ފުރަތަމަ މޮޅާ އެކު ރެލިގޭޝަން ޒޯނުން އަރައިގަތުމަށް ލެސްޓާ އަށް އުންމީދެއް
ފުރަތަމަ މޮޅާ އެކު ރެލިގޭޝަން ޒޯނުން އަރައިގަތުމަށް ލެސްޓާ އަށް އުންމީދެއް

ލެސްޓާ (އޮކްޓޫބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެއސްޓާ ވާދަކޮށް 4-0 އިން މޗު ކާމިޔާބުކޮށް، ލެސްޓާ ސިޓީ އިން ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފުރަތަމަ މޮޅާ އެކު ރެލިގޭޝަން ޒޯނުން އަރައިގަތުމަށް ލެސްޓާ އަށް އުންމީދެއް
ފުރަތަމަ މޮޅާ އެކު ރެލިގޭޝަން ޒޯނުން އަރައިގަތުމަށް ލެސްޓާ އަށް އުންމީދެއް

މިއާ އެކު، އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާ އަތުން 6-2 އަދި، ބްރައިޓަން އަތުން 5-2 އިން ބަލިވި ލެސްޓާގެ ކޯޗު ބްރެންޑެން ރޮޖާސް އަށް ކުރިމަތިވެފައިވާ ޕްރެޝަރަށް ކުޑަ ވަރެއްގެ ލުޔެއް ލިބޭނެ އެވެ.

ފުރަތަމަ މޮޅާ އެކު ރެލިގޭޝަން ޒޯނުން އަރައިގަތުމަށް ލެސްޓާ އަށް އުންމީދެއް
ފުރަތަމަ މޮޅާ އެކު ރެލިގޭޝަން ޒޯނުން އަރައިގަތުމަށް ލެސްޓާ އަށް އުންމީދެއް

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލިބުނު ޕޮއިންޓަށް ފަހު، ދެން ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފޮރެސްޓް އަތުން ހޯދި މޮޅަކީ، ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ލެސްޓާ ހޯދި ފުރަތަމަ މޮޅެވެ. ލީގް ކަޕްގެ ތިންވަނަ ބުރުން ޖާގަ ހޯދީ އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ކުލަބަކާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހިގެން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފުރަތަމަ ހާފުގައި ޖޭމްސް މެޑިސަން ލެސްޓާ އަށް ދެ ލަނޑު ޖަހައިދިން އިރު، ހާވީ ބާންސް ވެސް ލަނޑެއް ކާމިޔާބު ކުރި އެވެ. އަދި ދެވަނަ ހާފުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ ޕަޓްސޮން ޑާކާ އެވެ.

ނޮޓިންހަމް ފޮރެސްޓް އަތުން ހޯދި މޮޅާ އެކު ލެސްޓާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް، ޓޭބަލްގެ އެންމެ ފުލުން އެއް ދަރަޖަ ކުރިއަށް؛ 19 ވަނަ އަށް ޖެހިލައިފަ އެވެ. ޕޮއިންޓެއް ނުހޯދި ފުލަށް ވެއްޓުނު ފޮރެސްޓަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބުފަ އެވެ. އެކަމަކު ގޯލުގެ ތަފާތުން ކުރި ލިބެނީ ލެސްޓާ އަށެވެ.

"މިއީ އަހަރެމެންނަށް ސީޒަން ބަދަލުކޮށްލި މެޗެއް، އުންމީދު ކުރަނީ މި ޕާފޯމަންސް ތަކުރާރުކޮށްގެން ކުރިއަށް ދިޔުން،" ލެސްޓާގެ ކޯޗު ރޮޖާސް ބުންނެވެ.

"ހޫނު މޫސުން އަހަރެމެންނަށް މާ ރަނގަޅަށް ނުދިޔަ (ޓްރާންސްފާ މާކެޓުގައި)، އެކަން އިހުސާސްވޭ، އެއީ ހަގީގަތަކީ ވެސް، މި ކަންތަކާ އެކު ސީޒަން ފަށަން ޖެހުނީ ވެސް. އެހެންވެ އަހަރެމެންގެ އަސްލު ލެވެލްގައި ކުޅުން ނުދެއްކުނު، އެކަމަކު އާ ފެށުމެއް އަހަރެމެންނަށް ހޯދިއްޖެ."

ލެސްޓާ އިން ލީޑު ނެގުމުގެ ކުރިން ފޮރެސްޓުގެ ފޯވާޑް ޓައިވޯ އޮވޮނިޔީ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ލެސްޓާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ.

މެޗުގެ 25 ވަނަ މިނިޓުގައި މެޑިސަން ލީޑު ނަގައިދިން އިރު، އޭގެ ދެ މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ބާންސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއިންނެވެ. އަދި ތިންވަނަ ލަނޑު މެޑިސަން ކާމިޔާބު ކޮށްދިނީ 35 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ޖެމީ ވާޑީގެ ބަދަލުގައި ކުޅެން އެރި ޑާކާ، 73 ވަނަ މިނިޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޑިސަން ހުރަސްކޮށްލި ބޯޅައެއް ބެކްހީލް ކިކަކުން ގޯލަށް ފޮނުވާލައިގެންނެވެ.

