17 އޮކްޓޯބަރ 2022 - 11:59

ޕީއެސްޖީ ދޫކޮށްލަން އެދިފައިނުވާ ކަމަށް އެ ޓީމުގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.
މިދިޔަ ހަފުތާގައި ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ޕީއެސްޖީއާ މެދު ހިތްހަމަނުޖެހިގެން އެމްބާޕޭ ވަނީ ޖެނުއަރީ މަހު ކްލަބް ބަދަލުކުރަން އެދިފަ އެވެ.
ފްރާންސް ލީގުގައި ރޭ މާސޭ އަތުން 1-0 އިން ޕީއެސްޖީ މޮޅުވެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގު މެޗުގައި ގޯލް ޖަހަން ނޭމާ އަށް މަގުފަހިކޮށްދިން އެމްބާޕޭ ބުނީ ކްލަބުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.
"އަހަރެން އެއްވެސް އިރަކު އެދިފައެއް ނުވާނެ ޖެނުއަރީ މަހު ކްލަބް ދޫކޮށްލަން ބޭނުންވެގެން،" އެމްބާޕޭ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބެންފީކާއާ މިދިޔަ ހަފުތާގައި ޕީއެސްޖީ 1-1 އިން އެއްވަރު މެޗުގެ ކުރިން ފެތުރުނު އެ ހަބަރާ ބެހޭ ގޮތުން އެމްބާޕޭ ބުނީ މެޗެއްގެ ކުރިން އެފަދަ ވާހަކައެއް ދެކެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"އަހަރެން ހުރީ އެހެން މީހުންނެކޭ އެއްފަދައިން ހައިރާންވެފައި އެ ހަބަރު އަޑުއަހާފައި،" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ވަނީ މިދިޔަ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑަށް ބަދަލުވާން މަސައްކަތްކޮށްފަ އެވެ. އެކަމަކު ޕީއެސްޖީން އޭނާ އަށް މާލީ ގޮތުން ބޮޑު ޕެކޭޖެއް ދިނުމުންނާއި އޭނާ އެދޭ ގޮތަށް ބައެއް ކަންކަން ބަދަލުކުރާނެ ކަމަށް ބުނުމުން ތިން އަހަރުގެ އާ ކޮންޓްރެކްޓެއްގައި ސޮއިކުރި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭ ހިތްހަމަނުޖެހުނީ ރޮބަޓް ލެވޮންޑޮސްކީ ގެންނާނެ ކަމަށް ކްލަބުން ވީ ވައުދު ނުފުއްދުމުންނެވެ. އެމްބާޕޭ ބޭނުންވަނީ އިތުރު ފޯވާޑަކާ އެކު ކުޅޭށެވެ. ފްރާންސް ގައުމީ ޓީމުގައި އޮލިވިއޭ ޖިރޫއާ އެކު ކުޅޭއިރު އޭނާގެ ކުޅުން ރަނގަޅުވާ ކަމަށް އެމްބާޕޭ ގަބޫލުކުރެ އެވެ.
އެމްބާޕޭ ވަނީ ޕީއެސްޖީގެ އެޓޭކުގައި އަދާކުރާ ދައުރާ މެދު ހިތްހަމަނުޖެހޭކަން އާއްމުކޮށް އިއުލާންކޮށްފަ އެވެ. އެކަމަކު އޭނާ ތަކުރާރުކޮށް ބުނީ ކްލަބް ބަދަލުކުރަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން،" އެމްބާޕޭ ބުންޏެވެ.