09 ޖެނުއަރީ 2017 - 08:04

މި އަހަރު ރިލީޒް ވާން ހުރި ފިލްމުތަކުގެ ތެރެއިން މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓް ކުރާ ފިލްމު "ނޭދެން ވަކިވާކަށް" ގެ ފުރަތަމަ ޓްރެއިލާ މި މަހުގެ 15 ގައި ދައްކައިލާނެ ކަމަށާއި ފިލްމް އަންނަ މަހުގެ ފަހުކޮޅު ސިނަމާ އަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާއެނބޫ ބުނެފި އެވެ.

އޭނާ ބުނީ އއ. ތޮއްޑޫގައި ވެސް ގިނަ މަންޒަރުތަކެއް ނަގާފައިވާ ފިލްމުގެ ޝޫޓިންގެ 95 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ.

ތޮއްޑޫގެ އިތުރުން "ނޭދެން ވަކިވާކަށް" ގެ މަންޒަރުތައް ނަގަނީ މާލެ އާއި ހުޅުމާލޭގަ އެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ހަތް ވަނަ ގައުމީ ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހޯދި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން އަލަށް ފިލްމަކުން ފެންނަ ފެހުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.
އެ މީހުންގެ އިތުރަށް ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، އާރިފާ އިބްރާހީމް، އަހުމަދު އަޒްމީލް (އަޒޭ)، އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އިބްރާހީމް ރިޔާސް (ރިޔާ) ހިމެނެ އެވެ.
އިބްރާހީމް ވިސާން (ކަނޑި) ކެމެރާ ކުރާ ފިލްމާ ބެހޭ ގޮތުން މާއެނބޫ ބުނީ "ނޭދެން ވަކިވާކަށް" ގެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ކުރިއަށް މި އޮތް ތިން ދުވަހެއްގެ ތެރޭގައި ފިލްމްގެ ޝޫޓިން އެއްކޮށް ނިންމައިލެވޭނެ. ފިލްމުގެ ނުވަދިހަ ޕަސަންޓް މިހާރު އޮތީ އެޑިޓްކޮށް ވެސް ނިމިފައި،" ހިތް ވިންދާ ނުލާ އަދި ރާނީ ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ. "ޝޫޓިން ނިމޭ އިރަށް މީގެ ޑަބިން ވެސް ފެށޭނެ."
މާއެނބޫ ބުނީ "ނޭދެން ވަކިވާކަށް" ގެ ފުރަތަމަ ޓްރެއިލާ އާއި ޕޯސްޓަރާއި ފިލްމުގެ ފޭސްބުކް ޕޭޖް މި މަހުގެ 15 ގައި ލޯންޗް ކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"އަހަރެމެން ރާވައިގެން މި ތިބީ އަންނަ މަހުގެ ފަހުކޮޅު ނުވަތަ މާޗް މަހުގެ ކުރީކޮޅު ފިލްމް ސްކްރީނަށް ގެންނަން،" އޯޕަން ބަޖެޓަކުން ހަދާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
މާއެނބޫ ބުނީ "ނޭދެން ވަކިވާކަށް" ވެގެން ދާނީ މިހާތަނަށް އޭނާ ޑައިރެކްޓް ކުރާ އެންމެ ވަރުގަދަ އަދި ތަފާތު ފިލްމަށް ވާނެ ކަމަށެވެ.
"ކުރިން އަހަރެން ހެދި ފިލްމުތަކާއި މި ފިލްމް ހާސްބައި ތަފާތު ވާނެ. މޮޅު އަދި ރީތި ފިލްމެއް ގެނެސް ދޭން މި ފަހަރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ. މަހުދީގެ މި ސްކްރީންޕްލޭއަކީ ވެސް ވަރަށް ވަރުގަދަ އެއްޗެއް،" އޭނާ ބުންޏެވެ. "އަނެއްކާ މިއީ ޖާދު ކުޅޭ ފުރަތަމަ ފިލްމް ވެސް މެ. ބެލުންތެރިން ސަޕްރައިޒްވާ ކަހަލަ ރޯލަކުން އޭނާ ފެނިގެން ދާނެ."
އައްޔުމަން ޝަރީފް ބެކް މިއުޒިކް ހަދާ "ނޭދެން ވަކިވާކަށް" ގައި ހަތަރު ލަވަ ހިމެނޭނެ އެވެ.