26 އޮކްޓޯބަރ 2022 - 07:05

އާދިއްތަ ދުވަހާ ގުޅޭ
"ބޮޑުވަރު ނަޒްދާ! އޭނަ އޮތީ ހުޅުމާލޭގަ. އެކްސްގެ ކޮޓަރީގަ." އެހެން ބުނެފައި އޭނަ ފޯނުކަނޑައިލިއެވެ.
ފަތިހު ހަތަރެއްޖެހި އިރު ވެސް ނަޒްދާ އޮތީ ހޭލައެވެ. ބިއްދޮށަށް އެނބުރިގެންނެވެ. މުޖުތަބާ ވަނެވެ. އެއްޗެހި ބަދަލުކޮށް، ނިދަންލާ ސޯޓުލައިގެން އެނދުގައި އިށީނެވެ. ހިތްފުރުމުން ހަށިފުރައި ބޭރުކޮށްލާ ކަހަލަ ނޭވައެއް ބޭރުކޮށްލިއެވެ. ނަޒްދާ ގުޑައި ވެސް ނުލައި އޮތެވެ. މުޖުތަބާގެ ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ. އިރުކޮޅަކު ފޯނާކުޅެން އިނދެފައި މުޖުތަބާ އޮށޯތެވެ. ނަޒްދާ ގައިގަ ފިރުމައިލިއެވެ. އެހެންޏާ އެ ވަރުން ނަޒްދާއަށް ހޭލެވެއެވެ. އޭގެ މާނަ ދޭހަވެއެވެ. އެ ރޭ ނަޒްދާއަކަށް ނެހޭލެވުނެވެ. ހަމަ އެކަނި ހޭނުލެވުނީކީ ވެސް ނޫނެވެ. "ނިދީގައި" މުޖުތަބާގެ އަތް ފޮޅުވައިލިއެވެ. އެއީ އެ ފަދަ ކަމެއް ނަޒްދާ ކުރި ފުރަތަމަ ފަހަރެވެ.
"ފުރިއްޖެ ފުރިއްޖެ!" މީހަކު ބުނި އަޑުއިވުނެވެ.
ނަޒްދާ ބަލައިލި އިރު ޕެޓުރޯލު ޓޭންކު ފުރިގެން ބަންޑުންވަނީއެވެ. ނަޒްދާ ހުރީ އެހެން ފިކުރެއްގައެވެ. ސައިކަލުގެ ވެރިމީހާ ރުޅިއައިސްގެން އޭތިމީތި ކިއެވެ. ނަޒްދާ އެއްވެސް އެއްޗެއް ނުބުނެއެވެ. މާފަށްއެދުން ފިޔަވައެވެ. އެ މީހާ ދިޔުމުން ހަނާ އައިސް ނަޒްދާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
"ބްރޭކެއް ނަގަންވީނު؟" ވަރަށް އޯގާތެރިކަމާ އެކު ހަނާ އެދުނެވެ. "ޑިއުޓީ ނިމެން ދެން އޮތީ އެންމެ ޓެން މިނިޓްސް. ނިންމާލާފަ ހިނގާ ކޮފީއަކަށް ދަމާ!"
ވަކި އެއްޗެއް ނުބުނެ ނަޒްދާ އެ ތަނުން ނުކުތެވެ. ހަނާޔާ އެކުގައި ކޮފީއަކަށް ދިޔުމަކުން، ފިރިމީހާގެ ބޭވަފާތެރިކަން ވަފާތެރިކަމަކަށް ބަދަލެއް ނުކުރެވޭނެއެވެ. ނަޒްދާ މަޑުމަޑުން ހިނގަމުން ގޮސް މޫދުކައިރީގައި ހުރި ގަހެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ. ކަނޑުން އަރައިގެންއައި ރޯޅީގެ ފިނިކަން އިހުސާސްކުރަން މަސައްކަތްކުރިއެވެ. އެ ކަމެއް ނުވިއެވެ. ނަޒްދާ ފޯނު ނެގިއެވެ. އެ ވަގުތު ނީޒާ ގުޅިއެވެ. ހާލުއަހުވާލު އެހިއެވެ.
"ނީޒާއަށް ގުޅަން އުޅެނިކޮށް ތި ގުޅީ." ނަޒްދާ ބުންޏެވެ.
