ޕަރިނީތީ ބުނަނީ އޭނާ ކުޅެނީ ކޮޕީ ފިލްމެއް ނޫން ކަމަށް
ޕަރިނީތީ ބުނަނީ އޭނާ ކުޅެނީ ކޮޕީ ފިލްމެއް ނޫން ކަމަށް

ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ ކުޅެމުން އަންނަ ފިލްމު، "ކޯޑް ނޭމް: ތިރަންގާ" އަކީ ކޮޕީއެއް ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އެ ފިލްމަކީ ކުރިން އާލިއާ ބަޓާއި ވިކީ ކޯޝަލް ލީޑު ރޯލު ކުޅެފައިވާ ފިލްމު، "ރާޒީ" ގެ ކޮޕީއެއް ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ފިލްމުގެ ޓީޒާއެއް އާންމުކުރުމާ އެކު އެވެ. އާންމުން ވަނީ އާލިއާ ޖާސޫސެއްގެ ރޯލު ކުޅެފައިވާ ރާޒީގެ މަންޒަރުތަކާ އެއްގޮތް ކަމަށް ބުނެފަ އެވެ.

ފުރަތަމަ ފަހަރަށް ޕަރިނީތީ އެކްޝަނެއް ފިލްމެއްގެ މަސައްކަތްކުރަމުން އަންނައިރު އޭނާ ފިލްމުގައި ފެންނަނީ އެކްޓަރު ހާރްދީ ސަންދޫއާ އެކު އެޖެންޓެއްގެ ރޯލުންނެވެ.

ފިލްމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ޕަރިނީތީ ބުނީ އޭނާގެ އުއްމީދަކީ ފިލްމުގެ މަސައްކަތް ނިމޭއިރު އެއްވެސް އެއްގޮތް ކަމެއް ނެތުން ކަމަށާއި މިއީ ވަރަށް ތަފާތު ދެ ފިލްމެއް ކަމަށެވެ.

އޭނާ ބުނީ ފިލްމު ފެށުނީއްސުރެ އޭނާ ފެންނާނީ އެޖެންޓެއްގެ ރޯލުން ކަމަށާއި އޭނާގެ މިޝަން ވެސް ވަރަށް ތަފާތުވާނެ ކަމަށެވެ. އެއްވެސް ކަހަލަ އެއްގޮތް ކަމެއް ނުހުންނާނެ ކަމަށް ބުނެ ޕަރިނީތީ ބުނީ މި ފިލްމަކީ އޮރިޖިނަލް މަސައްކަތެއް ކަމަށެވެ.

ފިލްމާ ގުޅިގެން ޕަރިނީތީ ކުރން ބުނީ، އޭނާގެ ފިލްމީ ކެރިއަރަށް 11 އަހަރުވެފައިވާއިރު މިއީ އެކްޝަން ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރު ކަމަށާއި އެ މަސައްކަތަށް ކެތްމަދުވެފައިވާ ކަމަށެވެ،.

ޑައިރެކްޓަރު ރިބޫ ދަސްގުޕްތާގެ "ކޯޑް ނޭމް: ތިރަންގާ" އަކީ ޓީސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަންނަ މަހުގެ 14 ގައި ފިލްމު ރިލީޒްކުރާނެ އެވެ.