އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް
އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް

އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނަކް އޭނާގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރައްވައި އެ ބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިއުލާން ކުރައްވައިފި އެވެ.

އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް
އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް

ރިޝީ ސުނަކް އިއްޔެ އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނައާ ބައްދަލުކުރެއްވުމަށް ފަހު، އިނގިރޭސި ތަޚުތުގެ ނަމުގައި ސަރުކާރެއް އެކުލަވައިލެއްވުމަށް ރަސްގެފާނު ދެއްވި ދައުވަތާއެކު، ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ޑައުނިން ސްޓްރީޓް 10 އަށް ވަޑައިގެން، އޭނާ އިޚްތިޔާރު ކުރެއްވި ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.

އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް
އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް

އިނގިރޭސި ވިލާތުގެ އާ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ނަންތައް އިއްޔެ އިއުލާންކުރެއްވި އިރު، ކެބިނެޓްގައި ގިނައީ އެންމެ ފަހުގެ ދެ ސަރުކާރުގައި ކޮންމެވެސް މަގާމެއް ފުރުއްވި ބޭފުޅުންނެވެ. އަދި ކުރީގެ ސަރުކާރުގައި ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ހަމަ އެ މަގާމުތައް ދެއްވި އެވެ.

އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް
އިނގިރޭސި އާ ސަރުކާރަށް ބާ ކެބިނެޓެއް

އެ ގޮތުން ކުރީގެ ސަރުކާރުގައި މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ޖެރެމީ ހަންޓް އާއި ޚާރިޖީ ވަޒީރު ޖޭމްސް ކްލެވަލީ އާއި ދިފާއީ ވަޒީރު ބެން ވެލެސް އަށް ހަމަ އެ މަގާމުތައް ދެއްވި އެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ސުއެލާ ބްރޭވާމޭން އެވެ.

ބޮރިސް ޖޯންސަންގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި ނަދީމް ޒަހާވީ ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަންކަން ދެއްވުމުގެ އިތުރުން ވަކި މިނިސްޓްރީއެއް ނެތް ވަޒީރެއްގެ ގޮތުގައި އައްޔަން ކުރެއްވި އެވެ. ބޮރިސްގެ ސަރުކާރުގައި ޚާރިޖީ ވަޒީރު ކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑޮމިނިކް ރާބް އަށް، ބޮޑުވަޒީރުގެ ނާއިބު ކަމާއި ޖަސްޓިސް މިނިސްޓަރުކަން ދެއްވި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ކަމަށް އައްޔަންކުރެއްވީ، ލީޒް ޓްރަސްގެ ވެރިކަމުގައި ވެސް އެ މަގާމުގައި ހުންނެވި ޕެނީ މޯޑައުންޓް އެވެ.

އާ ސަރުކާރަށް އިއްޔެ އައްޔަންކުރެއްވި ވަޒީރުންނާ އެކު، ބޮޑުވަޒީރު ރިޝީ ސުނަކް މިއަދު ވަނީ ކެބިނެޓްގެ ފުރަތަމަ ޖަލްސާ ބާއްވައި، ވެރިކަން ހިންގުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ގޮތާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.

ކެބިނެޓްގެ ފުރަތަމަ ބައްދަލުކުރެއްވުމަށް ފަހު، ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަން އަދި ވަކި މިނިސްޓްރީއެއް ނެތް ވަޒީރެއްގެ ގޮތުގައި ހުންނެވި ނަދީމް ޒަހާވީ ވިދާޅުވީ ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ވަރަށް ބަދަހި ގުޅުމެއް އެބަ އޮތް ކަމަށެވެ.