09 ޖެނުއަރީ 2017 - 08:17

ވެރިކަމަށް އިންތިހާބުވުމާ އެކު އެންމެން ވެސް އިންތިޒާރު ކުރަމުން އަންނާނީ އިންތިހާބީ ވައުދުތައް ފުއްދާނެ ވަގުތަކަށެވެ. ނަމަވެސް މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެފައިވާ ހަރުކަށި ސިޔާސަތުގެ ޑޮނަލްޑް ޓްރަމްޕާ މެދު ދެކޭ ގޮތް މުޅި ތަފާތެވެ.

ޓްރަމްޕްގެ އިންތިހާބީ ވައުދުތަކުގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ ހައްސާސީ ވައުދަކީ އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ފަލަސްތީނުގެ ގުދުސަށް ބަދަލު ކުރުމަށް ވެފައިވާ ވައުދެވެ. އެ ގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިރުމަތީ ގުދުސަށް އެމެރިކާގެ އެމްބަސީ ބަދަލު ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެހެންކަމުން މި ވައުދާ މެދު މުޅި ދުނިޔެ ވެސް ވަނީ ކަންބޮޑުވެފަ އެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކާއި އަރަބި އިސްލާމީ ގައުމުތަކެވެ. އެމެރިކާގެ ސިޔާސީ މުފައްކިރުންނާއި ޑިޕްލޮމޭޓުން ވެސް މި މައްސަލައިގައި އިންތިހާ އަށް ކަންބޮޑުވެ އެވެ.

ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން އެ ފިޔަވަޅު އަޅައިފި ނަމަ، އެޓޮމިކް ބޮމެއްގެ ސިފައިގައި މެދުއިރުމަތި ގޮވާނެ އެވެ. ދައުރު ހަމަ ކުރައްވައި މަގާމުން ވަކިވެވަޑައިގަތުމަށް ތައްޔާރުގައި ހުންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވި ގޮތުގައި އެ ގޮވުން ގޮވާނީ ހަމައެކަނި ހުޅަނގު އައްސޭރީގައި އެކަންޏެއް ނޫނެވެ.
"މުޅި ސަރަހައްދުގައި ވަރުގަދަ ގޮވުމެއް ގޮވާނެ. ހަމައެކަނި ހުޅަނގު އައްސޭރިއަކު ވެސް ނޫން. އޭގެ ބަދަލުގައި މުޅި އިޒްރޭލުގަޔާއި މުޅި ސަރަހައްދަށް ވެސް އެ ގޮވުމުގެ އަސަރު ފެތުރިގެންދާނެ. އަހަރެމެންގެ އެމްބަސީ ހުންނާނެ ތަނަކީ ގުދުސްކަމުގައި ކަނޑައަޅައިފި ނަމަ، ދެން ނުކުންނާނީ ގައުމެއްގެ އިސްތިގުލާލާ ގުޅޭ މައްސަލަތަކެއް. އަދި ގާނޫނީ މައްސަލަތަކެއް ވެސް ކުރިމަތިވާނެ،" ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޖޯން ކެރީ މިދިޔަ ހުކުރު ދުވަހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އިން އެ ފިޔަވަޅު އަޅައިފި ނަމަ، މެދުއިރުމަތީގެ ގައުމުތަކާ އެކު އެމެރިކާ އިން ދަމަހައްޓަމުން އަންނަ ގާތް ގުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ. ވަކިން ޚާއްސަކޮށް އިޒްރޭލާ އެކު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކޮށްފައިވާ މިސްރާއި ޖޯޑްންއާ އެކު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ އެވެ.
އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރާ ނަމަ، އެމެރިކާ އިން މީގެ ކުރިން އިއުލާން ކޮށްފައިވާ ސިޔާސަތެއް އަނބުރާ ގެންނަން ޖެހެ އެވެ. އެއީ ފަލަސްތީނުގެ ބިމުގައި އިޒްރޭލާއި ފަލަސްތީނުގެ ނަމުގައި ވަކި ދެ ދައުލަތް ގާއިމް ކުރުމުގެ ސިޔާސަތެވެ.
"އެކަމަކު އެ ސިޔާސަތު އަނބުރާ ގެނައުމަކީ، އަހަރެމެންގެ ގާތް ރަހްމަތްތެރިޔާ އިޒްރޭލަށް ކުރިމަތިވާ ވަރަށް އާދަޔާ ޚިލާފު ނުރައްކަލަކަށް ވާނެ. މީގެ އެންމެ އާދައިގެ ހަގީގަތަކީ، ޔަހޫދީންނަށް ވުރެ ޔަހޫދީން ކަމުގައި ނުވާ ގިނަ ބަޔަކާ އެކުގައި އެކުވެރި އެއް ދައުލަތެއް އުފައްދައިގެ ޑިމޮކްރެސީއެއްގެ ގޮތުގައި ވެސް އަދި ޔަހޫދީ ދައުލަތެއް ގޮތުގައި ވެސް ދެމިއޮތުމަކީ މުސްތަހީލު ކަމެއް. އެކަމެއް އެ ގޮތަކަށް ނުކުރެވޭނެ،" ކެރީ ވިދާޅުވި އެވެ.
އިޒްރޭލާ އެކު ސުލްހައިގެ މުއާހަދާއެއް ގާއިމް ކޮށްފައިވާ ޖޯޑްން އިން ސިފަކުރާ ގޮތުގައި ގުދުސްއަކީ އިސްލާމީ ދުނިޔެ އާއި ހުޅަނގާ ދެމެދު ދަމާލެވިފައިވާ ރަތް ރޮނގެވެ. އެހެންކަމުން އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރުން ވެގެންދާނީ، އެ ރަތް ރޮނގު ހުރަސްކުރުން ކަމުގަ އެވެ.
ޖޯޑްންގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު މުމާނީ ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން އެ ނުބައި ފިޔަވަޅު އަޅައިފިއްޔާ، އިސްލާމީ އަރަބި ދުނިޔޭގެ މަގުތަކުގައި ހުޅު ފަޅައިގެން ދާނެ އެވެ. އަދި އެކަން ވެގެންދާނީ ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ މީހުންގެ އެ ފަދަ ހަރަކާތްތައް ފުޅާ ކުރުމަށް ދެވޭ ރަނުގެ ހަދިޔާއަކަށެވެ. އެކަން އެމެރިކާ އިން އެ ފިޔަވަޅު އެޅިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޯޑްން އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އިޒްރޭލާއި އެމެރިކާއާ އެކު ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ގައުމެކެވެ. އަދި ގުދުސްގެ އިރުމަތީ ފަޅީގައި ހުންނަ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ އަލް މަސްޖިދުލް އަގްސާގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލާ ރަސްމީ ފަރާތަކީ ޖޯޑްން ސަރުކާރެވެ.
އިރުމަތީ ގުދުސްއަކީ އިޒްރޭލުގެ ބައެއް ކަމުގައި އިޒްރޭލު ސަރުކާރުން ވަނީ މީގެ އަހަރުތަކެއް ކުރިން އިއުލާން ކޮށްފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެ މިހާތަނަށް އެކަން ގަބޫލެއް ނުކުރެ އެވެ.
އެހެންކަމުން އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރުން ވެގެންދާނީ ފަލަސްތީނުގެ ހުއްދައެއް ނެތި ފަލަސްތީނުގެ ބިމަކަށް ބަދަލު ކުރުން ކަމުގަ އެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން، އެހެން ގައުމެއްގެ އިސްތިގުލާލަށް އަރައިގަތުން ކަމުގައި ނޫނީ ނުވާނެ އެވެ.