މިހާރު 30: ރޯސް
މިހާރު 30: ރޯސް

(އިއްޔެގެ ނޫހާ ގުޅޭ)

"ހިތްވަރުކުރޭ!" އަމިއްލަ ނަފުސަށް އަހަރެން ބުނީމެވެ.

އަހަރެންގެ އަތަށް ވަރަށް ތަދުވިއެވެ. އަތް ދަމައިގަންނަން ލުކިޖަހައިލާ ވަގުތު ހުޅުން ނައްޓައިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. އެހެންވިޔަސް ހެވޭ ހިތަށްއެރިއެވެ. އެ އަށް ވުރެ އަހަންނަށް މުހިންމުވީ އެ މަޅިން ސަލާމަތްވާށެވެ. އަތް މޮހިއްޖެ ނަމަ، ކުޑަދޮރުން ވިޔަސް ނުކުންނަން އަހަންނަށް ކެރޭނެއެވެ. އެކަމަކު، އަތް ދަމައިގަނެވޭހާ ޖާގައެއް ނުލިބުނެވެ. ފަޑިއާ ލައި އަތް އައްސައިފައިވާލެއް ބާރުކަމުންނެވެ. ފޯނެއް ރަނގަބީލުވާ އަޑު އިވުމުން އަހަރެންގެ ހަރަކާތް ހުއްޓުނެވެ. އެ އަޑަކީ އަހަރެންގެ ފޯނުން އިވޭ އަޑެއް ނޫނެވެ. ރޯސް ފޯނު ބާއްވައިފައި ދިޔައީ ކީއްވެބާއޭ އަހަރެން ހިތަށްއެރިއެވެ. އެތައް އިރަކު ރަނގަބީލުވެފައި ފޯނުގެ އަޑު ކެނޑުނެވެ. ރޯސްގެ ޚަބަރެއް ނުވިއެވެ. އަނބުރައެއް ނުވެސް އައެވެ. މާތް ކަލާނގެއާ ވަކީލު ކޮށްލައިގެން އަހަރެން އޮތީމެވެ. ބޭޒާރު ނުވެ ސަލާމަތްވެއްޖެއްޔާ އުމުރުގެ ކޮޅުން ވެސް އެ ފަދަ ކަމެއް ނުކުރަން ހިތުލީމެވެ. ކޮންމެވެސް ދުވަހަކުން ފަޒީލާއަށް ހުރިހާ ވާހަކައެއް ކިޔައިދީފައި މާފަށް އެދެން ވެސް ނިންމީމެވެ. އަހަރެންގެ ފޯނު ރަނގަބީލުވާ އަޑު އިވެން ފެށިއެވެ. ވާނުވާއެއް އަހަންނަކަށް ނޭނގެއެވެ.