މިއީ ލެސްޓާ ސިޓީ ކޮޅަށް މި ސީޒަނުގެ ލީގުގައި ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި މެޑިސަން ވަނީ ލެސްޓާ އަށް 50 ވަނަ ލަނޑު ޖަހައިދީފަ އެވެ. އޭނާ ވަނީ މި ސީޒަނުގައި ލެސްޓާ އަށް ލީގުގައި ފަސް ލަނޑު ޖަހައިދީ، ދެ ލަނޑު އެސިސްޓް ކޮށްދީފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ހެރީ ކޭން އާއި ކެވިން ޑިބްރޭނާ އާއި ސޮން ހެއުން މިން އަށް ފަހު ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލާއި އެސިސްޓުގައި ހިއްސާ ވެފައި ވާ ކުޅުންތެރިއަކީ ވެސް މެޑިސަން އެވެ.

މީގެ އިތުރުން މި އަހަރު ލީގުގައި އޭނާ ވަނީ އޭރިއާ ބޭރުން ހަ ގޯލު ޖަހައިފަ އެވެ. މިއީ، ޔޫރަޕުގެ އެންމެ މަތީ ފަސް ލީގުގައި މިއަހަރު އަދި ރެކޯޑެކެވެ. ހަމަ އެއާ އެކު 2018/2019 ސީޒަނުން ފެށިގެން ޔޫރަޕުގެ އެންމެ މަތީ ފަސް ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ޕެނަލްޓީ އޭރިއާ ބޭރުން ދެވަނައަށް އެންމެ ގިނަ ގޯލު މިހާތަނަށް ޖަހައިފައިވާ ކުޅުންތެރިއަކީ ވެސް މެޑިސަން އެވެ. އޭނާ ވަނީ 17 ލަނޑު ޖަހައިފަ އެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން މި ލިސްޓުގެ އެއްވަނައިގައި އޮތީ 29 ލަނޑާ އެކު ލިއޮނެލް މެސީ އެވެ.

ލެސްޓާ ގައި މި އަހަރު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ މެޑިސަން އަށް އިނގިރޭސި ގައުމީ ޓީމުން ޖާގަ ނުލިބޭތީ، އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެއެވެ.

"މިވަގުތު މި ހުރީ ތަންކޮޅެއް އުނދަގޫ މަގާމެއްގައި، ލީގުގައި އެންމެ ފުލުގައި މި އޮތީ، އެކަމަކު އަހަރެންގެ އަމިއްލަ ނަފްސަށް ކުރިއަށް ވުރެ ބޮޑަށް އިތުބާރު ކުރެވޭ. ފާއިތުވި 12 މަސް ދުވަސް ތެރޭ އަހަރެން މި ކުޅުނު ފެންވަރުގައި މީގެ ކުރިން ކުޅުނު ހަނދާނެއް ނުވޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން މެޑިސަން ބުނެފައި ވެއެވެ.

"އަހަރެން މި ހުރީ (އިނގިރޭސި ގައުމީ ސްކޮޑުން) ގަދަކަމުން ވެސް ޖާގަ ހޯދުމުގެ ވިސްނުމުގައި."

ޖެހިޖެހިގެން ވީ ފަސް ބައްޔާ އެކު ފޮރެސްޓްގެ ކޯޗު ސްޓީވް ކޫޕާ އަށް ވެސް ވަނީ ޕްރެޝަރު ބޮޑު ވެފަ އެވެ. ޓްރާންސްފާ ބާޒާރުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ގަތުމަށް ފަހު ވެސް އެ ކުޅުންތެރިންނާ އެކުގައި ރަނގަޅު ނަތީޖާއަކަށް ވާސިލްވެވޭ ތަނެއް ނުފެނެ އެވެ.

ލެސްޓާ އަތުން ބަލިވުމަށް ފަހު އޭނާ ބުނީ ފޮރެސްޓުން ލެސްޓާގެ ކުޅުންތެރިންނަށް މާ ބޮޑަށް ޖާގަ ދެވުނީ ކަމަށާއި، އަދި ދަށް ނަތީޖާތަކާ އެކު ވެސް އޭނާގެ ވަޒީފާއާ މެދު ނުވިސްނާ ކަމަށެވެ.

"އަހަރެންގެ ވަޒީފާއާ މެދު ނުވިސްނަން، އަހަރެންގެ މަސައްކަތް އަހަރެން އަދާކުރަން. އަހަރެންގެ ސިކުނޑިތެރޭ އޮތް ހާސްކަމަކީ އަހަރެންގެ ޒާތީ ކަންކަމެއް ނޫން، މި އުޅެނީ ނޮޓިންހަމް ފޮރެސްޓް އަނެއްކާ ވެސް ފުޓުބޯޅަ މެޗަކުން ބަލިވެގެން،" ކޫޕާ ބުންޏެވެ.