"އަހަރެން ކިތަންމެ އިރެއް ގުޅަން އުޅޭތާ. އެކަމަކު ޑިއުޓީގަ އިންނަ އިރު ފޯނު ނުނެގޭނެހެން ހީވާތީ ނުގުޅީ،" ނީޒާގެ ރާގުގައި ވަނީ މަޑުމޮޅިކަމެވެ. "ނިމޭހާ އިރު ކޮށްފަ މި ގުޅީ. އާދެބަލަ އަނގަތަޅާލަން ސިޓްރޯންއަށް. ދަންތަ ބަލާ؟"
"ނޫން! މި ތާ ކައިރީގަ މިހިރީ. މިއަދު މި ކޮޅު ޑިއުޓީއޭ!" ނަޒްދާ ޖަވާބުދިނެވެ. "އެކަމަކު މާ ގިނަ ޓައިމެއް ނެތް. އިރުކޮޅަކުން ދަރި ނިމޭނެ. ކިހިނެއްވީ؟"
"އަސްލު ބޭނުމެއް ނޫން މި ވާހަކަދައްކާކަށް،" ނީޒާގެ ރާގުން ހީވަނީ އެ ވާހަކައެއް ބުނަން އޭނައަށް ވަރަށް އުނދަގޫހެންނެވެ. "އެކަމަކު އެހެން މީހަކު މި ވާހަކަ ކިޔައިދިނުމުގެ ކުރިން އަހަރެން ކިޔައިދިނިއްޔާ ރަނގަޅުވާނެހެން ހީވާތީ މި ގުޅީ. މުޖޫއަކީ ވަރަށް ނައިސް މީހެއް. މާ ވައިފީވެގެނެއް އޭނަ ނޫޅޭނެ. ވަރަށް އަވަހަށް ރުޅި ވެސް އަންނާނެ. އެ ކަން ވެސް އެނގޭ. ކިތަންމެ ރުޅިއަޔަސް މުޖޫ ގަޔަކަށް އަތެއް ނުލާނެ. އެކަމަކު ކޮންމެ މީހެއްގެ ވެސް ރަނގަޅުތަކާ ގޯސްތައް ހުންނާނެތާ."
ދަންބެރަށް ވުރެ ތަގުޑި ދިގުވަމުންދިޔައެވެ. އެއީ ގަސްތުގައި ނީޒާ ކުރި ކަމެކެވެ. އަޑުއަހާ މީހާއަށް އޮޅުވައިލުމަށް ޓަކައެވެ.
"ކީކޭ ބުނަން ތި އުޅެނީ؟" ނަޒްދާ އެހިއެވެ.
"އަޅެ ހާދަ އުނދަގުލޭ މި ވާހަކަ ކިޔައިދޭން. ރޭގަ އޭނަ ދިމާވެގެން، ގެއަށް އައިސް.. ދެން ހުރިހާ ޑީޓެއިލެއް ކިހިނެއް ކިޔައިދޭނީ؟" ލަދުވެތިކަން އިހުސާސްކުރެވިފައިވާ ރާގެއްގައި ނީޒާ ބުންޏެވެ. "އަހަރެން ބުނިން ތިހެން ނޫޅޭށޭ، އަހަރުމެންނަކީ މިހާރު މެރިޑް ކަޕްލްއެއް ނޫނޭ! އަޑެއްނޭހި! އެނގެއެއްނު އޭނަގެ ގޮތް. ނަޒްދާ އޭނަ ހުއްޓުވާ! އޭނައަށް ވިސްނައިދީ! އެއީ ބުނަން މި އުޅޭ ވާހަކައަކީ. ވައިފަށް ހަސްބަންޑް ކޮންޓުރޯލުކުރެވެން ޖެހޭނެ."
ނަޒްދާއަށް ރޮވެން ފެށިއެވެ. އެއް ވާހަކައެއް ދެ މީހަކު ކިޔައިދިނުމުން ގަބޫލުކުރަން ނަޒްދާއަށް މަޖުބޫރުވީއެވެ. އެހެނަސް ނީޒާއަކީ ނީޒާއެވެ. ދެން އެ ވާހަކަ ބުނި މީހާގެ ނަމެއް ވެސް ނަޒްދާއަކަށް ނޭނގެއެވެ. މުޖުތަބާއަކީ ފިރިމީހާއެވެ. އިތުބާރުކޮށްފައި ނުކުރާނެ މީހެއް ނަޒްދާއަކަށް ނޭނގުނެވެ. އެކަކު ބޭނުންވަނީ ނަޒްދާއެވެ. އަނެކަކުގެ އަމާޒަކީ ނަޒްދާގެ ފިރިމީހާއެވެ. ދެ މީހުން ވެސް ދޮގުނަހަދަންވީ ސަބަބެއް ނެތެވެ. ދެމަފިރިން ދުރުކުރުވުމަށް ޓަކައެވެ.