ވިއްސަކަށް މިނެއްޓު ފާއިތުވިއެވެ. އެކަކު ވެސް އެޕާޓްމަންޓަކަށް ނުވަދެއެވެ. ގަޑިއެއްހާއިރު ފާއިތުވިއެވެ. އަތް މޮހައިލެވޭތޯ އަނެއްކާ ވެސް މަސައްކަތް ފެށީމެވެ. ބޮޑެތި ލުކި ވަރަށް ބާރަށް ޖެހުމުގެ ބަދަލުގައި، ތަންކޮޅެއް އަވަސްއަވަހަށް ކުދި ލުކިޖަހަން ފެށީމެވެ. އެ ކަމުގައި އަހަރެން ހޭދަކުރީ ކިހާ ވަގުތެއްކަމެއް ބުނާކަށް ނޭނގެއެވެ. މަޑުމަޑުން ގޮށް ދޫވާން ފެށިއެވެ. ސަލާމަތް ވެވިދާނެކަމުގެ އުންމީދެއް އަހަންނަށް ލިބުނުއިރު ފަތިސްވެއްޖެއެވެ. ދުވާލުގެ ހަލަބޮލިކަން މަގުތަކަށް ފެތުރުމުގެ ކުރިން އެ ތަނުން ނުކުންނަން އަހަރެން ބޭނުމެވެ. އޭރު އަހަރެންގެ އަތުގެ ޙިއްސު ކެނޑިފައިވާ ކަހަލައެވެ. ގައިގަ ހުރި ބާރެއްލައިފައި އަތް ދަމަން ފެށީމެވެ. ހިތް ބުނި ކަހަލައެވެ. ސަލާމަތް ވަންޏާ މި ފަހަރު ވާނެއެވެ. ކުޑަ އިރުކޮޅެއް ތެރޭގައި އަތް ދަމައިގަނެވުނެވެ. އެއީ، މިނިވަންކަމުގެ ފޮނިކަން އަހަންނަށް އިހުސާސްކުރެވުނު ވަގުތެކެވެ. އަނެއް އަތް މޮހައިނުލައި އިރުކޮޅަކު އޮތީމެވެ. ކަނާއަތުގެ ކުޑަހުޅު ކުޑަކޮށް ދުޅައެވެ. އަތުގެ ބައެއް ދިމަދިމާގައި ތެޔޮހަމެއް ނެތެވެ. އަނެއް އަތް މޮހައިލީމެވެ. ބޮޑުކޮޓަރިއަށް ނުކުތްއިރު، ސޯފާ މަތީގައި އަހަރެންގެ ފޯނާއި، ރޯސްގެ ފޯނު އޮތެވެ. ރޯސްގެ ދަބަހާއި، އަހަރެންގެ ތަޅުދަނޑިފައްޗާއި، ފައިސާދަބަސް ވެސް އޮތެވެ. ފައިސާދަބަސް ހުޅުވައިލީމެވެ. ކޭޝްކާޑެއް ނެތެވެ. ކާޑު "ބްލޮކް" ކުރުމަށްޓަކައި ބެންކަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. އެ ވަގުތު އިތުރު ޚިޔާލެއް އައެވެ. ފޯނު ކަނޑައިލައިފައި ރޯސްގެ ދަބަސް ހާވައިލީމެވެ. އޭގައި އަހަރެންގެ ކޭޝްކާޑު އޮތެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނައިލީމެވެ. ރޯސް ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އޭނަ ނައީ ކީއްވެގެން ހެއްޔެވެ؟ ހިތަށްއެރިއެވެ. ބޭނުންވި ވަރަށް ފައިސާ ލިބުމުން އޭނަ ދިޔައީބާއެވެ؟ ވީއިރު، ރޯސްގެ ދަބަސް ދޫކޮށްލީ ކީއްވެ ހެއްޔެވެ؟

ކަނާއަތަށް ތަދުވިޔަސް، އެޕާޓްމަންޓް ކުރިން ހުރި ގޮތަކަށް ހެދުމުގެ މަސައްކަތް ފެށީމެވެ. ފާޚާނާ ޗެކު ކުރީމެވެ. ކުރިން ހުރި ގޮތްކަމަށް އަހަންނަށް ލަފާކުރެވޭ ގޮތަށް ތަރުތީބު ކުރީމެވެ. ކޮތަޅެއް ހޯދައިފައި ރޯސްގެ ދަބަސް ލީމެވެ. ކުނޑިފުކެއްހާ ހިސާބު ވެސް އެ ތާކު ނުބާއްވަމެވެ. ރޯސްގެ ފޯނު ނިއްވައިލައިފައި ޖީބަށް ލީމެވެ. ދެތިން ފަހަރަށް މުޅި އެޕާޓުމަންޓު އަލުން ޗެކު ކުރީމެވެ. އެއްވެސް އެއްޗެއް ބޭއްވިފައި އޮތްތޯ ބެލީމެވެ. ހިތަށްއެރިއެވެ. ކޮންމެވެސް ނުބައެއް އަހަންނަށް ހެދޭނެއެވެ.

"ޔަގީންކުރޭ ޔަގީންކުރޭ!" އަމިއްލަ ނަފުސާ އަހަރެން ވާހަކަދެއްކީމެވެ.

