18 އޮކްޓޯބަރ 2022 - 09:53

ރިޔާސީ އިންތިހާބަށް ތައްޔާރުވާން މެނިފެސްޓޯ އެކުލަވާލަން ހިޔާލު ހޯއްދެވުމަށް ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުތުރުގެ ފަސް ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގެންދަވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ބަދަލުކުރައްވާނެ ކަންކަން ހާމަކުރައްވައި މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބަށް ނުކުންނަވާ ޔާމީން އިހަވަންދޫ އާއި ކެލާގައި ބޭއްވި ޖަލްސާތަކުގައި ކުށުގެ ތުހުމަތުކުރެވޭ މީހުން "ވާނުވާ" އަށް ޖެހުމާއި އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް މީހުން ހައްޔަރުކޮށް ބަންދު ކުރުން ކުށްވެރިކޮށް އެކަންކަން ހައްލު ކުރަން ވައުދުވެ ވަޑައިގަތެވެ. އަދި އެއްވެ އުޅުމުުގެ ހައްގު ދިނުމަށް ވަކާލާތު ކުރެއްވި އެވެ.

ޔާމީން އެފަދަ ވާހަކަތައް ދެއްކެވުމުން ބައެއް މީހުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެވެ. ޖަލްސާތަކުގައި ސަރުކާރަށް ފާޑުވިދާޅުވެ ޔާމީން އެކި މައްސަލަތަކަށް ހައްލު ހުށަހަޅުއްވަމުން ގެންދަވާއިރު އެ ކަންތައްތަކަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ވެސް ހައްލު ބޭނުން ނުވި ކަންކަމަށް ވާތީ އެވެ. ހަމަ އެމަނިކުފާނުގެ ސަރުކާރަށް އޭރުގެ އިދިކޮޅުން އަމާޒު ކުރި ހަމަލާތަކަކަށް ވެސް ވާތީ އެވެ. ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހިނގައިދިޔަ ސިޔާސީ ބޮޑެތި ގަޑުބަޑުތައް އެމަނިކުފާނު ހަނދުމަފުޅު ނެތުނީތޯ ބައެއް މީހުން ސުވާލު އުފެއްދީ އެހެންވެ އެވެ.

ޔާމީނަށް އޭރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ކަންތައްތަކަކީ އެމަނިކުފާނު އިދިކޮޅުގައި ހުންނަވައިގެން މިހާރުގެ ސަރުކާރަށް ކިޔާ ފާޑުކިޔުންތަކަށް ވެއްޖެ އެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ހަދާފައި ހުރި ގޯސްތައް ރަނގަޅު ކުރާނެ ކަމަށް ބުނެ އޭރުގެ އިދިކޮޅުން ދެއްކި ވާހަކަތައް ޔާމީން މިހާރު ކަނޑިއަކަށް ބަދަލުކުރައްވައިފި އެވެ.
ޕާޓީ ދޮރު މައްޗަށް އެއްވާ އަންހެން ވެރިން ހައްޔަރު ކުރާ ވާހަކައާއި ޔޯގާ ހަމަނުޖެހުމުގައި ހައްޔަރު ކުރި މީހުންނާ ގުޅުވައި ޔާމީން އިހަވަންދޫ އާއި ކެލާގައި ވެސް ވާހަކަފުޅު ދެއްކެވި އެވެ. އިހަވަންދޫ ޖަލްސާގައި ވިދާޅުވީ، ސުލްހަވެރިކަމާ އެކު އެއްވެ ހިޔާލުފާޅުކުރާ މީހުން ހައްޔަރުކޮށް މުއްދަތު ޖެހުން ހުއްޓާލަންޖެހޭ ކަމަށެވެ.
"ފަނޑިޔާރުންނަށް ދަންނަވާލަން އޮތީ މިއީ ބޮޑެތި މުޖުރިމުން ހެއްޔޭ. ތަނަކަށް އެއްވެ މީހުން ހިޔާލުފާޅުކުރަނީ ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅަށް. އެއީ ހައްގު ކަމެކޭ އެއީ ކުރެވޭނެ ކަމެކޭ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު ދެކޭ ގޮތުގައި އެއްވެ އުޅުމުގެ ހައްގު އެންމެ ބޮޑަށް ހަނިކުރީ ޔާމީންގެ ވެރިކަމުގަ އެވެ. އެއްވެ އުޅުމުގެ މިނިވަންކަން ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ޔާމީން ވާހަކަފުޅު ދެއްކެވުމުން އެމްޑީޕީގެ ސަޕޯޓަރުންގެ ހަނދާން އާ ކުރީ ޔާމީންގެ ވެރިކަމުގައި ކުރި މުޒާހަރާތަކެވެ. މޭޑޭ މުޒާހަރާގައި އެކަނި 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އެ އެންމެންހެން 15 ދުވަހަށް ބަންދު ކުރި އެވެ. އޭގެ އިތުރުން ވެސް އޭރު، އެކި މުޒާހަރާތައް ރޫޅާލަން ޓިއާ ގޭސް ޖަހައި މީހުން ހައްޔަރުކުރި އެވެ.
