ހައުސްފުލް 5 ގައި ހައުސްފުލްގެ ހުރިހާ ތަރިން
ހައުސްފުލް 5 ގައި ހައުސްފުލްގެ ހުރިހާ ތަރިން

ބްލޮކްބާސްޓާ ކޮމެޑީ ފްރާންޗައިޒެއް ކަމަށްވާ "ހައުސްފުލް" ގެ ފަސް ވަނަ ފިލްމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ފިލްމަކީ ބޮޑު ފިލްމަކަށް ވާނެ ކަމަށް ބުނެފި އެވެ.

ކުރިން ނެރެފައިވާ ފިލްމުގެ އެކި ބައިތަކުގައި ފެނިފައި ވަނީ އެކި ތަރިންނެވެ. އެކަމަކު ފުރަތަމަ ފިލްމުން ފެށިގެން ހަތަރު ވަނަ ފިލްމާ ހަމައަށް ވެސް ބަދަލުނުވި ތަރިންނަކީ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އެވެ. އެކަމަކު މިފަހަރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާވާލާގެ ވިސްނުން ހުރީ ފިލްމުން ކުރިން ފެނުނު ހުރިހާ ތަރިން ވެސް މި ފަހަރުގެ ފިލްމުގައި ހިމަނައިގެން ކުރިއަށް ދާށެވެ.

ހައުސްފުލްގެ ދެވަނަ ބައިގައި ޖޯން އަބްރަހަމް އަދި ތިން ވަނަ ބައިގައި އަބީޝޭކް ބައްޗަން ފެނިފައިވާއިރު ހަތަރު ވަނަ ބައިން ފެނުނު އަނެއް ތަރިއަކީ ބޮބީ ޑިއޯލް އެވެ.

ހައުސްފުލްގެ ފުރަތަމަ ފިލްމު، 2010 ގައި ރިލީޒްކޮށްފައިވާއިރު އެ ފިލްމުގައި އަކްޝޭ އާއި ރިތޭޝްއާ އެކު ދެން ފެނުނީ ލާރާ ދައްތާ އާއި ދީޕިކާ ޕަޑުކޯނެވެ. އަދި ފިލްމުގެ ދެވަނަ ބައި 2012 ގައި އަދި ތިން ވަނަ ބައި 2016 ގައި ރިލީޒްކުރިއިރު ފިލްމުގެ ހަތަރު ވަނަ ބައި ނެރުނީ 2019 ގަ އެވެ.

ފިލްމުގެ ފުރަތަމަ ދެ ބައި ވެސް ސާޖިދު ޚާން ޑައިރެކްޓްކުރިއިރު ތިން ވަނަ ބަޔަކީ ސާޖިދު- ފަރްހާދް ޑައިރެކްޓްކުރި ބައެކެވެ. އަދި ހަތަރު ވަނަ ބައި ސާޖިދު ޚާން ޑައިރެކްޓްކުރާ ގޮތަށް އޮތް ނަމަވެސް އޭނާއަށް އޭރުކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ އެކު ފިލްމު ދޫކޮށްލަން މަޖުބޫރުވީ އެވެ. އެހެންވެ އެބައި ކުރިއަށް ގެންދިޔައީ ފަރްހާދް ސަމްޖީ އެވެ.

ޕިންކްވިލާގައި ރިޕޯޓްކުރާ ގޮތުގައި ސާޖިދު ނަޑިއަވާލާގެ ވިސްނުން ހުރީ އެ ފްރާންޗައިޒުން ފެނިގެން ދިޔަ ހުރިހާ އެކްޓަރުން އެއް ފިލްމަކަށް ގެނައުމަށެވެ. މިވަގުތު އޭނާ ދަނީ ފިލްމުގެ ސްކްރިޕްޓް އެގޮތަށް ގެނަސް ސްކްރިޕްޓް ފައިނަލްކުރުމުގެ މަސައްކަތްކުރަމުން ކަމަށްވެ އެވެ.

އޭނާ ބޭނުންވަނީ ހަމައެކަނި ފިރިން ތަރިން އެއް ފިލްމަކަށް ގެންނާކަށެއް ނޫނެވެ. އަންހެން ލީޑުން ފެނުނު ގިނަ ތަރިންތަކެއް ވެސް ގެނައުމުގެ ވިސްނުން ގެންގުޅޭއިރު އޭގެ ސަބަބުން މި ފިލްމަކީ ބޮޑު ޕްރޮޖެކްޓަކަށް ވާނެ ކަމަށް ބުންޏެެވެ.

ވަރަށް އަވަހަށް އެ ފިލްމުގެ ޑައިރެކްޓަރު އިއުލާންކުރާނެ އެވެ.

އެ ބަދަލުތަކާ އެކު ހައުސްފުލް 5 އަކުން ކުރީގެ "ޖާދޫ" ފެންނާނެ ކަމަށް އެމީހުން ބުރަވެ އެވެ. އޭ ލިސްޓުގެ ތަރިންނާ އެކު މީގެ ކުރިން ވެސް ހައުސްފުލްގެ އެކި ބައިތައް ގެނެސްދީފައިވާއިރު އެފިލްމުތަކަށް ބޮކްސްއޮފީހުގައި ތަރުހީބު ލިބިގެންދިޔަ އެވެ.

ހައުސްފުލްގެ އެކި ބައިތަކުގައި ފެނިފައި ވަނީ ތިން ފިރިހެނުން ދިރިއުޅުމުގައި ކުރާ މަޖާ ކަންތައްތަކެކެވެ.