25 ސެޕްޓެމްބަރ 2022 - 16:45

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެތައް ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރިކޯޑުކޮށް، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ބައެއް ވީޑިއޯތައް އާއްމުކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި ކޯޓުން ދޫކޮށްލީ ކަމަށް ފުލުހުން ބުނެ އެވެ.
އެހެންވެ، އެ މައްސަލައިގައި މިހާރު ބަންދުގައި ތިބީ؛
- ހަމްދޫން އަބްދުﷲ، 37 (ބ. ދަރަވަންދޫ، އަކިރި)
- މުހައްމަދު މިހާދު މުސްތަފާ، 24 (ބ. ދަރަވަންދޫ، ހީމަ)
- މައުމޫން މޫސާ، 41 (ށ. ފުނަދޫ، ސީސްޓާ)
ހަމްދޫނާއި މިހާދު ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ހަމްދޫންގެ ބަންދަށް 15 ދުވަސް އަދި މިހާދުގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ. ގާނޫނީ ވަކީލު މައުމޫން، މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފަ އެވެ.
އަލަމްގީރުގެ އިތުރުން އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ދެ މީހަކަށް ވަނީ ހުކުމްކޮށްފަ އެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް ސައްތާރު އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އެވެ.