"އަހަންނަށް ކިހިނެއް އެނގެނީ ތީ ތެދެއްކަމެއް؟" ނަޒްދާ ސުވާލުކުރިއެވެ.
"ރަނގަޅު. އަހަރެން ނަމަވެސް ހަމަ ތިހެން ބުނާނީ. ވަގުތެއްވީމަ ވައިބާ ބަލާލާ!" ނީޒާ ބުންޏެވެ. "އެކަމަކު ރަނގަޅުވާނީ ނުބެލިއްޔާ! އަހަރެން ނަމަކާ ނުބަލާނަން."
ފޯނުކޯލު އެ ހިސާބުން ނިމުނީއެވެ. ވައިބާ ބެލުމުގެ ބަދަލުގައި، ހިތްވަރުކޮށްފައި ދަބަހަށް ފޯނު ލި ނަމަވެސް، ނަޒްދާއަކަށް ކަރުނައެއް ނުހިފޭއްޓުނެވެ. އަޑެއް ވެސް ކޮންޓުރޯލެއް ނުކުރެވުނެވެ. އެއިން ހިސާބަކު މީހަކު ނެތްކަން އެއީ ނަސީބެކޭ ނަޒްދާ ހިތަށްއެރިއެވެ. އިރުކޮޅަކު ރޮއިފައި ނަޒްދާ ކަރުނަ ފުހެލިއެވެ. މަޑު ކަފަކޮޅަކަށް ވެފައިވާ ހިތް ހަރު ހިލަގަނޑަކަށް ބަދަލުކޮށްލިއެވެ.
"ހެޔޮ ކޮންމެ ގޮތެއް ވިޔަސް،" މަޑުމަޑުން ނަޒްދާ ބުނެލިއެވެ. "ބޮޑު ވަރަކަށް ހިތެއްނު ހުއްޓޭނީ! އެ ނިމުނީނު!"
ނަޒްދާ ފޯނު ނެގިއެވެ. ވައިބާ ބަލައިލިއެވެ. ތިން ފޮޓޯ އޮތެވެ. މަޑުމަޑުން ފޮޓޯތައް ލޯޑުވާން ފެށިއެވެ. ނަޒްދާގެ ހިތް އަވަސްވާން ފެށިއެވެ. ތިން ފޮޓޯ ފެނުނީ އެކުއެކީ ކަހަލަ ގޮތަކަށެވެ. އެއީ ވަގުތު ހުއްޓުނު ދަނޑިވަޅެކެވެ. ނޭވާ ފިތި، ވިންދު މޭގައި ތާށިވި ވަގުތެކެވެ. ނަޒްދާޔާ އެކުގައި މުޅި މާހައުލު ގަނޑުވި ކަހަލައެވެ. މުޖުތަބާ އޮތީ އަނބިމީހާއަށް ނޫނީ ނުފެންނަ ކަހަލަ ގޮތަކަށް ނިދައިފައެވެ. ތިން ފޮޓޯއިން ވެސް ފެންނަނީ މުޖުތަބާ އެކަންޏެވެ. ނަޒްދާއަކަށް ނުރޮވުނެވެ. އެތެރެއިން ފަޅައިގެންދިޔަ ނަފުރަތުގެ ހުޅުގަނޑުން ކަރުނަ އާތްވަށް ހަދައިލި ކަހަލައެވެ. ވަރިކޮށްފާނެތީ ކުރިން އޮންނަ ބިރާއި، ގެއިން ނެރެފާނެތީ އޮންނަ ހާސްކަން ވެސް ހަމަ ކުއްލިއަކަށް ކެނޑުނެވެ. ނަޒްދާ ނިންމުމެއް ނިންމިއެވެ. ވަރިފޯމު ހިފައިގެން ނޫނީ ގެއަކަށް ނުވަންނާނަމެވެ. ލޭގެ ބަދަލުގައި ނަޒްދާގެ ނާރުތަކުގައި ވެސް އޭރު ދައުރުވީ ރުޅިއެވެ. ފޫހިކަމެވެ. އެ ވަގުތު ނަޒްދާއަށް މެސެޖެއް އައެވެ.
