09 ޖެނުއަރީ 2017 - 16:37

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) އަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވީ އެމްޑަބްލިއުއެސްސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ގާއިމުކުރުމާއި އެ ތަނުގެ މަގު ހުރަސްކޮށް އަޅަން ޖެހޭ ހޮޅި ލައިންތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މަގު ހުރަސްކޮށް ހޮޅިއެޅުމަށް ބޭނުންވާ ތަފްސީލު ޑިޒައިން ތައްޔާރުކުރުމާއި އެ މަޝްރޫއު އަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން އެ މަސައްކަތް ސުޕަވައިޒްކުރުން ވެސް ހިމެނޭ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހުރަސްކޮށް އަޅަން ޖެހޭ ހޮޅިތައް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، އެ މަސައްކަތަށް ބޭނުންވާ ހޮޅިތައް މިދިޔަ އަހަރުގެ ތެރޭގައި ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ޝެޑިއުލްގައިވާ ގޮތަށް ނިންމާލެވޭނެ ކަމަށް މި އުއްމީދު ކުރަނީ. އަދި ސެކަންޑް ފޭސްގެ ޕްރޮޖެކްޓް 2018 އިގެ ސެޕްޓެމްބަރަށް ނިންމަން އަމާޒު ހިފާފައި ވަނީ،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއު އަށް ބޭނުންވާ އިތުރު ސާމާނު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ތާރު ފަށަލަ އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.