އެއްވެސް އެއްޗެއް ބޭއްވިފައި ނެތްކަން ކަށަވަރުވުމުން އެ ތަނުން ނުކުތީމެވެ. ސިޑިން މީހަކު އަރާ އަޑު އިވުނެވެ. އަހަރެން އަލުން އެތެރެއަށް ވަނީމެވެ. އެ މީހަކު ވަންތާކަށް ވަދެ ދޮރު ލެއްޕި އަޑު އިވުމުން ނުކުތީމެވެ. ދޮރު ތަޅުލައިފައި، އިސްޖަހައިގެން ހިނގައިގަތީމެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފޭބީމެވެ. ކުއްލިއަކަށް ހުއްޓެވުނެވެ. ވިސްނައިލެވެނެވެ. އައިކޮޅަށް ހިނގައިގަތީމެވެ. އަނެއްކާ ވެސް އެޕާޓްމަންޓަށް ވަނީމެވެ. ހީވީ ރަނގަޅަށެވެ. އެތެރޭގައި ހުރީ ރޯސްގެ ބޫޓެވެ. އެއީ ކުރިން އެ ތަނުގައި ހުރި އެއްޗެއް ނޫނެވެ. އަވަހަށް ތިރިޔަށް ފައިބަންވެގެން ރޯސް ހުސްފައިގަ ދިޔައީބާއޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ބޫޓު އެ ތާކު ނުބެހެއްޓޭނެއެވެ. އެ ވެސް ކޮތަޅަށް ލީމެވެ. ނުކުމެ ދޮރު ތަންޑުއަޅައިފައި ސިޑިން ހިނގައިގަތީމެވެ. އެ ސިޑިން ކިތަންމެ ފަހަރަކު އަހަރެން އަރައިފައިބަމެވެ. އެހެންނަމަވެސް، އެ ދުވަހު އަހަންނަށް އެ ސިޑި ވަރަށް ދިގެވެ. މީހަކަށް ނުފެނި ނުކުމެވޭތޯ ދުޢާ ކުރަމުން ހިނގީމެވެ. ބޭރަށް ނުކުމެވުނެވެ. ދެން ވެސް އަހަރެން ހުރީ އިސްޖަހައިލައިގެންނެވެ. ހީ ނުވެސް ކުރާ ކަހަލަ ގޮތަކަށް ސަލާމަތްވެވުނީތީ ލިބުނު ހައިރާންކަން ފިލައިގެނެއް ނުދެއެވެ. ސައިކަލުގެ ވަށިގަނޑަށް ކޮތަޅު ލުމަށް ފަހު ދަތުރަށް ފެށީމެވެ. މެދުނުކެނޑި ޝުކުރު ކުރަމުންނެވެ. ކަނާއަތުގެ ކުޑަހުޅުގެ ރިހުން ގަދަވާން ފެށިއެވެ. ގެއަށް ގޮސް ކޮންމެ ފަދަ ދޮގެއް ވެސް އަހަންނަށް ހެދިދާނެއެވެ. އޭގެ ކުރިން، އަހަރެންގެ ލޯމަތިން ގެއްލުވައިލާންޖެހޭ ސާމާނުތަކެއް ހުއްޓެވެ. މަގުމަތީގައި މީހުން މަދެވެ. އަހަރެން ދިޔައީ އާޓިފިޝަލްބީޗަށެވެ. އެ ތަނުގެ ދެ ދިމާއެއްގައި ހުރި ދެ ކުނިވަށިގަނޑަށް ދެ ކިބަ ލީމެވެ. ދެން އޮތީ ރޯސްގެ ދަބަހެވެ. ދަބަސް ހިފައިގެން އަމީނީމަގުން ދަނިކޮށް، އިމަޖެންސީ ބަރުގޮނުގެ އަޑު އިވެން ފެށިއެވެ. އަހަރެންގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ފަހަތުން އައިސް ކުރިއަރައިގެންދިޔައީ ފުލުހުންގެ ޖިޕެކެވެ. ކުޑަކޮށް ހިނި ވެސް އައެވެ. ހިތަށްއެރިއެވެ. ފުލުހުން އަހަރެން ހުއްޓުވަންވީ ކީއްވެގެން ހެއްޔެވެ؟ އެ ވަރުގެ ކުށެއް އަހަރެން ނުކުރަމެވެ. އަނެއްކާ ވެސް އިމަޖެންސީގެ އަޑު އިވުނެވެ. އެ ފަހަރު ދިޔައީ އެންބިއުލާންސެވެ. ރޯސްގެ ދަބަސް އަހަރެން އެއްލައިލީ، ހުއްޓައިފައި އޮތް ޕިކަޕެއްގެ ތެރެއަށެވެ. އުކާލަން ތައްޔާރުވެފައިވާ ކުނިބުނިތަކެއް އޭގައި ހުއްޓެވެ. އޭޓީއެމުން އަހަރެންގެ އެކައުންޓު ބަލައިލީމެވެ. މަދީ ދިހަ ހާސް ރުފިޔާއެވެ.

