކުރަން ބޭނުން ވަނީ،" އޭނާ ބުންޏެވެ. "އަހަންނާ އެކު މުޅިން ވެސް އާ އަންހެން މޫނުތަކެއް ލަވަތަކުން ފެންނާނީ."
މި ވީސީޑީއަކީ އިންޑިއާގެ ބަޔަކާ ގުޅިގެން ހަދާ އެއްޗެކެވެ. އަދި ބައެއް ލަވަތައް ޑައިރެކްޓް ވެސް ކުރާނީ އިންޑިއާގެ ޑައިރެކްޓަރެކެވެ. ލަވަތަކަށް ބަތަލާއިން ހޮވާނީ އޮޑިޝަނަކަށް ފަހު އެވެ.
"މީގެ ލަވަތައް އިންޑިއާ އާއިި ރާއްޖޭގައި ޝޫޓް ކުރާނީ. އިންޑިއާގައި ނަގާ ލަވަތައް ޑައިރެކްޓް ކުރާނީ ވިޖެޔަން ކިޔާ އިންޑިއާ ޑައިރެކްޓަރެއް. ރާއްޖޭގައި ޝޫޓް ކުރާ ލަވަތައް ރާއްޖޭގައި މިހާރު ތިބި ހަމަ މަޝްހޫރު ޑައިރެކްޓަރުން ލައްވައި ހަދާނީ،" އަންނަ މާޗް މަހު މަސައްކަތް ފަށަން ތާވަލްކޮށްފައިވާ ވީސީޑީއާ ބެހޭ ގޮތުން އަލީ ޝިޔާމް ބުންޏެވެ.
ޒަމާންގަނޑަކަށް ފަހު، އެނބުރި އަންނަ ވާހަކަ އަލީ ޝިޔާމް ބުނުމަކީ އޭނާގެ ފޭނުން އެކަމަށް އިންތިޒާރު ކުރާނެ ކަމެކެވެ. ރީތި އަދި ހިތްގައިމު ލަވަތަކާ އެކު އެނބުރި އައިސް އޭނާ ފޭނުންގެ ހިތްތައް އުފާކޮށް ދޭނެ ކަމަށް ބަލަމާ ހިނގާށެވެ. ފަހަރުގައި ތަފާތެއް ވެސް ފެނިދާނެ އެވެ.