10 އޮކްޓޯބަރ 2022 - 11:34

މިދިޔަ މަހު މާލެ ސަރަހައްދުގައި 153 ކައިވެނިކޮށްފައި ވާއިރު 102 މީހަކު ވަރިކޮށްފައިވާ ކަމަށާއި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވަރީގެ މައްސަލަތައް ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު 153 ކައިވެންޏާއި 102 ވަރި ކުރިއިރު، ވަރިއާބެހޭ 134 މައްސަލައެއް ވެސް އެ ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.
ވަރިވުމަށް އެދި 63 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ވަރި ސާބިތުކުރަން 46 މައްސަލައެއް އަދި ވަރިކުރަން 24 މައްސަލައެއް ހުށަހެޅި އެވެ. އޮގަސްޓް މަހު ނުނިމި ހުރި މައްސަލަތަކާ އެކު މިދިޔަ މަހު ވަރީގެ 141 މައްސަލައެއް ނިންމި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެމިލީ ކޯޓުން އެންމެ ގިނައިން ނިންމީ ވެސް ވަރީގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ އާއިލީ އެހެނިހެން މައްސަލަތަކާއި ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ.
ކުޑަކުދިންނާ ގުޅޭގޮތުން އެންމެ ގިނައީ ދަރިފުޅުގެ ހަޟާނަތު ހޯދުމުގެ މައްސަލަ އާއި ދަރިންނާ ބައްދަލު ނުކުރެވޭތީ ހުށަހެޅޭ މައްސަލަތަކެވެ.