19 އޮކްޓޯބަރ 2022 - 15:32

ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން މަގުގެ އަޑިން ލޮނު އަރާ މައްސަލަ ހައްލު ނުވެ އޮތީ ފަޅައިގެން ގޮސްފައިވާ ހޮޅި މަރާމާތުކުރުމަށް މަގު ބަންދުކުރަން ސިޓީ ކައުންސިލުން ހުއްދަ ލިބުން ލަސްވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ސްޓެލްކޯ ކައިރިން ބޮޑުތަކުރުފާނު މަގަށް ތާރުގަނޑު އަޑިން ލޮނު އަރަމުން ދަނީ ސްޓެލްކޯގެ އިންޖީނުތައް ފިނިކުރުމަށް މޫދުން ލޮނު ނަގަން ބޭނުންކުރާ ހޮޅިއެއް ފަޅައިގެން ގޮސްގެންނެވެ.
"ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން ހައްލުކޮށްދިނުމަށް ސްޓެލްކޯ އަށް ވަނީ އެންގިފައި،" މަގުގައި ލޮނު ހެދިފައިވާ ދެ ފޮޓޯއަކާ އެކު ކައުންސިލުން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ނަމަވެސް ސްޓެލްކޯ އިން ބުނީ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ވެފައިވާ ގެއްލުން މަރާމާތުކޮށް އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދައަށް ސިޓީކައުންސިލްގައި އެދުމުން މިއަދާހަމައަށް ވެސް ރަސްމީ އެއްވެސް ސިފައެއްގައި އެކަމަށް ޖަވާބެއް ނުދެ އެވެ.
"... އަދި މި ހުއްދަތައް އަވަސް ކުރުމަށް، މިކުންފުނިން ސިޓީކައުންސިލްގެ ކަމާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާހަމަޔަށް ވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެހުއްދަތައް ލިބޭގޮތް ވަނީ ނުވެފައި،" ސްޓެލްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި މައްސަލަ އަވަހަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މި މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީ އެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި އެ ހުއްދަތައް ލިބުމާ އެކު، މި މަސައްކަތް ވަގުތުން ފަށައި، މައްސަލަ ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.