20 އޮކްޓޯބަރ 2022 - 07:09

މަސްތުވާތަކެތީގެ ވިޔަފާރީގައި ފައިސާގެ ޔަގީންކަން ކަށަވަރުކުރަން އިންސާނުން "ރަހުނު" ކޮށްގެން ގެންގުޅުމުގެ ތެރެއިން ޕާކިސްތާނުގައި ހިފަހައްޓައިގެން ގެންގުޅުނު ޒުވާނަކު އެނބުރި ރާއްޖެ އައުމުން ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި އުމުރުން 22 އަހަރުގެ ޒުވާނާ ކޯޓުގައި ބުނި ގޮތުގައި އޭނާ ޕާކިސްތާނަށް ފޮނުވާފައި ވަނީ ބަޔަކު އޭނާއަށް އޮޅުވާލައިގެންނެވެ. އަދި ޕާކިސްތާނަށް ދިއުމާ އެކު އެ ގައުމުގައި ތިބި ޑްރަގް ވިޔަފާރީގެ ގްރޫޕުން އޭނާ ހައްޔަރުކޮށްގެން ގެންގުޅުނީ ކަމަށް ބުންޏެވެ.
މީގެ ކުރިން ވެސް އެކި ކުށްތަކުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މި ޒުވާނާ ބުނި ގޮތުގައި އޭނާ އެނބުރި ރާއްޖެ އައީ ފިލައިގެންނެވެ.
އެކަމަކު ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އެހީވެ އަދި އެ ތަކެތި އެތެރެކުރަން މަސައްކަތްކުރި މީހެކެވެ.
ކުށުގެ ތުހުމަތަށް ހައްޔަރުކުރިތާ ހަފްތާއެއް ވީއިރު ވެސް ވަކީލަކު ހަމަޖެހިފައި ނުވާތީ ފުލުހުން އަދިވެސް ތިބީ ތުހުމަތުކުރެވޭ މީހާގެ ބަޔާން ނުނެގިފައި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް ދެ ވަނަ ފަހަރަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ގާޒީ ނިންމެވީ ވަކީލަކު ހަމަޖެހިފައި ނުވާތީ އާއި ތުހުމަތުވާ މީހާގެ އަތުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައި ނުވާތީ ދިގު މުއްދަތަކަށް ބަންދު ނުކޮށް އިތުރު 10 ދުވަސް ދިނުމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެ މީހުންނަށް ބޭރު ގައުމުތަކުން މަސްތުވާތަކެތި ފޮނުވާ މީހުންނަށް ޔަގީންކަން ދިނުމުގެ ގޮތުން، ބަދަލުގައި މީހުން ފޮނުވައި އެ މީހުންގެ ބެލުމުގެ ދަށުގައި މީހުން ގެންގުޅޭ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެ އެވެ. ގެއްލިގެން ކަމަށް ބުނެ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާއިލާއިން ރިޕޯޓްކުރި މީހަކު ވެސް ޕާކިސްތާނުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރިކަން ފަހުން އެނގުނެވެ. އޭނާ ވެސް ފަހުން ރާއްޖެ އައުމުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިގޮތަށް "ރަހުނު" ކޮށްގެން ގެންގުޅޭ ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ދޭ ފަހަރު ވެސް އާދެ އެވެ. ފޮނުވާ މަސްތުވާތަކެތީގެ އަގު ނުލިބޭ ނަމަ "ރަހުނު" ވި މީހާ ބޭނުންކޮށްގެން އެ ފައިސާ ހޯދަން ޑްރަގް ގޭންގުތަކުން މަސައްކަތްކުރެ އެވެ. އެ މީހުން ލައްވައި އެހެން ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރުމާއި އެ މީހުންގެ ގުނަވަންތައް ވިއްކުން ފަދަ ކަންކަން ވެސް ކުރާ ކަމަށް ތަހުގީގީ އިދާރާތަކުން ބުނެ އެވެ.