"އަހަންނަށް ކޮށްދެވޭނެ ކަމެއް އޮތިއްޔާ ބުނޭ!" އެ މެސެޖުގައި އޮތެވެ. "އަޑުއިވޭ ހިސާބުގަ މިހިރީ."
ނަޒްދާ ބަލައިލި އިރު، ވަރަށް ގާތުގައި "އޭނަ" ހުއްޓެވެ. އޭރު ރުޅިއައިސްގެން ނަޒްދާ ތުރުތުރުއަޅައެވެ. ހީވި ކަހަލައެވެ. ކުރިމަތީގައި ހުރީ މުޖުތަބާއެވެ. ކެހިވެރި ފިރިމީހާއެވެ.
"ކިހާ ބޮޑުކަމެއް! ކީއްވެގެންތަ އަހަންނާ އަޅައިގަނެގެން ތި އުޅެނީ؟" ނަޒްދާ އެހެން ބުނީ މަޑަކުން ނޫނެވެ. "ހަމަ ދާހާ ތާކަށް އެބަ އާދެޔޭ! ބުނެފީމެއްނު އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ! އަހަންނަށް އެނގެޔޭ ތި ކަހަލަ މީހުންގެ ވައްތަރު. ކަލެއަށް ކީއްވެގެންތަ އަހަރެން ނޭނގިގެން ތި އުޅެނީ؟ މިހާރު ވެސް ނޭނގެ ކިތައް އަނބިންކަމެއް ތިބީ."
ބުނެވޭނެ ކިތަންމެ އެއްޗެއް ހުރި ނަމަވެސް އެއްޗެއް ނުބުނެ އޭނަ ހުއްޓެވެ. ނަޒްދާގެ ހިތަށް ކޮށްފައިވާ އަސަރު އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. ނަޒްދާއަށް ވިސްނައިލެވުނު ނަމައެވެ. ނަޒްދާގެ ލޮލުން ކަރުނަ ހިކުނީކީ ނޫނެވެ. އެ ހުރިހައި ކަރުނައެއް ފޭދިފައިވަނީ އޭނަގެ ލޮލުންނެވެ.
"އަހަންނަށް އެބަ ފާރަލާ! ދަރިޔަށް އެބަ ފާރަލާ! ނުވާތާކަށް ފިރިމީހާއަށް އެބަ ފާރަލާ!" ނަޒްދާ އޭތިމީތި ގޮވުމަށް ފަހު، އޭނަގެ އަތުގައި އޮތް ފޯނު ޖަހައިގެންފައި، ޖެހިޖެހީނުން ފޯނު ފުނޑާލިއެވެ. "ގައިމު ވެސް ދެން އެ ފޯނަކުން ނުގުޅޭނެއްނު! ބޮޑު މުސީބާތަކަށް ވެއްޖޭ! މިޔޮއް ބޮޑު މާލޭން އަހަރެން ނޫން އަންހެނެއް ކަލެއަށް ނުފެނުނީތަ؟ ނުގުޅާށޭ ބުނެފިން. މެސެޖުނުކުރާށޭ ބުނެފިން. ކޮބައިތަ ކަލޭގެ މައްސަލައަކީ؟"
"އަހަރެންގެ މައްސަލައަކީ ނަޒްދާ!" އޭނަ ވަރަށް އޯގާތެރި ރާގެއްގައި، މަޑުމަޑުން ބުންޏެވެ. "ތީ އަހަރެންގެ މައްސަލައަކީ."
އޭނަ އިތުރު އެއްޗެއް ނުބުނެއެވެ. ފޯނުގެ އެތިކޮޅުތައް އެއްކުރާކަށް ވެސް ނޫޅެއެވެ. މަޑުމަޑުން ހިނގާފައި ދިޔައީއެވެ. ފަސްއެނބުރި ބަލައި ވެސް ނުލައެވެ. އޭރު ހަނާ އާދެއެވެ. ހަނާއާއި "އޭނަ" ބައްދަލެއް ނުވެއެވެ. ނަޒްދާ މީހަކާ ވާހަކަދެއްކިކަމެއް ވެސް ހަނާއަކަށް ނޭނގެއެވެ.
