22 އޮކްޓޯބަރ 2022 - 12:37

އިޓަލީގެ "ޓުޓޯސްޕޯޓް" އިން ޔޫރަޕުގައި ކުޅޭ އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް ދޭ ގޯލްޑެން ބޯއީ އެވޯޑް، ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ގަވީ އަށް ލިބިއްޖެ އެވެ.
ގަވީ ވަނީ ހޯމަ ދުވަހުގެ ރޭ ބެލޮންޑިއޯ އެވޯޑް ހަފްލާގައި، މިދިޔަ ސީޒަނުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހާސިލް ކޮށްފަ އެވެ.
އުމުރުން 18 އަހަރުގެ ގަވީ، ގޯލްޑެން ބޯއީ 2022 އެވޯޑް ހާސިލް ކުރީ، އިންގްލެންޑާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޫޑް ބެލިންގްހަމް އާއި ބެޔާން މިއުނިކްގެ ޖަމާލް މުސިއާލާ އަދި ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ ފަހަތަށް ޖައްސާލައިފަ އެވެ.
"ބާސާ އަށް އަހަރެން ޝުކުރު އަދާކުރަން. ހުރިހާ ޓީމްމޭޓުންނަށް ވެސް، އެމީހުންނާ ނުލައި މިކަން ކާމިޔާބެއް ނުވީސް. މިއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް، ޒުވާން ކޮންމެ ކުޅުންތެރިއަކު ވެސް މި އެވޯޑް ބޭނުންވާނެ،" ވީޑިއޯ މެސެޖެއްގައި ގަވީ ބުންޏެވެ.
ޓުޓޯސްޕޯޓް އިން ހާމަކުރާ ގޮތުގައި އެވޯޑް ހަވާލު ކުރުން އޮންނާނީ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އިޓަލީގެ ޓިއުރިންގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
މިދިޔަ އަހަރުގެ ކޮޕާ ޓްރޮފީ އާއި ގޯލްޑެން ބޯއީ އެވޯޑް ހޯދީ ވެސް ގަވީ އާއެކު ބާސާ އަށް ކުޅޭ ޕެޑްރީ އެވެ. އޭގެ ކުރިން ގޯލްޑެން ބޯއީ އެވޯޑް ހޯދި ބާސާގެ ހަމައެކަނި ކުޅުންތެރިއަކީ 2005 ވަނަ އަހަރު އެވޯޑް ހޯދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެވެ.
މިއީ 2003 ވަނަ އަހަރު ދޭން ފެށި ގޯލްޑެން ބޯއީ އެވޯޑް، ސްޕެއިންގެ ކުޅުންތެރިއަކު ހޯދި ހަތަރު ވަނަ ފަހަރުވެސް މެއެވެ. ގަވީ އާއި ޕެޑްރީގެ އިތުރުން، ސެސް ފެބްރިގާސް އާއި އިސްކޯ ވަނީ 2006 އަދި 2012 ގައި މި އެވޯޑް ހޯދައިފަ އެވެ.
ނިމިދިޔަ 2021/2022 ސީޒަނުން ފެށިގެން ގަވީ އަންނަނީ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ބާސެލޯނާ އަށް 47 މެޗު ކުޅެދީ، ދެ ގޯލު ޖަހައި، ހަ އެސިސްޓް ކޮށްފަ އެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ސްޕެއިންގެ ސީނިއާ ޓީމުން ޖާގަ ހޯދައި، އޭނާ ވަނީ ސްޕެއިން ޓީމަށް މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލް ގައި އިޓަލީ ބަލިކުރި މެޗު ސްޓާޓް ކުރި އިރު އޭނާގެ އުމުރަކީ 17 އަހަރާއި 62 ދުވަހެވެ.
އަދި ގަވީ އަކީ މިހާތަނަށް ސްޕެއިން ގައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އުމުރުން 17 އަހަރާއި 304 ދުވަހުގައި ގަވީ ވަނީ މި އަހަރުގެ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކް ކޮޅަށް ލަނޑު ޖަހައިފަ އެވެ.
ގަވީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 12 މެޗު ކުޅެދީ، އެއް ގޯލު ޖަހައިފަ އެވެ. ސްޕެއިން އާއި ބާސެލޯނާ އަށް ގަވާއިދުން ކުޅެމުން އަންނަ ގަވީ ވަނީ މިދިޔަ މަހު، ބާސެލޯނާ އާއެކު ޖޫން 2026 އާ ހަމައަށް ކޮންޓްރެކްޓް ވެސް އާ ކޮށްފަ އެވެ. އޭނާގެ ރިލީސް ކްލޯސް އަކަށް ބާސާ އިން ހަމަޖައްސާފައި ވަނީ އެއް ބިލިއަން ޔޫރޯ އެވެ.
ޓުޓޯސްޕޯޓް އިން ވަނީ ފިރިހެން އަދި އަންހެން ގޯލްޑެން ޕްލޭޔާ ވެސް ހޮވައިފަ އެވެ. ފިރިހެން ގޯލްޑެން ޕްލޭޔަރަކަށް ހޮވުނީ ބެލޮންޑިއޯ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އެވެ. އަދި އަންހެން ގޯލްޑެން ޕްލޭޔަރަކަށް ހޮވުނީ، އެންމެ ފަހު ދެ ބެލޮންޑިއޯ ހޯދި ބާސެލޯނާގެ އަލެކްސިއާ ޕުޓޭލާސް އެވެ.
ޓުޓޯސްޕޯޓް އިން އަހަރުގެ އެންމެ މޮޅު ޔޫރަޕުގެ ރައީސަކަށް ހޮވީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި އެންމެ މޮޅު މެނޭޖަރަކަށް ހޮވީ، އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ޕައޮލޯ މަލްޑިނީ އެވެ.
އެންމެ މޮޅު ހެޑް ކޯޗަށް ދޭ ޓާގާ ޕޯޒޯ އެވޯޑް ދެ ފަރާތަކުން ހޯދާފައި ވެއެވެ. އެއީ ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ.
އިޓަލީގެ ގޯލްޑެން ބޯއީގެ އެވޯޑް ހޯދީ، ޔުވެންޓަސްގެ ފަބިއޯ މިރޭޓީ އެވެ. އަދި ގޯލްޑެން ގާލް އެވޯޑް ހޯދީ ޔުވެންޓަސްގެ ނިކޯލް އާކަންޖެލީ އެވެ.