ކެމްޕޭނަށް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަނީ
ކެމްޕޭނަށް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނ. އަތޮޅަށް އަންނަ ހަފްތާގަައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ނ. އަތޮޅުގެ ހައެއްކަ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވެ އެވެ. އޭގެ ތެރޭގައި ނ. ކެނދިކުޅުދޫ އާއި މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދޫ ހިމެނެ އެވެ.

ތޮލާލް ވިދާޅުވި ގޮތުގައި އަތޮޅު ތެރެއަށް އިދިކޮޅު ކެންޑިޑޭޓް ފައްޓަވާފައިވާ މި ދަތުރުފުޅުގައި އިދިކޮޅުގެ ސަޕޯޓަރުންނާއި ބައްދަލުކުރުމާއި ޖަލްސާ ބޭއްވުމަށް އެދޭ ރަށްތަކުގައި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމު ވެސް ހަމަޖައްސާނެ އެވެ.

"މިދަތުރާ ގުޅޭ ތަފްސީލު މައުލޫމާތު އަޅުގަނޑުމެން މާދަމާ އާންމުކުރެވޭތޯ މިއުޅެނީ. މިއީ ހަމަ ހއ. އަތޮޅަށް ވެސް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ގޮތަށް އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރައްވާ ދަތުރުފުޅެއް،" އޭނާ ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހު ޔަމީން ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު އަންނަ މަހުގެ ކުރީކޮޅު އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ. މިއީ 2018 ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް ފަހުން އެމަނިކުފާނު އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން އެ ސިޓީއަށް އެމަނިކުފާނު ވަޑައިގެންނެވީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕެއިނަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ހއ. ގެ ފަސް ރަށަކަށް ވަޑައިގެން އިދިކޮޅުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމާ އެކު 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. ވެރިކަން ލިބިއްޖެ ނަމަ، ހއ. އަތޮޅުގައި ހިންގަވާނެ ބައެއް ތަރައްގީގެ މަޝްރޫއުތައް ވެސް އެ ދަތުރުފުޅުގައި އިއުލާންކުރެއްވި އެވެ.

އަތޮޅު ތެރޭގެ އެކި ރަށްތަކަށް ވަޑައިގެން ރައީސް ކަމުގެ ކެމްޕެއިން ޔާމީން ފެއްޓެވިއިރު މި ދަތުރުފުޅުގެ ތެރެއިން އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ވެސް ކުރިން އެ ޕާޓީން ބުނެފައިވެ އެވެ.

އަތޮޅު ތެރެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ވަރަށް އަވަހަށް ގދ. އަތޮޅާއި ފުވައްމުލަކަށް ވެސް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.