ޔާމީންގެ ވެރިކަމުގައި އިދިކޮޅުން ކުރަމުން ދިޔަ މުޒާހަރާތަކާ ހެދި އެއްވެ އުޅެވޭ ގޮތް ހަނި ކުރަން ގާނޫނު އިސްލާހު ކުރީ ޔާމީންގެ ބާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު އަހަރު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެ އިސްލާހު ގެނައީ އޭރުގެ އިދިކޮޅުން ސަރުކާރާ ދެކޮޅު ހަރަކާތްތައް ވަރުގަދަ ކުރަނިކޮށެވެ.
އެ އިސްލާހުގައިވާ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގަ އެވެ. މި އިސްލާހާ އެކު އޭރުގެ ހޯމް މިނިސްޓްރީން އެއްވުންތަކަށް ހުޅުވާލީ ކާނިވާ ސަރަހައްދު އެކަންޏެވެ.
އެއީ ގާނޫނުއަސާސީއާ މުޅިން ހިލާފު ބަދަލެއް ކަމަށް ބުނެ، އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ނުރުހުން ފާޅުކުރެއްވި އެވެ. އެކަމަކު، އެމްޑީޕީގެ ބާރު އޮތް މަޖިލީހުން އަދިވެސް އެ އިސްލާހު އުވައެއްނުލަ އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ ހިޔާލުފާޅުކުރާ މީހުން ހައްޔަރުކޮށް ކޯޓުތަކުން ބަންދުގެ މުއްދަތު ޖެހުން ހުއްޓާލަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބަންދު ކުރަން ޖެހޭނީ ހަމައެކަނި މުޖުތަމައަށް ނުރައްކާތެރި މީހުން ކަމަށެވެ. އަދި ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާ ކަަމަށާއި އެކަމަކީ ވެސް އެމަނިކުފާނު ހުއްޓުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި ހުރިހާ އެންމެން އިރާދަކުރެއްވިއްޔާ މިނިވަން ވެގެން ދާނެ. އެއީ އެ މީހުން އެތަނުގައި ތިބޭކަށް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފަސް އަހަރުގެ ދައުރު ނިމެން ދިޔަ އިރު ޔާމީންގެ ސިޔާސީ ގިނަ ވާދަވެރިން ތިބީ ވާނުވާއަށް ޖަހާފައ، ނުވަތަ ޖަލު ހުކުމެއް ކޮށްފަ އެވެ. އެހެން ނޫނީ އަމިއްލަ އަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ.
އޭރު ވާނުވާގެ ޖަހާފައި ބަންދުކޮށްފައި ތިބި މީހުންގެ އަދަދުތައް މާ ބޮޑަށް މައްޗަށް ގޮސްފައިވާތީ، އޭރުގެ އިދިކޮޅު، މިހާރުގެ ސަރުކާރުން އެކަން ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ފާހަގަކޮށް އެ މައްސަލަ ހައްލު ކުރުން ވައުދަކަށް ހެދި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް ކޮންމެ 30 ދުވަހަކުން ވާނުވާ ބަންދު މުރާޖައާ ކުރަން ޖެހޭ ގޮތަށް ހެދީ ވެސް އެ މައްސަލަ ހައްލު ކުރުމަށެވެ. ޕީޖީ ހުސެއިން ޝަމީމް މަގާމަށް ވަޑައިގެން ފުރަތަމަ ކުރެއްވި ބޮޑު މަސައްކަތަކީ ވެސް ވާނުވާގައި ތިބި އެންމެންގެ މައްސަލަތައް މުރާޖައާކޮށް އޭގެ ތެރެއިން ދޫކޮށްލަން ޖެހޭ ކަމަށް ފެންނަ މީހުން ދޫކޮށްލުމެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދާ ބެހޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ޕީޖީ އޮފީހުން ހިއްސާކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި ވާނުވާ ބަންދުގައި މިދިޔަ މަހުގެ ނިޔަލަށް ތިބި މީހުންގެ އަދަދަކީ 329 އެވެ. އޭގެ ތެރެއިން 117 މީހުންނަކީ ޑްރަގް ވިޔަފާރީގެ ތުހުމަތު ކުރެވޭ މީހުންނެވެ. އަދި 108 މީހުން ކުޑަކުދިންނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ އިރު، މީހުން މެރުމުގެ މައްސަލަތަކުގައި 42 މީހަކު ބަންދުގައި އެބަ ތިއްބެވެ.
ކެލާގައި ވެސް ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގެ ވާހަކަ ޔާމީން ފާހަގަ ކުރެއްވި އެވެ. އެތަނަށް ވަން މީހުންގެ ދިފާއުގައި ޔާމީން ވިދާޅުވެފައި ވަނީ ފުލުހުން އިންޓެލް ރިޕޯޓު އުފައްދައިގެން އެއަށް ބިނާކޮށްގެން މީހުން ބަންދު ކުރަމުންދާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އެކަމަށް ނިންމުމެއް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ހިފައި ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ ފުލުހުން ކައްކާނެ ކޮންމެސް ފޮލައެއް. އިންޓެލިޖެންސް ރިޕޯޓެއް ހަދާނެ. ގާނޫނުގައި އެބަ ބުނޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް އެ މީހަކީ ނުރައްކާތެރި މީހަކަށްވާ ނަމަ ފަނޑިޔާރަށް އެ މީހަކު އެކަހެރި ކުރަން އެބަޖެހޭ."
