05 އޮކްޓޯބަރ 2022 - 10:55

ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް ޓެކްސީ ކުރާނެ އިތުރު ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އެ ކައުންސިލްގެ އިއުލާނުގައި ބުނީ ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކަށް ފުރުސަތު ދިނުމާއި ވިލިމާލޭގެ ޓެކްސީ ހިދުމަތްދޭ ފަރާތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުން ދާތީވެ، އެ އަވަށުގައި (ބެޓެރީ ވެހިކަލް) ޓެކްސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 17 ގައި ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.
އެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް ނުވަތަ ވިޔަފާރިކުރުމުގެހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ވިލިމާލޭގައި ޓެކްސީކުރާނެ އިތުރު ބަޔަކު ހޯދަން އިއުލާންކުރި އިރުގައި، މިދިޔަ މަހު ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި އެ ކައުންސިލުން އަމިއްލަ އަށް ބަގީގެ ހިދުމަތް ދޭން ނިންމައި، އެ ކަމަށް ބޭނުންވާ އުޅަނދުތައް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.
މާލޭގެ ފަސްވަނަ އަވަށް، ވިލިމާލޭގައި މިހާރު ވެސް އިލެކްޓްރިކް ބަގީގެ ހިދުމަތް ދިނުމަށް އަމިއްލަ ބަޔަކާ އޮންނަނީ ހަވާލުކޮށްފަ އެވެ. އެކަމަކު، "ނައިންޓީ ނައިން ހޯލްޑިން" އިން އެ ހިދުމަތް ދޭ ގޮތާ މެދު ސިޓީ ކައުންސިލުން ހިތްހަމަނުޖެހޭތީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވައި ދިނުމުގެ މައްސަލަ އޮތީ ސިވިލް ކޯޓުގަ އެވެ.
އެކަމަކު، އެ ކުންފުންޏަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި އެ ކޯޓުން ވަނީ މިދިޔަ މަހުގެ 31 ގައި ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
ނަމަވެސް "ނައިންޓީ ނައިން ހޯލްޑިން" އިން ބުނާގޮތުގައި ސިޓީ ކައުންސިލުން އެ ކުންފުންޏަށް ކޮށްދޭން ޖެހޭ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ކޮށް ނުދޭތީ ބަގީގެ ހިދުމަތް ދޭން އުނދަގުލެވެ. އޭގެ ތެރޭގައި ބަސް ރޫޓު ހެދުން ފަދަ ކަންކަން ހިމެނެ އެވެ.
އެ މައްސަލާގައި ޓްރާސްޕޯޓް މިނިސްޓްރީ ވެސް ވަނީ "ނައިންޓީ ނައިން ހޯލްޑިން" އާ އެއްކޮޅަށް ވާހަކަދައްކައިފަ އެވެ. އަދި އެކަމުގައި ސިޓީ ކައުންސިލުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ވެސް ބުނެފަ އެވެ.
މާލެ އާއި ވިލިމާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ސްޓޭޝަންތަކެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް ސިޓީ ކައުންސިލުން އިއްޔެ އިއުލާންކުރި އެވެ.
އެ އިއުލާނުގައި ބުނީ ތިމާވެއްޓާ ރައްޓެހި ވެހިކަލްތައް ބޭނުންކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށާއި އެފަދަ ވެހިކަލްތައް ބޭނުންކުރާ މީހުންނަށް ޗާޖުކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ގޮތުން، ޗާޖިން ސްޓޭޝަންތަކެއް ބެހެއްޓުމަށް ކައުންސިލުން ބޭނުންވާތީ، މާލެ އާއި ވިލިމާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ސްޓޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.