02 އޮކްޓޯބަރ 2022 - 11:39

އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުން އަންނަ "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން، ކޮވިޑްގެ ބަލިމަޑުކަމުގައި އާމްދަނީ އަށް އަސަރު ކުރި އަމިއްލަ ވިޔަފާރިކުރާ މީހުންނަށް މާލީ އެހީ ދިނުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ އެ ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް މާލީ އަދި ތަމްރީނުގެ އެހީ ފޯރުކޮށްދިނުން ކަމަށެވެ.
އެ އެހީ އަށް ޝަރުތު ހަމަވާ މީހުން އެ އިއުލާނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ދަށުން 60,000ރ. އާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުން ލާޒިމުވާނެ ކަމަށް ބުންޏެވެ.
- ކާބޯތަކެތި އުފެއްދުން.
- އަތްތެރި މަސައްކަތް.
- ބިއުޓީ އަދި މޭކަޕްކުރުން.
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ.
- ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ.
- ކްރިއޭޓިވް އާޓްސް އަދި މިއުޒިކް.
- ކުޅިވަރު އަދި ފިޓްނަސް.
އެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ ފުރުސަތުތަކުގެ ތެރެއިން 40 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މާލީ އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެ މިނިސްޓްރީގެ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 31 އެވެ.
އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން މީގެ ކުރިން ސަރުކާރުން ވަނީ އެކައުންޓިން އާއި އިންޕޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ޑައިވިންއާ ގުޅޭ ތަމްރީން ޕްރޮގްރާމަކާއި އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ހިންގާނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން ބައެއް ޕްރޮގްރާމްތަކަށް ކުރިން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.