އެހެންނަމަވެސް، މިއީ ވެސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ހައްލު ގެނެވެން އޮތް ކަމެކެވެ. އޭރުގެ އިދިކޮޅުން ހަމަ ޔާމީންގެ ސަރުކާރަށް އަމާޒުކޮށް އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް މީހުން ހައްޔަަރު ކުރުން ކުށްވެރިކުރަމުން ދިޔަ އެވެ. އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ގިނަ އަދަދެއްގެ ބަޔަކު އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދު ވެސް ކުރި އެވެ.
އެ ދުވަސްވަރު ސިޔާސީ ވާދަވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުން ރިޝްވަތު ދިނުމުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ހަރަކާތްތައް ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި ހެކި ނައްތާލަން އުޅުމުގެ ތުހުމަތު ވެސް ކުރި އެވެ. އޭނާ ހައްޔަރު ކުރީ އެއްވެސް ހެއްކެއް ނެތި، ހަމަައެކަނި ފުލުހުން އެކުލަވާލި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ. ގާސިމްގެ ވަކީލު، ހިސާން ހުސެއިން އޭރު ވިދާޅުވަމުން ދިޔައީ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޮތީ ފުލުހުންގެ އިންޓެލް ރިޕޯޓެއް ކަމަށެވެ.
އިހަވަންދޫގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެއް ވާހަކައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުން އެންމެ ބޮޑު ފައިދާއެއްވީ އެމްޑީޕީގެ އޭރުގެ މަޖިލިސް މެމްބަރުންނަށް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އޭރު ހިޔާނާތުން ފައިސާ ލިބުނު ކަމަށް އެމަނިކުފާނު ކުރައްވާ ތުހުމަތު އެރޭ ވެސް ތަކުރާރުކުރެއްވި އެވެ. އަދި ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ ރައީސަކަށް ހުންނަ ބޭފުޅާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"ރައީސޫލްޖުމްހުރިއްޔާއަކަށް އެހުންނަ މީހެއްގެ މައްޗަށް މިކަހަލަ ބަދުނާމުތަކެއް، މިކަހަލަ ތުހުމަތުތަކެއް އައިސްފި ކަމަށް ވަންޏާ، ދުނިޔޭގެ އެހެން ގައުމުތަކުގައި ރައީސުން އަމަލުކުރާ ގޮތަކީ ފުރަތަމަ ވެސް މަގާމުން އިސްތިއުފާ ދިނުން. އެހާ ވަރުގެ ޒިންމާއެއް އުފުލަން ކެރެންވާނެ،" ޔާމިން ވިދާޅުވި އެވެ
ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދިވެހި ދައުލަތަށް ލިބެންޖެހޭ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ޔާމީންގެ ވެރިކަމުގައި ހިނގި އިރު ތުހުމަތުގެ އިނގިލިތައް އެމަނިކުފާނާ ދިމާލަށް އަމާޒުވި އެވެ. ހިޔާނާތުގެ މުގުލުގައި ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވި ކަމަށް އޭރުގެ އިދިކޮޅުން ތުހުމަތު ކުރަމުން ދިޔަ އެވެ.
އެ ހިޔާނާތް ތަހުގީގުކޮށް އަލްޖަޒީރާއިން ނެރުނު "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓަރީގައި ވެސް ސީދާ ރައީސް ޔާމީން ހިޔާނާތުގެ ފައިސާ އަދީބު އަތުން ހޯއްދެވި ކަމަށް ތުހުމަތު ކުރި އެވެ. އަދި ހިޔާނާތުގެ އެންމެ އަޑީގައި ހުރީ އެމަނިކުފާނު ކަމަށް ތުުހުމަތު ކުރި އެވެ.
އެ ތުހުމަތުތައް ދެމި އޮއްވައި އިސްތިއުފާ ނުދެއްވި ސަބަބެއް ޔާމީން ވިދާޅެއް ނުވެ އެވެ.
ޔާމީން އޭރާއި މިހާރު ވެސް ދަމަހައްޓަވާ ގޮތުގައި އެ ތުހުމަތުތަކަކީ ހުސް ދޮގެވެ. އަދި އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ބޭނުުމެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް ވިދާޅުވެ އެވެ. ޔާމީން ވިދާޅުވާ ގޮތުގައި ހަގީގަތުގައި ވައްކަން ކުރީ އެހެން ބަޔެކެވެ. އަދި ދެން ވެރިކަން ލިބިއްޖެ ނަމަ އެ މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް ދައްކާލާނެ ކަމަށް އިހަވަންދޫގައި ވެސް ވިދާޅުވި އެވެ.