03 އޮކްޓޯބަރ 2022 - 19:13

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ތުހުމަތުކޮށްފި އެވެ.
އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ނަމަވެސް، އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ.
"ޖޫން 21 ވަނަ ދުވަހުގެ ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާ އަށް މި ގައުމުގައި ގާއިމުވެ ތިބުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށް ބެލެވޭ އެތައް ކަމެއް އެ ދުވަހު ހިނގާފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.
"އެކަމުގައި ބައިވެރިނުވާ އެތައް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ."
އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރުމަށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އާ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ އަށް ވަޑައިގެން އުޅުއްވާ މި ދުވަސްވަރާ ދިމާކޮށް އެފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ކަމަށް ނުދެކޭ ކަމަށް ވެސް ބުންޏެވެ.
"އިންޑިއާ ރުއްސުމަށް އިންޑިއާއިން އަންގާ ގޮތަށް ސަރުކާރުން ކުރާ ކަންކަމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަމަށް ވާއިރު، އިންޑިއާގެ އެމްބަސީންނާއި އިންޑިއާ ސަރުކާރުން އަންގާ ގޮތަށް ދިވެހި ރައްޔިތުން ނިކަމެތި ނުކުރުމަށް މި ފުރުސަތު ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
ދައުވާ އުފުލި މީހުންގެ ތެރޭގައި އެ ކޯލިޝަންގެ ހަރަކާތް ކޮމެޓީގެ ޗެއާ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިފައި ވިޔަސް، އޭނާ އެ ދުވަހު ގަލޮޅު ދަނޑަށް ވަދެފައި ނުވާ ކަމަށް ވެސް ބުންޏެވެ. އަދި އޭނާ އަކީ އެ ހަމަނުޖެހުން ހިނގިއިރު އެތަނުގައި ހުރި ވެސް މީހެއް ނޫން ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
"އަދި އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ރާއްޖެ އަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއް ކަމަށް ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރި އެވެ.
މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް 18 މީހެއްގެ މައްޗަށް ދައުލަތުން މިއަދު ޓެރިޒަމްގެ ދައުވާ އުފުލި އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމުގެ ދައުވާ އެވެ.
މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއެއް އިތުރު ހަ މީހެއްގެ މައްޗަށް ކުރެ އެވެ.