"އެނގޭތަ؟ މިއަދު ނަޒްދާ ޑިއުޓީއަށް އައި ތަނާ އަހަންނަށް މީހަކު ގުޅިއޭ،" ވެގެންއުޅޭ ގޮތް ނޭނގި ހުރެ ހަނާ ބުންޏެވެ. "ނޭނގެ ކާކުކަމެއް. އެކަމަކު އޭނައަށް އެނގޭ އަހަރުމެން ދެ މީހުން ވަރަށް ކްލޯސްކަން. ބުނީ ނަޒްދާ ވަރަށް ރަނގަޅަށް ބަލައްޗޯ! ކޮންމެވެސް ކަމަކާ ވަރަށް ދެރަވެފަޔޯ ހުރީ. އަހަރެން ކައިރީގަ ބުނި ތިހާ ދުރުގަ ނުހުންނާށޯ! ވީހާ ވެސް ކައިރީގަ ހުންނާށޯ! ފްރެންޑަށް މިއަދު ޖެހޭނޯ ވަރަށް ކެއާކުރަން."
ނަޒްދާގެ ހިތުގައި އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑަށް ލޯބީގެ ވާރޭ އޮހިގަތް ކަހަލައެވެ. ގުގުރުމެއް، ވިލާގަނޑެއް ވެސް ނެތިއެވެ. ނަޒްދާ ހިތަށްއެރިއެވެ. ނަޒްދާއަކީ އޭނަގެ ކާކު ހެއްޔެވެ؟ ނަޒްދާ ދެކެ އޭނަ އެހައި ލޯބިވަނީ ކީއްވެގެން ހެއްޔެވެ؟ ނަޒްދާ ދެކެ އެންމެ ލޯބިވާންޖެހޭ މީހާ ހެދީ މަކަރެވެ. އެންމެ ލޯބިވި މީހާ ދެކެ ނަޒްދާއަށް އާދެވުނީ ރުޅިއެވެ. އެއީ ކީއްވެ ހެއްޔެވެ؟
"އަދި އެނގޭތަ؟ ބުނީ ނަޒްދާ އުފާވޭތޯ ލަންޗަކަށް ގެންދާށޯ! އޭނަ ދިން ލަންޗެކޭ ނުބުނައްޗޭ ވެސް ބުނި،" ހަނާ ކިޔައިދިނެވެ. "ދެން ޓަސްލާފަ މީހަކު އައިސް ތައުޒަން ރުފިޔާ ދީފަ ހިނގައްޖެ!"
ނަޒްދާ ރޯންފެށިއެވެ. ދެން ހުއްޓައެއް ނުލެވުނެވެ. ހަނާއަށް ކުރެވުނުހައި ވެސް ކަމަކީ، ހައިރާންވެގެން ބަލަހައްޓައިގެން ހުރުމެވެ.
"އަޅެ ސޮރީ!" ކައިރީގައި ހުރި ގާފޮޅެއް މަތީގައި އިށީންނަމުން ނަޒްދާއަށް ބުނެވުނެވެ. "ސޮރީ.. ސޮރީ!"
ދަރިފުޅު ގޮވައިގެން ސައިކަލުގައި އައި އިރު ވެސް ނަޒްދާގެ ކަޅި ހޯދަމުންދިޔައީ އެންމެ މީހެކެވެ. އޭނައެއް ނުފެނުނެވެ. ސައިކަލު ބަހައްޓާފައި ގެއަށް ވަންނަމުން ފޯނަށް ބަލައިލެވުނެވެ. މެސެޖެއް ނެތެވެ. ބޭނުންވީ ދޮރުގެ އަތްގަނޑުގައި އެއްޗެއް އަޅުވައިފައި އޮންނާށެވެ. ކޮތަޅެއް އޮތެވެ. އެކަމަކު އޭގައި އަތްނުލެވިގެން އުޅެނިކޮށް، އެތެރެއިން މުޖުތަބާ ދޮރު ހުޅުވައިލިއެވެ.
"މީ ކޯޗެއް؟" ކޮތަޅު ނަގަމުން މުޖުތަބާ ބުންޏެވެ.
ނުނިމޭ