ގެއަށް ވަންގޮތަށް އަހަރެން ވަނީ ފާޚާނާއަށެވެ. އޭރު އަތުގެ ތަދު ކުޑަހެން ހީވެއެވެ. ފެންވަރައިގެން ނުކުމެ ދެ ރަކުޢަތް ނަމާދެއް ކޮށްލީމެވެ. އެއީ، ޝުކުރު ކުރުމުގެ ނިޔަތުގައި ކުރި ކަމެކެވެ. ފަތިސްނަމާދު ކުރާކަށް ހަނދާނެއް ނެތެވެ. އެނދުގައި އޮށޯވެ އިރުކޮޅެއް ތެރޭގައި އަހަންނަށް ނިދުނެވެ. ސިއްސައިގެން ގޮސްފައި ހޭލެވުނީ ދޮރުގައި ނިކަން ބާރަށް ތަޅާ އަޑަށެވެ. ލޯ ހުޅުވައިލިއިރު މެންދުރު ވެއްޖެއެވެ. އެހާ ބާރަށް ދޮރުގައި ތަޅާނީ ފުލުހުންހެން ހީވިއެވެ. ވިސްނަން އޮތީމެވެ. ދޮރު ހުޅުވި އަޑު އިވުނެވެ. ފަޒީލާ މީހަކާ ވާހަކަދައްކާ އަޑެއް ނީވުނެވެ. ދޮރު ލެއްޕި އަޑު އިވުނެވެ. ފަޒީލާ ކޮޓަރިއަށް ވަނެވެ. ނިދިކަމަށް ހަދައިގެން އަހަރެން އޮތީމެވެ. ހީކުރީ ފަޒީލާ އައިސް އަހަންނަށް ގޮވާނެކަމަށެވެ. އެކަމަކު ނުގޮވިއެވެ.

"ކާކު ދޮރުގަ ތެޅީ؟" ނިދިއަޑަކުން އަހަރެން އެހީމެވެ.

"ކާކުތަ ދޮރުގަ ތެޅީ؟" ފަޒީލާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ނޭނގެ މަށަކަށް. ކާނީތަ ނޫނީ ސައިތަ ބޯނީ؟"

ދޮރުގައި ތަޅާ އަޑު އިވުނީ އަހަންނަށް ފެނުނު ހުވަފެނަކުންކަން ގަބޫލުކުރެވުނެވެ. ހުވަފެނުގެ ކުރީބައެއް ހަނދާނެއް ނެތެވެ. ފަހު ބައިގައި ދޮރުގައި ތަޅައިގަތްއިރު، ހުވަފެނުގައި ވެސް އަހަރެން އޮތީ ނިދާފައެވެ. އޮޅުންއެރީ އެހެންވެއެވެ.

"ކާނީ!" އަހަރެން ބުނީމެވެ.

މުޅި ދުވަހު ވެސް އަހަންނަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ފަޒީލާގެ އާދަޔާ ޚިލާފު ބެލުމެވެ. ނުވަތަ އެއީ ކުށްހީއެއް ހެއްޔެވެ؟ އަހަރެންގެ އަތުގެ ދުޅަ މަޑުވެފައި އޮތް ނަމަވެސް، ދެތިން ތަނަކުން ހަންގޮސްފައި ހުއްޓެވެ. ފަޒީލާގެ ލޮލަކު އެ ކަން އަޅައިގަތްކަމަކަށް ނުވެއެވެ. އެހެންވެ އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. އޮފީހަށް ގޮސްފައި، ދަނޑިވަޅެއް ލިބުމުން ރޯސްގެ ފޯނު "އޮން" ކޮށްލީމެވެ. އަހަރެން ހޭނެތިފައި އޮތްވާ ރޯސް ނަގައިފައިވާ ފޮޓޯތަކެއް އޭގައި ހުއްޓެވެ. އެއްވެސް މީހަކަށް ނުވަތަ ސައިޓަކަށް އެ ފޮޓޯތައް ފޮނުވާފައެއް ނެތެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. އަހަރެންގެ އަތުން ފަހުން ވެސް ލާރި ހޯދޭނެ މަގަކީ އެއީ ކަމުގައިވީތީ އެ ފުރުޞަތު ގެއްލުވައިލަން ރޯސް ބޭނުން ނުވީއެވެ. އެ ހިސާބުން އަނެއްކާ ވެސް ސުވާލު އުފެދުނެވެ. ރޯސް ކޮބައިހެއްޔެވެ؟ ކުއްލިއަކަށް މެސެޖެއް އައެވެ.

