ހަގުދަރިފުޅާ ގޮވައިގެން ކަރީނާ ޝޫޓިންއަށް ލަންޑަނަށް
ހަގުދަރިފުޅާ ގޮވައިގެން ކަރީނާ ޝޫޓިންއަށް ލަންޑަނަށް

ބޮލީވުޑްގެ ތަރި، ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ކުޅުމަށް ހަގު ދަރިފުޅު ގޮވައިގެން ލަންޑަނަށް ދިޔައީ ދޮށީ ދަރިފުޅު ތައިމޫރް ފިރިމީހާ ސައިފްއާ ހަވާލުކޮށްފައި ކަމަށް ކަރީނާ ބުނެފި އެވެ.

ސައިފާއި ކަރީނާގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެ ކުދިންނާ އެކު ޖަހާ ސަކަރާތް ދޭތެރެއަކުން ސޯޝަލް މީޑިއާގައި ވެސް އެ އާއިލާ އިން ހިއްސާކުރެ އެވެ.

ކަރީނާ ބުނީ އެ ދެމީހުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ ދެ މީހުންނަށްވާތީ އަބަދުވެސް ދަރިންނާ އެކު ކޮންމެވެސް އެކަކަށް ހުރެވޭތޯ މަސައްކަތްކުރާ ކަމަށެވެ.

އެންމެ ހަގު ދަރިފުޅު ގޮވައިގެން ކަރީނާ މި ފަހުން ލަންޑަނަށް ފުރާފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތަކަށެވެ. ހަންސަލް މެހްތާގެ ކްރައިމް ތުރިލާގައި ކަރީނާ މަސައްކަތްކުރާއިރު އެ ޝޫޓިންނަށް ދިޔައީ ދޮށީ ދަރިފުޅު ބައްޕައާ ހަވާލުކޮށްފަ އެވެ.

ކަރީނާ ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު އިސްކަމެއްދެނީ އާއިލާއަށެވެ.

ކަރީނާ ބުނީ އޭނާ މި ވީހާ ދުވަހު މަސައްކަތާ ދުރުގައި ހުރީ "އަދިޕުރުޝް" ގެ މަސައްކަތުގައި ފިރިމީހާ އަވަދިނެތި އުޅުމުން ކުދިން ބަލަން ކަމަށެވެ. އެކަމަކު ފިރިމިހާގެ މަސައްކަތް ނިމުމާ އެކު އޭނާގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެގޮތަށް ބަހާލައިގެން އުޅުމަކީ އުނދަގޫ ކަމެއް ނަަމަވެސް ކުރިއަށް ދިއުމަށް އެގޮތަށް އުޅެން ޖެހިފައިވާ ކަމަށް އޭނާ ބުންޏެެވެ.

ފިލްމީ ދާއިރާގައި ވިއްސަކަށް އަހަރު މަސައްކަތްކޮށްފައިވާ ކަރީނާ ވަނީ ބޮލީވުޑްގެ އެންމެ ނަން ހިނގާލި ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "3 އީޑިއޮޓްސް" އާއި "ކަބި ކުޝި ކަބި ގަމް" އަދި "ޖަބް ވީ މެޓް" ކަހަލަ ފިލްމުތައް ހިމެނެ އެވެ.

އެކަމަކު މަގްބޫލު ފިލްމުތަކުން ފެނުނަސް ބައެއް ފަހަރު އާއިލީ ޒިންމާގެ ސަބަބުން ރަނގަޅު ސްކްރިޕްޓްތައް ވެސް ދޫކޮށްލަން ޖެހޭ ކަމަށް ކަރީނާ ބުނެ އެވެ. އެކަމަކު އެކަމާ ދެރަނުވާ ކަމަށާއި ބޭނުންވަނީ އާއިލާގެ ޒިންމާ ފުރިހަމައަށް އަދާކުރަން ކަމަށް ވެސް ކަރީނާ ބުނެ އެވެ.