"ފޯނު ޖައްސާކަށްނު ޖެހުނީ." މެސެޖުގައި އޮތެވެ.

ވަގުތުން ފޯނު ނިއްވައިލީމެވެ. ދެން ހިތަށްއެރިއެވެ. އެއީ ރޯސްއަށް އައި މެސެޖަކަށް ވެސް ވެދާނެއެވެ. އެ ފަދަ ކިތައް މެސެޖު އޭނައަށް އަންނާނެ ހެއްޔެވެ؟ އަހަރެން އަތުގައި ފޯނު އޮތްކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ސެކްޝަނަށް މީހުން ގިނަވާން ފެށުމުން ވަތްގަނޑަށް ފޯނު ލީމެވެ. ހަމަޖެހޭ ގޮތް ދައްކައިލަންވެގެން ކޮންޕިއުޓަރުން ނޫހެއް ކިޔާކަމަށް ހެދުނީމެވެ.

"މަރާލައިފައިވާ ޒުވާން އަންހެންކުއްޖަކު ފެނިއްޖެ!" ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެ ސުރުޚީއެވެ.

ޚަބަރުގައި ވާގޮތުން އެ ކުއްޖާގެ ނަމަކީ ޝާހިދާއެވެ. ފުލުހުންނަން އޭނަ ފެނުނީ ފަތިހުއެވެ. ހިތަށްއެރިއެވެ. އަހަންނަށް އިވުނު އިމަޖެންސީ އަޑުތަކުގެ ސިއްރަކީ އެއީތާއެވެ. އޭނަ އޮތީ ހުސްފަޔާއެވެ. ފުލުހުން ދަނީ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. އަހަރެން ބިރުގަތެވެ. ކޮންމެވެސް ވަރަކަށް އުފާ ވެސް ވިއެވެ. ދެރަވީ ކީއްވެގެންކަމެއް ނޭނގެއެވެ. ޙަޤީޤަތުގައި، އަހަރެންގެ ހިތަކު ރޯސްއަށް އެއްވެސް ރަޙުމެއް އޮވެގެން ނުވާނެއެވެ. ހިތުގައި އުފެދުނީ ރިހުމެކެވެ. ރޯސްގެ ރީތިކަމަށެވެ. އޭނައަށް ތަނަވަސްވެފައިވާ ފުރުޞަތުތައް ކިހާ ގިނަ ހެއްޔެވެ؟ އެ ފަދަ ކުދިންނާ އުފަލުން ކައިވެނިކުރަން ކިތައް ފިރިހެނުން ތައްޔާރަށް ތިބޭނެ ހެއްޔެވެ؟ ބާއްޖަވެރި ހަޔާތެއް ހޯދަން އޭނައަށް ކިހާ ފަސޭހަވީސް ހެއްޔެވެ؟ އެ ފަދަ ބޭކާރު މަރެއް ރޯސްއަށް ޙައްޤެއް ނޫނެވެ. އެހެންނަމަވެސް، ސިފަ ރީތި މަލެއްގައި ހިތި ވަހެއް ހުރެދާނެއެވެ. ކުލަ ރީތި މަލަކުން ތޫނު ކަށްޓެއް ވެސް ހެރިދާނެއެވެ. ޔަގީނުން ވެސް އަހަންނަށް ލިބުނީ އަގުހުރި ފިލާވަޅެކެވެ.

ނިމުނީ